ރިޕޯޓް

މުޅި މި ރާއްޖެ ހަމައަގު ނުލިބޭ ޝަކުވާގައި!

Jul 12, 2021

މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ އެ މީހުން ބާނާ މަސް ކޮޅު ކިރޭނެ ގޮތެއް ނެތުމެވެ. އެ މީހުން ބާނާ މަހަށް ހަމަ އަގު ނުލިބުމެވެ. ރައްޔިތުންގެ ޝަކުވާއަކީ އެކި ނަންނަމުގައި ޓެކްސް ނެގި ނަމަވެސް ސަރުކާރުން ފޯރު ކޮށްދޭން ޖެހޭ ހިދުމަތްތައް ބޮޑު ތަނުން ފީކަޅާވުމެވެ. ދުވަހަކު ވެސް ރަނގަޅެއް ވާތަނެއް ނުފެނުމެވެ. ޓްރެވަލް / ޓޫރިސްޓު ވިޔަފާރި ކުރާ ދިވެހި ކުންފުނިތަކުގެ ޝަކުވާއަކީ އެ މީހުންނަށް ރިސޯޓު ތަކުން ކޮޓަރި ނުލިބުމެވެ. އެ މީހުނަށް ވެސް ބޭނުންވާ ހަމަ އަގު ނުލިބުމާއި ނުދިނުމެވެ. އަދި ދިވެހި މަސައްކަތްތެރިންގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ ވެސް ދިވެހިންގެ މަސައްކަތްތަކަށް ބިދޭސީން އަތް ގަދަ ކުރުމެވެ. ރިސޯޓު މުވައްޒަފުންގެ ޝަކުވާއަކީ ދިވެހިންނާއި ބިދޭސީން ތަފާތު ކުރުމެވެ. މި އެންމެންގެ ޝަކުވާއަކީ ވެސް އެއް ކަމެކެވެ. ތިމަންނަ މެންނަށް "ހަމައަގެ" އް ނުލިބެ އެވެ.

މި ރާއްޖޭގައި އެންމެން ހަމަ އަގު ނުލިބިގެން އަބަދު އާދޭސް ކުރަން ޖެހެނީ ކީއް ވެގެން ހެއްޔެވެ؟ މި ހަމަ އަގުގެ ވާހަކަ ހުއްޓުވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟

"ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ ގާނޫނުތަކާއި ގަވާއިދުތައް ހެދި ނަމަވެސް އެ ތަންފީޒު ނުކުރުން. އެކަމާހެދި މުޅި ސިސްޓަމް މި އޮތީ ގޯސްވެފައި،" ރާއްޖޭގެ އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއްލަތީފު ވިދާޅުވި އެވެ.

ހަގީގަތުގައި ހަމައެކަނި ސިސްޓަމް ގޯސްވީ އެކަންޏެއް ވެސް ނޫނެވެ. ރާއްޖޭގެ އިގްތިސޯދަށް ބަލާއިރު މުޅި ސިސްޓަމް މިހާރު މި އޮތީ ދައުލަތުގެ އަތްމަތިން ދޫވެފައޭ ވެސް އެއްގޮތަކުން ބުނެވިދާނެ އެވެ. އެހެންވެފައިވާ ކަމުގެ އެއް ނިޝާނަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ހާލަތު މިހާރު ގޮސްފައިވާ ހިސާބެވެ. މަސައްކަތު އާބާދީގައި ބިދޭސީންގެ މައްސަލަ ގޯސްވަމުން ދާކަން މާ ކުރިން ވެސް އެނގެ އެވެ. އެކަމަށް އަޅާނުލައި ތިބުމުގެ ނަތީޖާއަކީ އިކޮނޮމިކް ހަރަކާތްތަކުގައި ދިވެހިންނަކީ މިހާރު އަމިއްލަ ރާއްޖޭގައި ބީރައްޓެރިންނަށްވެފައި ވުމެވެ. މި ހަރަކާތް ހިންގުމުގައި މިހާރު ހަގީގީ "ވަޒަންވެރިން" ނަކީ ބިދޭސީން ކަމަށް ބުނެވެން އެބައޮތެވެ. އިކޮނޮމީގެ އިންޖީނު ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ތެރެއިން ފެންނަނީ އެ މަންޒަރެވެ. އެ ސިނާއަތުގައި ތިބި ދިވެހިންނަށް ލިބެން ޖެހޭ "ހަމަ އަގު" މިހާރު ދަމައިގަންނަނީ ބިދޭސީންނެވެ. ދިވެހިންނަށް އެ އަގެއް ނުލިބެ އެވެ.

ޒުވާނަކު މަސައްކަތެއް ކުރަން ވިސްނި ނަމަވެސް ސްޓާޓަޕެއްގެ ތެރެއަށް ދާން ބޭނުން ވިޔަސް އެކަމެއް ކުރޭވެ ގޮތަށްވުރެ އެކަން ނުކޮށް ހުއްޓާލާން ޖެހޭނެ ހުރިހާ ގޮތެއް ރާއްޖޭގައި ފަހިވެފައި އޮވެ އެވެ. ފައިސާ ހޯދަން ބަލާނަމަ އެ މަގުތައް އޮތީ ބަންދުވެފަ އެވެ. ލޯނެއް ހޯދަން ބޭނުންވި ނަމަވެސް ފުރަތަމަ ޖެހެނީ މަހުޖަނަކަށްވާށެވެ. ލޯނެއް ލިބޭނީ އޭގެ ފަހުންނެވެ.

ރާއްޖެ އުފެދުނީ މަސްވެރިކަމާއެކުގައި ކަމަށް ތާރީހުން ބުނެވެން އެބައޮތެވެ. އެކަމަކު "ހަމައަގު" ގެ މައްސަލާގައި އެންމެ ބޮޑު ތަކުލީފެއް އުފުލާ އެއް ބަޔަކީ ދިވެހި މަސްވެރިން ކަމަށް ބުނެވިދާނެ އެވެ. ރާއްޖޭގައި މަސްވެރިކަން ކުރާތާ ދިގު ތާރީހެއް އެބައޮތެވެ. އަދި އެއް ދުވަސްވަރެއްގައި ރާއްޖޭގެ އިކޮނޮމީ އެއްކޮށް ހިފަހައްޓައި ދިނީ މަސްވެރިންނެވެ. މިހާރުވެސް އިގްތިސޯދީ ހަރަކާތުގައި މަސްވެރިންގެ ބައިވެރިވުން ބޮޑެވެ.

އެހެން ނަމަވެސް މަސްވެރި ކަމުގެ ސިނާއަތަށް ބޭނުންވާ މީހުން ތަމްރީން ކުރުމާއި ވަސީލަތް ގާއިމްކޮށް ދިވެހިން ސިނާއަތަށް ރެޑީކުރަން ހުރިހާ ސަރުކާރެއް ވެސް ވަނީ ބޮޑު ތަނުން ފޭލިވެފަ އެވެ. އެހެންވެ، މިއަދު ވެސް މަސްވެރިންގެ އާދޭހަކީ އެ މީހުންނަށް ހަމައަގު ނުލިބެނީ އެވެ. ކުރިއެރިނަމަ ކުރިއަރައިގެން ދިޔައީ މަސްވެރިން އަމިއްލަ އަށެވެ.

މަސްވެރިކަމަށް ހިދުމަތް ކުރުމުން ގައުމީ އިނާމު ލިބި ވަޑައިގެންފައިވާ މައިޒާން އަހުމަދު މަނިކު (މައިޒާން އަހަންމަދޭ) ވިދާޅުވި ގޮތުގައި މަސްވެރިން ހަމައަގު ހޯދަން އެދި އާދޭސް ކުރަން ޖެހޭ ގިނަ ސަބަބުތަކެއް ވެއެވެ. އެއް ސަބަބަކީ އޮޑިވެރިންނާއި މަސްވެރިން ގުޅިފައިވާ މިންވަރުން އޮޑިވެރިޔާއަށް ކުރާ ކޮންމެ އަސަރެއްގެ ސީދާ މަސްވެރިންނަށް ކުރަމުން ދިއުމެވެ. އޭގެ ސަބަބުން މަސްވެރިންގެ އާއްމު މީހާއަށް ލިބޭ ގެއްލުން ބޮޑުވެ އެވެ.

"މަސް އޮޑިއެއް ގިނަ ފަހަރު މި ބަންނަނީ އާއިލާގެ ގިނަ ބައެއްގެ އެއް ބާރުލުން ވެސް ލިބިގެން. މިހެން އޮއްވައި މަސްވެރިކަން ދަށްވެ، އަގު ނުލިބެން ފެށީމަ ގެއްލުމާ ކުރިމަތިވޭ. އަނެއްކާ މަސްވެރިންނަށް ލިބޭ އެއްބާރުލުމެއް ނޯވެ،" މަސްވެރިންގެ ޖަމިއްޔާ ވެސް ހިންގަވާ، މައިޒާން އަހަންމަދޭ ވިދާޅުވި އެވެ.

ހަމައަގު ނުވަތަ ހައްގުވާ މިންވަރު ނުލިބުމުގެ ޝަކުވާގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުން ވެސް ބޮޑު ރޯލެއް ކުޅެ އެވެ. އެ މީހުންނާއި ބިދޭސީން ތަފާތު ކުރުމުގެ ޝަކުވާއަކީ ވެސް ދިގު ދެމިގެން ގޮސްފައިވާ މައްސަލަ އެކެވެ. ރާއްޖޭގެ ޓޫރިޒަމް މިހާރު އޮތް ގޮތުން މުޅި ސިނާއަތުގެ ކޮންޓްރޯލް އޮތީ ދިވެހިންގެ އަތުގައި ނޫންކަން އެނގެ އެވެ. އޭގެ ނަތީޖާއަކީ ދިވެހިންނަށް ބޭނުން ގޮތެއް ހަދަމުން ދިއުމެވެ. ދިވެހިންގެ މެނޭޖުމަންޓު ތަކުން ވެސް އެކަން އެކަން އެގޮތަށް ކުރާތަން ފެނެ އެވެ. މިކަން ހުއްޓުވަން ސަރުކާރުން ފިޔަވަޅު ނޭޅުމަކީ "ރިސޯޓް ބޯއީސް" އަށް ހައްގުތައް ގެއްލެމުންދާ އެއް ސަބަބެވެ.

ޓޫރިޒަމް ސިނާއަތަށް ބަލާއިރު ރިސޯޓު އެނދު ވިއްކުމުގައި ހަރަކާތްތެރިވާ ދިވެހިންގެ ވެސް އެންމެ ބޮޑު ޝަކުވާއަކީ ހަމަ އަގު ނުލިބުމެވެ. ދިވެހި ޓްރެވަލް އެޖެންސީ ތަކަށް ރަނގަޅު އަގެއް ނުލިބުމުގެ ޝަކުވާ ކުރާތާ ވެސް ލައްކަ ދުވަސް ވެއްޖެ އެވެ. އެކަމަކު މިކަން ހައްލު ކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާ ތަނެއް ނުފެނެ އެވެ.

ދިވެހި ޓްރެވަލް އެޖެންސީތައް ތަމްސީލް ކުރާ މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވި ގޮތުގައި ޓްރެވަލް އެޖެންސީތަކުގެ ގާނޫނެއް ނެތުމަކީ މައްސަލައެކެވެ. އެކަން ހައްލު ކުރަން ގާނޫނެއް ހެދުމުގެ މަސައްކަތް ކުރަމުން ދެއެވެ.

"މި ގާނޫނުގައި އޮންނާނެ ރޭޓްގެ ވާހަކަ ވެސް. އަންނަ ދައުރުގައި ފާސް ވާނެ ކަމަށް ބެލެވެނީ. އެ ގާނޫނު އައުމުން މިފަދަ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެ،" ސުއޫދު ވިދާޅުވި އެވެ.

ހަމައަގު ނުލިބުމަކީ ރާއްޖޭގައު އެންމެންގެ ޝަކުވާ އެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި މިކަން ހައްލު ނުވުމުގެ އެންމެ ބޮޑު ސަބަބަކީ ތަންފީޒީ އިދާރާތަކުގައި އެކަމުގެ ޕްރެކްޓިކަލް މީހުން ނެތުމެވެ. އެ ތަންތަނުގައި އެކި ދާއިރާތަކުން ތައުލީމް ހާސިމްކޮށްގެން ތިބި މީހުން ތިބި ނަމަވެސް ތަޖުރިބާ ލިބިފައިވާ ބަޔަކު ނެތުމުގެ ނަތީޖާއަކީ ހަގީގީ އިންޕެކްޓް ނޭނގުމެވެ.