ދައުލަތުގެ ބަޖެޓް

ދިވެހިންނަށް ފުރުސަތު ދޭން ރިސޯޓުތަކަށް ބޭރު މުވައްޒަފުން ގެނައުން ހުއްޓުވައިދޭން ގޮވާލައިފި

ކޮވިޑް-19 އިގެ ހާލަތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވެ، ރިސޯޓުތަކަށް ލިބޭ އާމްދަނީ މަދުވެފައިވާއިރު، އެ ފައިސާ އިގުތިސޯދު ތެރޭގައި ހިފެހެއްޓުމަށްޓަކައި ދިވެހިންނަށް ފުރުސަތު ދިނުމަށް ރިސޯޓުތަކަށް ބޭރުން މުވައްޒަފުން ގެނައުން ހުއްޓުވައިދޭން ސަރުކާރަށް ގޮވާލައިފި އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، މިހާރު ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ ކޮވިޑް-19 އިގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން އެތައް ގުނައެއް މަދުވެފައިވާ ކަމަށެވެ.

އޭނާ ނިސްބަތްވާ އައްޑޫއަށް އިޝާރާތްކުރައްވައި، ނާޒިލް ވިދާޅުވީ އެ އަތޮޅުގައި ހިންގާ ދެ ރިސޯޓުކަމަށްވާ ޝަންގްރިލާގެ އިތުރުން ކެނެރީފްވެސް ބަންދުކުރުމާ ގުޅިގެން އެ އަތޮޅުގެ އެތަކެއް ސަތޭކަ މުވައްޒަފުންގެ ވަޒީފާ ގެއްލި، ނިކަމެތިވެފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ރިސޯޓުތައް ވެސް ހުޅުވަމުން އަންނައިރު، އައްޑޫގެ އެ ދެ ރިސޯޓު ހުޅުވުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިވާނުވާކަމަށާ އެކަމާ ހިތާމަކުރައްވާކަމަށް ނާޒިލް ވަނީ ވިދާޅުވެފައި އެވެ.

"500 މީހުންގެ ވަޒީފާ ޝަންގްރިލާ ރިސޯޓުން ގެއްލިއްޖެ. 270 މީހުންގެ ވަޒީފާ ކެނެރީފް ރިސޯޓުން ގެއްލިއްޖެ. މިއީ އައްޑޫގެ ގިނަ ރަށްރަށަށް އާމްދަނީގެ ގޮތުގައި ވަންނަން އޮތް އެއްޗެއް. މިހާރު ނުލިބޭ އެކައްޗެއްވެސް،" އޭނާ ވިދާޅުވި އެވެ.

ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ދިވެހިން އެފަދަ ނިކަމެތި ހާލެއްގައި ވަނިކޮށް، ކޮވިޑް-19 އިގެ ހާލަތު ރަނގަޅުވެ، ރިސޯޓުތައް އަލުން ހުޅުވާލުމާއެކު އެ ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން އަނބުރާ ގެންނަން ޖެހުނީ ކީއްވެތޯ ނާޒިލް ވަނީ ސަރުކާރަށް އަމާޒު ކުރައްވައި، ސުވާލު ކުރައްވައިފަ އެވެ.

މިގޮތުން، ބޯޑަރު ހުޅުވާލުމާއެކު ފުރަތަމަ އައި ފްލައިޓުންވެސް ޓޫރިސްޓުންނަށް ވުރެ ގިނައިން ރާއްޖެ އައިސްފައިވަނީ ރިސޯޓުތަކުގެ ބިދޭސީ މުވައްޒަފުންކަމަށާއި، އެކަން ދައުލަތުން ބަލައި، ޓޫރިޒަމް މިނިސްޓްރީން ހުއްޓުވެންޖެހޭކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"ހަމަ ލިބޭ އެތިކޮޅު ބޭރަށް މި ފޮނުވާލަންޖެހުނީ. 15.42 ރުފިޔާއަށް ހުރި ޑޮލަރު 19.50 ރުފިޔާއަށް އެރީމަ އަޅުގަނޑުމެން މިވާހަކަ ދައްކަންމިޖެހެނީ. މިއީ ހިތާމަހުރި ކަމެއް،" އޭނާ ވިދާޅުވި އެވެ.

މި ދަތި ހާލަތުގައި ރިސޯޓުތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީ މުވައްޒަފުން މި ވަގުތު އަނބުރާ ގެނައުމުގެ ބަދަލުގައި، އެ ފުރުސަތު ދިވެހިންނަށްދީ، ޓޫރިޒަމުން ލިބޭ އާމްދަނީ އިގުތިސޯދު ތެރޭގައި ހިފަހައްޓައި ދިނުމަށް، ނާޒިލް ވަނީ ޓޫރިޒަމް މިނިސްޓްރީ އަށާއި ރިސޯޓުތައް ހިންގާ ފަރާތްތަކަށް އިލްތިމާސް ކުރައްވައިފަ އެވެ.