ހަބަރު

ޕްރައިވެޓް އައިލެންޑަކަށް މަދުވެގެން 15 މިލިއަން ޑޮލަރުގެ އަންދާޒާއެއް

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ހިމެނޭ، ދިގު މުއްދަތަށް ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރަން އެކުއިޒިޝަން ކޮސްޓަށް މަދުވެގެން 15 މިލިއަން އެމެރިކާ ޑޮލަރުގެ އަންދާޒާއެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ކަނޑައަޅުއްވައިފި އެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.

އެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއެކު މައުލޫމާތު ދެއްވަމުން ފައްޔާޒް ވިދާޅުވީ، އިގުތިސޯދީ ނަޒަރަކުން ބަލާއިރު މި ބިލާއެކު ޓޫރިޒަމް ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިހާރު އޮތް ގަވައިދެއްގެ ދަށުން، ބައެއް ރިސޯޓުތަކުން މިހާރު ވެސް ދިގު މުއްދަތަށް ޕްރައިވެޓް ވިލާތައް ކުއްޔަށް ދޫކޮށްފައިވާކަން ފާހަގަ ކުރައްވަމުން، މިނިސްޓަރު ވިދާޅުވީ ގާނޫނަކުން މިކަމަށް ބާރު ދިނުމުން، އިންވެސްޓަރުންނަށް އޮންނަ އިތުބާރު ބޮޑުވެގެން ދާނެ ކަމަށެވެ.

އިތުރަށް ވިދާޅުވީ ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް ސަރުކާރުން ހުށަހަޅާފައި ވާނީ، ދައުލަތުގެ ދަރަނި ބޮޑުވެ، ވީ އެންމެ އަވަހަކަށް އާމްދަނީ އިތުރު ކުރަންޖެހިފައި ވާތީ ކަމަށެވެ.

"ޕްރައިވެޓް އައިލެންޑް ބޮޑެތި މުއްސަނދިންނަށް، ޓޫރިޒަމް ބޭނުމަކަށް ނޫން، މި ގާނޫނުން މިދެނީ، އެ މީހުންގެ އަމިއްލަ ބޭނުމަށް،" ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ކާމިޔާބު ކަމާއެކު ހިންގަމުންދާ މޮޑަލްއެއްކަން ފާހަގަ ކުރައްވަމުން ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ޕްރައިވެޓް އައިލެންޑް ކޮންސެޕްޓްގެ ދަށުން ގިނަ ފުރުސަތުތަކެއް ހުޅުވާ ނުލާނެ ކަމަށާއި، އޭގެ ސަބަބުން ފުދޭވަރެއްގެ ބޮޑު އެކުއިޒިޝަން ކޮސްޓެއް ސަރުކާރަށް ނެގިދާނެ ކަމަށެވެ.

"މަދު ރަށްކޮޅެއް އުފައްދައިގެން، ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެ ކަމަށް. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި ތިން ހެކްޓަރު ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 ވަރަކަށް މިލިއަން ޑޮލަރުގެ އެކުއިޒިޝަން ކޮސްޓެއް އަޅުގަނޑުމެންނަށް ލިބިދާނެ،" މިގޮތަށް 20 އަކަށް ރަށް ލީސްކޮށްގެން ދައުލަތު ދަރަނި ދަށްކުރަން ބޮޑު އަދަދެއް ލިބޭނެކަމަށް ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވި އެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރަން ދޫކުރަނީ މިހާރު އުފެދިފައިވާ ރަށްތައް ނޫން ކަމަށާއި، އެކަމަށް ކުއްޔަށް ދޫކުރާނީ ފަޅުގެ ސަރަހައްދުތައް ކަމަށެވެ.

ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެންދާނެކަން މައުސޫމް ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ މަތީފަންތީގެ ވިލާތަކުގެ އިތުރުން ޕްރައިވެޓް އައިލެންޑް ތަރައްގީ ކުރުމުގެ ކޮންސެޕްޓްގެ ދަށުން އެކުއިޒިޝަން ކޮސްޓާއި ކޮންމެ އަހަރަކު އެތަންތަނުން ބިމު ކުއްޔާއި، ވިޔަފާރީގެ ހަރަކާތްތަކުން ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބިގެންދާނެ ކަމަށެވެ.

ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީ ކުރާ ސަރަހައްދުތަކުން، ބިމު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް އެއް ޑޮލަރު ވަނީ ހިމަނައިފަ އެވެ.

ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށާއި ސިޓީ ކައުންސިލު ތަކަށް ދީފައިވެ އެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެކި ސަރަހައްދުތަކަށް ތަފާތު ކުލިތަކެއް ކަނޑައަޅާފައިވާއިރު، އެކަމާ ގުޅިގެން ބައެއް މެންބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު ވަނީ ޖަވާބު ދެއްވައިފަ އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި، އައްޑޫ އަދި ލ. އަތޮޅުން ބިމު ކުއްޔަށް އެކަ މީޓަރަކަށް ދެ ޑޮލަރު ކަނޑައަޅާފައިވަނީ، އެ ސަރަހައްދަކީ އެހެން ރަށްތަކާ ހިލާފަށް ބީޗް ޓޫރިޒަމް ނޫން އެހެން ކޮންސެޕްޓެއް ގެންގުޅެންޖެހޭ ސަރަހައްދަކަށްވާތީ ކަމަށެވެ.

މިގޮތުން، އެ ސަރަހައްދުގައި އިންވެސްޓްކުރަން ބާރު އެޅުމަށްޓަކައި، އިންވެސްޓަރުންނަށް އެފަދަ ލުޔެއް ދޭންޖެހޭކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާރު އަށް ޑޮލަރު ކަނޑައަޅާފައިވާއިރު، އެ އަދަދު މާލެ ނޫން އެހެން ހުރިހާ ސަރަހައްދުތަކަށް ބިލުގައި ވަނީ ކުޑަކޮށްފައި އެވެ.

މި ބިލުގައި ހިމެނޭ އިސްލާހުތަކަށް މަގުފަހި ކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނުވެސް މި މަހު ކުރީ ކޮޅު ވަނީ އިސްލާހުކޮށްފި އެވެ.

މި ބިލުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމުން އަންނަ އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.