އިގްތިސޯދު

އަޅާލުމެއް ނެތް: ވިޔަފާރިތައް މަރަށް ތެޅެނީ!

ރާ އްޖޭގައި އޮތް ވިޔަފާރީގެ ރަނގަޅު ތަރުތީބު ގެއްލި ހާލަތު މުޅީން ފުށުން ޖެހިފައިވާތާ ދުވަސްތައް ވެއްޖެ އެވެ. މުޅި ނިޒާމު އެއްކޮށް ވަނީ ހަލާކުވެ ހާލުގައި ޖެހިފަ އެވެ. ހާޑްވެއާ ފިހާރަތަކުގައި ބުރުމާ އާއި އިސްކުރާއެކު މާވިއްކަން ޖެހިފައި ވެއެވެ. މާ ފިހާރަތަކުގައި ކާބޯތަކެތި ވިއްކަން މަޖުބޫރު ކުރުވައި، ކާބޯ ތަކެތި ވިއްކި ތަންތަނުގައި އަންނައުނު ވިއްކުން ނޫން ގޮތެއް ނެތެވެ. ބޮޑެތި ރެސްޓޯރެންޓުތައް ކުދިވެ "ޓޭކްއަވޭ" ތަކަށް ވެއްޖެ އެވެ؛ މިއީ ކޮވިޑުގެ ހާލަތުގެ ތެރެއިން ނެގި ރާޅުތައް ބިންދާލައި ދަމާލިއިރު ރާއްޖޭގެ ކުދި އަދި މެދުފަންތީގެ (އެސްއެމްއީ) ސެކްޓާއިން ފެންނަ ބިރުވެރި މަންޒަރެވެ. މި ވިޔަފާރިތައް "ސަވައިވް" ވާން ކުރާނެ ނުކުރާނެ ކަމެއް ނޭނގި "މަރަށް" ތެޅެނީ އެވެ.

ވިޔަފާރިތައް ސަލާމަތް ކުރަން ކުރެވޭނީ ވެސް ކޮން ކަމެއް ހެއްޔެވެ؟ ކުދި އަދި މެދު ވިޔަފާރިތަކަށް ހޯދައި ދެވޭނީ ކޮން "ސްޓިމިއުލަސް" އެއް ހެއްޔެވެ؟ މިހާރު ރާއްޖެއިން މި ފެންނަނީ އެހިތްދަތި މަންޒަރެވެ. ފެންނަމުން މިދަނީ ކުދި ވިޔަފާރިތައް ހަލާކު ވެގެންދާތަނެވެ. އެ ވިޔަފާރިތައް ސަވައިވް ނުކުރެވިއްޖެނަމަ ރާއްޖޭ އިކޮނޮމީ އަށް އިތުރު މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ.

"ސަރުކާރުން އެބަ ޖެހޭ މުޅި ޕްރައިވެޓް ސެކްޓާ އޮން ބޯޑު ކޮށްގެން މި ކަމުގައި ކުރެވޭނީ ކޮން ކަމެއްތޯ ބަލަން،" ގިނަ ވިޔަފާރިތަކެއް ކުރައްވާ ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފު) ވިދާޅުވި އެވެ.

ޝަރީފުގެ އެ ވާހަކަ ވަރަށް ރަނގަޅެވެ؛ ކޮވިޑް-19 އިގެ ސަބަބުން ގެއްލުންވީ ހަމައެކަނި ރާއްޖެއަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔޭގެ ވިޔަފާރީގެ މާހައުލަށް ވެސް މި މައްސަލަތަކާ ކުރިމަތިވެފައި ވެއެވެ. އަދި އެތައް ވިޔަފާރިއެއް ދުނިޔެއިން "ގެއްލިއްޖެ" އެވެ. އެކަމަކު އެ ގައުމުތަކުގެ ސަރުކާރުންތަކުން އެކަން ކުޑަ ކުރަން ތަފާތު ފިޔަވަޅުތައް ރަނގަޅު ގޮތުގައި އެޅި އެވެ. މިގޮތުން އެޅި ތަރުތީބު ފިޔަވަޅުތަކުގެ ނަތީޖާއަކަށްވީ އެ ގައުމުތަކުގެ އިކޮނޮމީން އެކަން ފެންނަމުން ދިއުމެވެ.

އަހަރެއްވެ ދެވަނަ އަހަރު ގުނަމުންދާ ކޮވިޑް ބަލިން އިކޮނޮމީއަށް ކުރާ އަސަރު ކުޑަ ކުރަން ދިވެހި ސަރުކާރުން ވެސް ފިޔަވަޅުތައް އެޅި އެވެ. އެހެން ގައުމުތަކުން ކުރާ ޒާތުގެ ކަންކަން ވެސް ކުރި އެވެ. މި ބަލި ފެނުމާއެކު އިއުލާނު ކުރި އިކޮނޮމިކް ރިލީފް އިން ލުއިތަކެއް ދިނެވެ. ސަރުކާރުން ސިފަ ކުރާ ގޮތުގައި އެހީތަކުގެ އިފެކްޓް ވެސް ބޮޑެވެ.

ފިނޭންސް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ޗީފް ފައިނޭޝަލް ބަޖެޓު އެގްޒެކެޓިވް އަހުމަދު ޝަރުވަޝް އާދަމް ވިދާޅުވި ގޮތުގައި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަށް ލުއި ލިބި ގިނަ ވަޒީފާ ތަކެއް ސަލާމަތްވެ ވަޒީފާ ދަމަހައްޓަން ދިން ލޯނުތަކުގެ ސަބަބުން ޗެކް އެންޑް ބެލެންސް ނިޒާމެއް ލިބިގެން ދިޔަ އެވެ. އެސްޑީއެފްސީ އިން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ބޮޑު ލުޔަކަށްވި އެވެ.

ސަރުކާރުން އެ ބުނާ ގޮތަށް އިކޮނޮމިކް ރިލީފުން އިކޮނޮމީއަށް "ނޭވާ" އެއް ލެވުނު ކަމަށް ބުނެވިވެސް ދާނެ އެވެ. އެކަމަކު "ވެންޓިލޭޓަރުގައި އޮތް ދިވެހި އިކޮނޮމީ" އެއިން ނެގޭ ގޮތެއް ހަމަ ނުވެ އެވެ. އަދި އިކޮނޮމީ ވެންޓިލޭޓަރުން ނެގޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

ކުދި އަދި ވިޔަފާރިތައް ތަމްސީލް ކުރާ އެސްއެމްއީ ފެޑަރޭޝަންގެ ނައިބް ރައީސް އިބްރާހިމް އަލީ ޖަލީލު (އިބޫ) ވިދާޅުވި ގޮތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ހަގީގީ މައްސަލައަކީ ވިޔަފާރި ނުކުރެވުމެވެ. އަދި އެކަމަށް ގޮތްތަކެއް ހޯދައި ދީގެން ނޫނީ އިކޮނޮމީއަށް ހަމަނޭވާ ލެވޭނެ ގޮތެއް ވެސް ނެތެވެ.

"ވަރަށް ރަނގަޅު މޮނީޓަރިން ނިޒާމެއްގެ ދަށުން ވެސް ވިޔަފާރި ކުރެވޭނެ ގޮތްތަކެއް ބޭނުންވުން ހަގީގީ ހައްލަކީ. މީގައި އެބައޮތް ވިޔަފާރި ކުރާ ފަރާތްތަކުގެ ޒިންމާއެއް ވެސް މި ކަނޑައަޅާ ގައިޑްލައިންތައް ރަނގަޅު ފޮލޯ ކުރުން،" އިބޫ ވިދާޅުވި އެވެ.

ލޮކްޑައުންގައި އިކޮނޮމީ ހިންގާނެ ގޮތެއް ނޭނގުނު

ރަނގަޅަށް ވިޔަފާރި ނުކުރެވުނު މައްސަލަ ރާއްޖޭގައި އޮތީ ހަމައެކަނި ކޮވިޑުގެ ރާޅު އައުމާ ހަމައިން އެކަންޏެއް ވެސް ނޫނެވެ. މީގެ ކުރިން ވެސް މި މައްސަލަ އޮތީ އިންތިހާއަށް އުހުގަ އެވެ. ޓޫރިޒަމް ކިތަންމެ ރަނގަޅު ވިއަސް އެތެރޭގެ އިކޮނޮމީ ހިންގާނެ ނިޒާމެއް ކޮވިޑް އައިއިރު ރާއްޖެއަކު ނެތެވެ. ކޮންމެ ފަހަރަކު ލޮކްޑައުންނަށް ދާއިރު ވެސް ދައުލަތުގެ ތެރޭގައި އިކޮނޮމީ ރަން ކުރާނެ ގޮތުގެ ސްޓޭންޑަޑް ޕްރޮސީޖާ (އެސްއޯޕީ) ނެތުމުގެ ނަތީޖާއަކީ ހުރިހާ ދަތިކަމެއް ވިޔަފާރި ތަކާ ލައްވާލުމެވެ. ވިޔަފާރި ހިންގަން ބޭނުންވާ ހުއްދަތައް ހޯދުން މި އޮންނަނީ ކަމެއް ކުރާ ބަޔަކު ފޫހިވެ، ރުޅިއައިސްގެން ގޮސް ދެން އެކަމެއް ނުކުރާނެ ވަރަށެވެ.

ލޮކްޑައުންކޮށް ސަރުކާރުގައި ބަންދު ބޯޑު އެޅުވި ނަމަވެސް އިކޮނޮމީ ހިންގަން ބޭނުންވާ ހުއްދަތައް ހޯދުން ވަނީ މާވަހަރެއް ހޯދުން ފަދަ ކަމެކެވެ. އޭގެ ވަރަށް ކުޑަ މިސާލެކެވެ؛ ބަންދުވީއިރު މާލެ ސަރަހައްދުގައި އެކަނި 70 ވަރަކަށް ކޮންސްޓްރަކްޝަން ސައިޓު މަސައްކަތްް ފެށިފައި ހުއްޓެވެ. ބައެއް ތަންތަން ހުރީ ފައުންޑޭޝަން އަޅަން ކޮނެ ޖެހިގެން ހުންނަ ގެއަށް ގެއްލުން ވެދާނެތީ ބިތްގަނޑާއެކު ކައްތިރި ވިއްދާފަ އެވެ. އެކަމަކު އެ ތަންތަނުގައި މަސައްކަތް ފަށަން ހުއްދަ ދެވޭނެ އުސޫލެއް ވެސް ސަރުކާރުގެ ތެރޭގައި ނެތެވެ. ކުރިން މިކަން ކުރަނީ މާލޭ ސިޓީ ކައުންސިލާއި ފުލުހުންނެވެ.

އެހެން ނަމަވެސް މިހާލަތު އައުމާއެކު މި ހުއްދަ ދޭން ފުލުހުންނާއި ސިޓީ ކައުންސިލުގެ މެދަށް އިތުރު "ލޭޔަރެއް" ވަދެއްޖެ އެވެ. އެއީ އިކޮނޮމިކް މިނިސްޓްރީ އެވެ. އެތަނުގައި ތިބޭ މީހުން ކޮންސްޓްރަކްޝަން ދާއިރާއަކީ ކިހިނެއް ހިނގާ ވިޔަފާރިއެއް ކަމެއް ނޭނގެ އެވެ. އޭގެ ނަތީޖާއަކަށްވެފައި ވަނީ ހުއްދަ ދިންއިރު ހަމައެކަނި ދީފައިވަނީ ކޮންސްޓްރަކްޝަން ސައިޓަށް މީހުން ދިއުމުގެ ހުއްދަ އެވެ. އެތަނުގައި މަސައްކަތް ފަށަން ހުއްދައެއް ނެތެވެ. ވެހިކަލެއް ނުގެންދެ އެވެ. ދެން އެކަން ކުރާނެ ގޮތެއް ބުނެދޭށެވެ.

މުޅި ނިޒާމެއް އެއްކޮށް ސިއްހީ މަގަތު ސަފުގެ އަތްމައްޗަށް ދޫކޮށްލާފައިވ ސިޔާސީ މީހުނަށް ރަނގަޅު މުސާރަ ނަގައިގެން "ޓިޝޫއިން ފުޓުބޯޅަ" ކުޅެން ތިބެނީއޭ ބުނަނީ އެހެން ވެގެނެވެ.

ރާއްޖޭގައި 150 އެއްހާ ވިޔަފާރި ތަމްސީލް ކުރާ އަންހެނުންގެ ވިޔަފާރިވެރި، ޖަމިއްޔާއެއްގެ ކަނބަލަކު ވިދާޅުވި ގޮތުގައި ފެންނަނީ އިކޮނޮމީ ހިންގަން ތަން ނުދީ ހިފަހައްޓައިގެން އުޅޭތީ އެވެ.

"ފިހާރަ ތަކަށް ހަމަ ގޮސް ކިޔޫ ޖެހިގެން ވަދެވޭ، ކެފޭތަކުގެ ދޮރުމަތީ އެ އޮންނަނީ ފުރިފައި ބިދޭސީން ބޯކޮށާ ތަންތަން އެބަ ހިންގާ. އެކަމަކު އަގު ބޮޑުކޮށް އިންވެސްޓްކޮށް ހަދާފައި ހުންނަ ސެލޫން ތަކަށް ހުއްދައެއް ނެތް. އެކަމަކު މި ތަންތަނަށް މި އާދެވެނީ ވެސް ދުރާލާ އެޕޮއިންޓްމަންޓް ހައްދައިގެން. އެހެންވީއިރު މިފަދަ ތަންތަން ހުޅުވަން ހުއްދައެއް ނުދެވެންވީ ސަބަބެއް ހަމަ ނުވިސްނޭ،" ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.

މި ވަރުން ވިޔަފާރި ތަކަށް ހުރި ގޮންޖެހުތައް ނިމުނީ އެއް ނޫނެވެ. މުޅި ސަރުކާރުގެ ނިޒާމު ތެރޭގައި އޮތީ ކަންފަސޭހަ ކަމާއި ސިޔާސަތުގެ ދޯހަޅިކަން މަތީ ވިޔަފާރިތައް ފަނާވެގެން ގޮސް "ހަނާވާނެ" ގިނަ ސަބަބު ތަކެވެ. ކޮވިޑުގެ ހާލަތު ލައްވާލުމާއެކު ސަރުކާރުން ފިޔަވަޅު ތަކެއް އެޅި ނަމަވެސް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ހުއްޓައެއް ނުލަ އެވެ.

ލޯނު މައްޗަށް ލޯނު، އެހެން ގޮތެއް ނެތްތަ؟

ބައެއް އިކޮނޮމިސްޓުންގެ ނަޒަރުގައި އެއީ ރަނގަޅު ކަމެކެވެ؛ ނަމަވެސް ޕީއެސްއައިޕީ ފައިސާ ވިޔަފާރިތަކަށް ލިބޭނެ ގޮތެއް ނެތި ކިތަންމެ ގިނަ މަޝްރޫއެއް ހިންގި ނަމަވެސް ނިސްބަތުން މިއިން ކުރާނެ ފައިދާ ވަރަށް ކުޑަ ވާނެ އެވެ. އޭގެ ހެކި ވެސް ދަނީ ފެންނަމުންނެވެ. މި އަހަރު 10 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދު ކުރަން ކަނޑައަޅައި ތިން ބިލިއަނެއްހާ ރުފިޔާގެ މަޝްރޫއު ހިންގި ނަމަވެސް މި މަޝްރޫއުތަކުގެ ބޮޑުބައި ދަނީ ސަރުކާރު ކުންފުނިތަކާއި ބޭރުގެ ކޮންޓްރެކްޓަރުންނަށެވެ.

ސައިރިކްސް ޝަރީފު ވިދާޅުވި ގޮތުގައި ޕީއެސްއައިޕީ ބަޖެޓަކީ ހަމައެކަނި ވައުދު ފުއްދަން އޮންނަ އެއްޗަކަށް ވެއްޖެނަމަ އިކޮނޮމީއަށް ކުރާނެ ފައިދާއެއް ނޯންނާނެ އެވެ.

"ޕީއެސްއައިޕީ ހިންގުން އެއީ މައްސަލައެއް ނޫން. އެކަމަކު މިހާރު ޕްރޮޖެކްޓުތަކުގެ ބޮޑުބައި ހިންގަނީ ސަރުކާރު ކުންފުނިތަކާއި ބޭރުގެ ކޮންޓްރެކްޓަރުން. ދިވެހި ބޮޑެތި ކޮންޓެކްޓަރުން އެ ތިބީ ކުރާނެ ކަމެއް ނެތިފަ،" ޝަރީފު ވިދާޅުވި އެވެ.

ރާއްޖޭގެ އިިކޮނޮމީ މިހާލަތުގައި އޮތްއިރު އަނެއްކާ ވެސް ވެސް އިތުރު ސްޓިމިއުލަސް ޕެކޭޖެއް ސަރުކާރުން މިވަނީ ދީފަ އެވެ. އަދި ކުދި ވިޔަފާރިއަށް ވެސް އިތުރު ޕެކޭޖެއް ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސުވާލަކީ އަނެއްކާ ވެސް ދޭނީ ލޯނެއް ހެއްޔެވެ؟ އަނެއްކާ ވެސް މީހުން ލޯނު ނަގަންވީ ހެއްޔެވެ؟ މި ހާލަތުގައި ސަރުކާރުން ދިން ލޯނު ތަކުން ވިޔަފާރިތައް ތިބީ "ބަންދެވިފަ" އެވެ. ބޭންކް ތަކުން ސަރުކާރާއެކު ޓީބިލުން ވިޔަފާރި ކުރާއިރު އާއްމު ވިޔަފާރިތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލުއި ދޭން ދިން މި ލޯނު ދައްކާނެ ގޮތަކާ މެދުގަ އެވެ. ވިޔަފާރިއެއް ނުކުރެވެ އެވެ. އެ މީހުންގެ ބޮލުގެ ރިހުމަކީ އެއީ އެވެ.

"ޕީއެސްއައިޕީ މަޝްރޫއު ހިންގުން އެއީ މައްސަލައެއް ނޫން. އެކަމަކު މިހާރު ޕްރޮޖެކްޓުތަކުގެ ބޮޑުބައި ހިންގަނީ ސަރުކާރު ކުންފުނިތަކާއި ބޭރުގެ ކޮންޓްރެކްޓަރުން. ދިވެހި ބޮޑެތި ކޮންޓެކްޓަރުން އެ ތިބީ ކުރާނެ ކަމެއް ނެތިފަ
އަހުމަދު ޝަރީފު | ސައިރިކްސް

މަސައްކަތްތެރިކަމުގެ ދާއިރާ އިން ގިނަ އިނާމުތައް ހޯދާފައިވާ އަންހެން ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި ލޯނަކީ އިތުރު ލައިބިލިޓީއެކެވެ. ލޯނު ދީގެން ހިންގަން އުޅުމަކީ މައްސަލައެކެވެ.

"ލޯނު ދޫކުރީމަ އިތުރު ގޮތެއް ނެތިގެން އެ ނަގާފާނެ. ހަގީގަތަކީ ބަޔަކަށް ފައިދާއެއް ހޯދައިދޭން ހިތުގެ އަޑިން އެދިގެން ކަމެއް ނުކޮށްދޭކަން. ފެން ބިލާއި ކަރަންޓު ބިލުން މިދެނީ ޑިސްކައުންޓް. އެގޮތަށް ދޭއިރު ގިނަ ތަންތަން ހުންނަނީ ބަންދުކޮށްފަ. ދެން ކޮން ފެނެއް، ކަރަންޓެއް ތޯ އަރާނީ،" ނުރުހުންވެ ހުރެ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ވިޔަފާރި ތަކުން ބޭނުން ވަނީ ސަރުކާރަށް ދައްކަން ޖެހޭ ބައެއް ފައިސާ އިން ލުއި ލިބޭށެވެ. މުވައްޒަފުން ގެންދަން ދައްކަން ޖެހޭ ވިސާ ފީ އާއި ވޯކްޕާމިޓް ފީއަށް ލުއި ލިބޭށެވެ. ސަރުކާރު ބިންތަކުގެ ކުލި ކުޑަ ކޮށްދޭށެވެ.

ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަމަށްވާ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ "މަސީ" އިން ވަނީ ސަރުކާރަށް މި ހާލަތުގައި ބޭނުން ވާނެ 14 ކަމެއް ހުށަހަޅާފައި އެވެ.

އެ ޖަމިއްޔާއިން އެދޭ އެއް ކަމަކީ އިންކަމް ޓެކްސް ހިމެނޭ ގޮތަށް ޓެކްސް ދެއްކުމުގައި ލުއިކަމެއް ދިނުމެވެ. އަދި ބޭންކް އިންޓްރެސްޓް ރޭޓް ދަށް ކުރުމާއެކު އަމިއްލަ ކޮންޓްރެކްޓަރުންނަށް ސަރުކާރުން ދޭންޖެހި ހުރި ފައިސާ ދެވޭނެ އުސޫލެއްގެ ހަމަޖެހި ދިވެހި ކޮންޓްރެކްޓަރުންނަށް ޕީއެސްއައިޕީ މަޝްރޫއުތައް ލިބޭނެ ގޮތެއް ވުމެވެ. އަދި ލޯނުތައް އިތުރަށް ފަސްކޮށް ދިނުމެވެ. ހަމައެއާއެކު ބޭރު ފައިސާގެ އެކްސްޗޭންޖު ރޭޓަށް އަންނަ ބޮޑުވުން ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކަށް ގެނައުމެވެ. އަދި ހަމަ މިހާލަތުގައި ބޭރުގެ ކޮންޓްރަކްޝަން ކުންފުނިތަކަށް ފައިދާވާ ގޮތަށް އިންކަމް ޓެކްސް ގާނޫނު އިސްލާހު ކުރަން މިހާރު ސަރުކާރު އުޅުމަކީ ވެސް މި ޖަމިއްޔާގެ ކަންބޮޑުވުމެވެ. މީގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރު މީހުން ވާދަކުރަން އޮތް ފުރުސަތު ގެއްލިގެންދާނެ އެވެ.

ސަރުކާރުގެ މައި އިންޖީނަކީ ޕްރައިވެޓް ސެކްޓާ އެވެ. މި އިންޖީނު ހުއްޓިއްޖެނަމަ މުޅި ސަރުކާރުގެ ނިޒާމު ބޮއްސުން ލާނެ އެވެ. ސަރުކާރު ހިންގަން ހަމައެކަނި ޓޫރިޒަމް ރަނގަޅުވުމަކުން އެކަނި ނުފުދެ އެވެ. އެތެރޭގެ އިކޮނޮމީ ވެސް ދިރި އޮންނަން ޖެހެ އެވެ. އެކަމަކު މިހާރު ފެންނަނީ އެތެރޭގެ އިކޮނޮމީ މަރުވާން ވެންޓިލޭޓަރަށް ލެވިފައިވާ ތަނެވެ. އަޅާލުމެއް ނެތް، ކުދި ވިޔަފާރިތައް މަރަށް ތެޅޭ ތަނެވެ.