ދައުލަތުގެ ބަޖެޓް

ޓޫރިޒަމް ބިމު ކުލި ވަކި މުއްދަތަކަށްފަހު ބޮޑުކުރެވޭގޮތަށް ހުށަހަޅަނީ

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ކުޑަކުރަން ހިމަނާފައި ވާއިރު، އެ އަދަދުތައް ވަކި މުއްދަތަކުން މުރާޖައާކޮށް، ބަދަލު ގެންނަން ހުށަހަޅައިފި އެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔަށް ވެސް މި ބިލުން ބަދަލުތަކެއް ގެންނާނެ އެވެ. މިގޮތުން، ށ. އަތޮޅުން ގދ. އަތޮޅަށް ހަ ޑޮލަރު، ހއ. އަތޮޅުން ހދ. އަތޮޅަށް ހަތަރު ޑޮލަރު އަދި ޏ. އަތޮޅުން ސ. އަތޮޅަށް ދެ ޑޮލަރަށް ވަނީ ކުޑަކޮށްފައި އެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާރު ނަގަނީ އަކަ މީޓަރަކަށް އަށް ޑޮލަރެވެ.

ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއަށް މައުލޫމާތު ދެއްވަން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަޑައިގެންނެވި އެވެ. އެހެންވެ އެ ދެ ބޭފުޅުންގެ ހާޒިރުގައި ބައެއް މެންބަރުން ވަނީ ކުލީގެ އަދަދުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

އަދި ކޮވިޑް-19 އިގެ އިގުތިސޯދީ ދަތީގެ ތެރެއިން، ކުލި ކުޑަ ކޮށްގެން އަންނަ އަހަރު ދައުލަތަށް 137 މިލިއަނެއްހާ ރުފިޔާ ގެއްލިގެންދާއިރު، އެއީ މިވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއްތޯ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވި ގޮތުގައި، އައްޑޫ އަދި ލ. އަތޮޅުން ބިމު ކުއްޔަށް އަކަ މީޓަރަކަށް ދެ ޑޮލަރު ކަނޑައަޅާފައި ވަނީ، އެ ސަރަހައްދަކީ އެހެން ރަށްތަކާ ހިލާފަށް ބީޗް ޓޫރިޒަމް ނޫން އެހެން ކޮންސެޕްޓެއް ގެންގުޅެންޖެހޭ ސަރަހައްދަކަށްވާތީ ކަމަށެވެ. މިގޮތުން، އެ ސަރަހައްދުގައި އިންވެސްޓްކުރަން ބާރު އެޅުމަށްޓަކައި، އިންވެސްޓަރުންނަށް އެފަދަ ލުޔެއް ދޭންޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަދި އެހެން ސަރަހައްދުތަކަށް ވެސް ބިމު ކުލި ކުޑަކޮށް، އަދަދު ކަނޑައަޅާފައި ވަނީ ދަތުރުފަތުރުގެ ދިގު މިނާއި، އެ އަތޮޅެއްގައި ހުރި ވަސީލަތްތަކަށް ބަލައިގެން، ރަނގަޅު ދިރާސާއެއް ހެދުމަށްފަހު ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މާލެ އަތޮޅުގައި ހުރި ރިސޯޓުތަކުގެ ކުލި 10 ޑޮލަރަށް ބޮޑު ކުރުމާއެކު މިހާރު ބިލުގައި ކަނޑައަޅާފައިވާ ކުލީގެ އަދަދުތައް 10 އެއް ނޫނީ 15 އަހަރަށް ފަހު ބަދަލު ގެނެވޭނެ ފަދަ އިސްލާހުތަކެއް އެ ބިލަށް ހުށަހަޅުއްވަން ނިންމަވާފައިވާ ކަމަށެވެ.

ޝަރީފްގެ ވިސްނުންފުޅަށް އިޝާރާތް ކުރައްވައި، ފައްޔާޒް ވިދާޅުވީ، މާލެ އަތޮޅުގައި ހުރި ރިސޯޓުތަކުގެ ބިމު ކުލި ކުއްލިއަކަށް ބޮޑުކުރުމަކީ މި ވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ނަމަވެސް ވަކި މުއްދަތަކަށް ފަހު ކުއްޔަށް ބަދަލު ގެނެވޭނެ ފަދަ މާއްދާއެއް އިތުރުކުރަން ތާއީދު ކުރައްވާ ކަމަށެވެ.

"އޭރުން އިންވެސްޓްކުރާ ފަރާތްތަކަށް ވެސް ޔަގީންކަން އޮންނާނެ، ސަރުކާރު ބަދަލުވުމާއެކު ކުއްޔަށް ބަދަލު ނާންނާނެކަން،" ފައްޔާޒް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވެސް ކުއްޔަށް ބަދަލުގެނެވޭ މާއްދާއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވަމުން ވިދާޅުވީ، އެ ބަދަލުގެނެވޭނެ މުއްދަތު މަޖިލީހުން ކަނޑައެޅުމުން ރަނގަޅުވާނެ ކަމަށެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ޓޫރިޒަމުން ލިބޭ އާމްދަނީގެ އަންދާޒާތަކަށް މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީން ގެނައި ބަދަލުތައް ހިމެނޭއިރު، އެ ބިލު ބަޖެޓުގެ ކުރިން ފާސްކުރަން މަޖިލީހުން ވަނީ އަމާޒު ހިފާފަ އެވެ.

މިގޮތުން، އެ ބިލު ދިރާސާ ކުރަން މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް މާދަމާއަށްވެސް ތާވަލު ކޮށްފައިވާއިރު، އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ ހިޔާލު ހޯދަން ހާޒިރު ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑު ކޮށްދޭން ކޮމިޓީން ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށް ކޮމިޓީން ވަނީ ފާސްކޮށްފައި އެވެ.