ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މި ވަގުތު އިގްތިސާދަށް ބޭނުންވަނީ ކޮން ކަމެއް؟

ޗައިނާ އިން ނުކުތް ކޮރޯނާ ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެންފި އެވެ. އެ ވައިރަސް މުޅި ދުނިޔޭގެ އިގްތިސޯދު ވެސް "ބަލި" ކޮށްލައިފި އެވެ. އެހެންވެ ދުނިޔޭގެ އިގްތިސޯދުތައް މިހާރު ތަޖުރިބާ ކުރަމުން ދަނީ 2008 ގައި ދުނިޔެއަށް ކުރިމަތިވި އިގްތިސޯދީ ހީނަރުކަމަށް ފަހު އެންމެ ބޮޑު ގެއްލުމެވެ. ދުނިޔޭގެ ބޮޑެތި ހިއްސާގެ ބާޒާރުތައް "ކްރޭޝް" ވަމުންދާއިރު، ދުނިޔޭގެ ތެޔޮ ކޮންޓްރޯލް ކުރާ ބޮޑެތި ގައުމުތަކުގެ އަތުން ތެލުގެ ލަގަން ވެސް ދޫވެއްޖެ އެވެ.

ގައުމުތަކުގެ ބޮޑެތި އިގްތިސޯދުތައް އޮތް ސިޓީތައް ކަރަންޓީނު ކުރަމުން ދިއުމުގެ ނަތީޖާއަކީ ދަތުރު ކުރާ މީހުންގެ އަދަދު މަދުވެ ދުނިޔޭގެ އެއާލައިން ސިނާއަތަކަށް ބިލިއަން ޑޮލަރުގެ ގެއްލުން ވަމުން ދިއުމެވެ. އެހެންވެ މިކަމުން އަރައި ގަނެވޭތޯ ދުނިޔޭގެ ގައުމު ތަކުން ދަނީ ގިނަ ފިޔަވަޅު ތަކެއް އަޅަމުންނެވެ.

ކޮރޯނާ ވައިރަހުން ރައްޔިތުން ސަލާމަތް ކުރަން މަސައްކަތް ކުރުމާއެކު މުސްތަގުބަލަށް ވިސްނައި ހަރުދާ ފިޔަވަޅު ތަކެއް ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އަޅަމުންނެވެ. ގައުމުތަކުން އިގްތިސޯދު ސަލާމަތް ކުރަން ބައެއް ސަރުކާރު ތަކުން ވިޔަފާރިތަކަށް ލުއި ދީ ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކުރަން ވެސް ފަށައިފި އެވެ. މި ހާލަތާއެކު މުސްތަގުބަލުގެ ފޯކާސްޓް ދައްކާ ގޮތުގައި ރާއްޖެއިން ވެސް މިފަދަ ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ އެވެ. މި ވަގުތު ދިވެހި ވިޔަފާރިތައް ވެސް އޮތީ ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ހާލަތުގަ އެވެ. ނޫނީ އެއަށްވުރެ ނާޒުކު ހާލަތެއްގަ އެވެ.

ރާއްޖޭގެ އިގްތިސޯދު ސަލާމަތަށް މި ވަގުތު އެޅޭނީ ކޮން ފިޔަވަޅު ތަކެއް ހެއްޔެވެ؟ މި ހާލަތުގައި ސަރުކާރަށް ދެވޭނީ ކޮން އެހީތެރި ކަމެއް ހެއްޔެވެ؟ ރާއްޖޭގެ ވިޔަފާރި ތަކުން ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟

1
 

ސަރުކާރާއި ވިޔަފާރިވެރިންގެ މަޝްވަރާ

މި ވަގުތު ސަރުކާރު ވެސް އަމިއްލަ ވިޔަފާރިތައް ވެސް ތިބީ "ހާލު" ގައެވެ. ގައުމުގެ އިންޖީނަށް ތެޔޮ އެޅޭނީ އަމިއްލަ ވިޔަފާރިތައް ހިނގައިގެންނެވެ. ސަރުކާރު ހިންގޭނީ ވިޔަފާރިވެރިން ދައްކާ ޓެކުހުގެ ފައިސާ އިންނެވެ. ވިޔަފާރިތައް އޮވެގެން ނޫނީ އާއްމު މީހާގެ ޖީބަށް ފައިސާ ފޮއްޗެއް ގިނަވާނެ ގޮތެއް ނެތެވެ. އަމިއްލަ ވިޔަފާރިތައް ހިންގައިގެން ނޫން ގޮތަކަށް އިގްތިސޯދަށް ހިނގައިގަނެވޭނެ ގޮތެއް ނެތެވެ.

އެހެންކަމުން މި ވަގުތު ކުރަން ޖެހޭ ކަމަކީ ޕްރައިވެޓް ސެކްޓާ އާއި ސަރުކާރުން ފުޅާ ދާއިރާއެއްގައި އަވަސް މަޝްވަރާތަކެއް ފެށުމެވެ. ގައުމީ ފެންވަރުގައި މިކަން ކުރަން ޖެހެ އެވެ. އޭގެ ބޭނުމަކީ ވިޔަފާރިތަކުން ބޭނުންވަނީ ކޮން އެހީތެރިކަމެއް ތޯ ބެލުމެވެ. ސަރުކާރަށް މިހާލަތުގައި ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބެލުމެވެ.

2
 

ބިމު ކުލި ދެއްކުމުގައި ލުއި ދިނުން

ރާއްޖޭގެ އިގްތިސޯދުގެ 70 ޕަސެންޓް އޮތީ ޓޫރިޒަމަށް ބަރޯސާ ވެފަ އެވެ. ޓޫރިޒަމުން ދައުލަތުގެ އާމްދަނީއަށް އަހަރެއްގެ މައްޗަށް ތިން ބިލިއަން ޑޮލަރުވަރު ލިބެ އެވެ. ޓޫރިޒަމް ސެކްޓާއިން ސަރުކާރުން ނަގާ ބިމު ކުއްޔަކީ އެޑްވާންސް ރެންޓެކެވެ. ދައުލަތަށް މި އާމްދަނީ ނަގަމުން ދަނީ ކުރިއަށް އޮތް ކްއާޓަރުގެ ބިމު ކުލި ދުރާލައި ނަގައިގެނެވެ. އެހެންކަމުން ބިމު ކުލި ދެއްކުމުގައި ލުއި ތަކެއް ދިނުމަކީ ސަރުކާރަށް މިހާރު ކޮށް ދެވިދާނެ ކަމެކެވެ.

3
 

ޖޫރިމަނާ އިންސްޓޯލްމަންޓުން ދެއްކޭނެ ގޮތެއް

ޓެކްސް ދެއްކުމުގެ މައްސަލާގައި ބައެއް ވިޔަފާރި ތަކަށް ބޮޑެތި އަދަދު ތަކުގެ ޖޫރިމަނާ އަރާފައި ވެއެވެ. އަދި މިހާރުވެސް ދަނީ އަރަމުންނެވެ. މި ވަގުތަކީ ހުރިހާ ވިޔަފާރިއެއް ވެސް ވަޅު ޖެހިފައިވާ ވަގުތަކަށް ވުމާއެކު މިގޮތަށް އަރާފައިވާ ޖޫރިމަނާ ދެއްކުމުގައި ލުއިތަކެއް ދިނުން ނުވަތަ މި ހާލަތަށް ބަލައި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ރަނހަޅު ކަމެކެވެ.

ސަބަބަކީ މިހާރުގެ ފޯކާސްޓް ދައްކާ ގޮތުން އިގްތިސޯދު ދަށް ވެގެން ދިއުމާއެކު ވިޔަފާރި ތަކަށް ލިބޭނެ އާމްދަނީ މަދު ވެގެންދާނެތީ އެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ނުވަތަ ގްރީން ޓެކްސް ވެސް ދެއްކޭނީ ޓޫރިސްޓުން އައިސްގެންނެވެ. ވިޔަފާރި ހިނގާ މިންވަރަކުންނެވެ.

4
 

އިންޓްރެސްޓް ރޭޓަށް ދެވޭނެ ލުއިތަކެއް ހޯދުން

ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ލުއިތަކެއް ދެވޭނެ ގޮތެއް ބަލަން ވެސް ޖެހެ އެވެ. މިހާރުވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ބަދަލު ދަނީ ގެންނަމުންނެވެ. ރާއްޖޭގެ ބޭންކް ތަކުގެ އިންޓްރެސްޓް ރޭޓަކީ މަރުކަޒީ ބޭންކަށް ކުޅެވޭ އެއްޗަކަށް ނުވުމުން، އެކަން ކުރަން ދަތިވެދާނެ އެވެ.

ނަމަވެސް އިންޓްރެސްޓް ރޭޓް ނުވަތަ އިކުއިޓީ ނަމަވެސް ދަށްކޮށްފި ނަމަ އެކަން ވާނީ ހަމަ ޕޮޒިޓިވް ކަމަކަށެވެ. އިގްތިސޯދު ކުރިއަށް ޖައްސަން ބޭނުންނަމަ އިމާރާތް ކުރުމުގެ ދާއިރާ އެކްޓިވް ކުރަން ވެސް ޖެހެ އެވެ. މިކަން ކުރުމަށް ވެސް އިންޓްރެސްޓް ރޭޓަށް ބަދަލު ގެންނަން ޖެހެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދާދި ފަހުން ވަނީ މި ފަދަ ކުޑަ އެކަމަކު ހެޔޮ ބަދަލެއް ގެނެސްފަ އެވެ. ހައުސިން ލޯނުތަކުގެ އިކުއިޓީ ވަނީ 30 ޕަސެންޓުން 20 ޕަސެންޓަށް ބަދަލުކޮށްފަ އެވެ. މިއީ ހެޔޮ ބަދަލެެކެވެ. ސަރުކާރު މިކަމުގައި ޕްރޯއެކްޓިވްކޮށް ހަރަކާތްތެރިވެ މި ބަދަލު ގެންނަން މަސައްކަތް ކުރެވިދާނެ އެވެ.

5
 

މާލީ އެހީވެސް ބޭނުންވޭ

ކޮވިޑް-19 އިން ސަލާމަތްވެ، އިގްތިސޯދު ހަމައަކަށް އަޅުވަން ފަގީރު ގައުމުތަކާއި މެދު ފަންތީގެ ގައުމުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވަނީ 50 ބިލިއަން ޑޮލަރު އަދި 12 ބިލިއަން ޑޮލަރުގެ އެހީ ޕެކޭޖުތަކެއް ނެރެފަ އެވެ. ބޭނުމަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯދަށް ކުރާ އަސަރު ކުޑަ ކުރަން އެހީވުމެވެ.

އެ ފައިސާ ގައުމުތަކަށް ދޭނީ ވަރަށް ދިގު މުއްދަތުން ދައްކާ ލުއި ލޯނުގެ ގޮތުގަ އާއި ހިލޭ އެހީގެ ގޮތުގަ އެވެ. މިއީ މިވަގުތު ރާއްޖެއަށް މުހިންމު އެހީއަކަށް ވާނެ އެވެ. ބޮޑެތި ވިޔަފާރިތަކަށް މާލީ އެހީ ނުދިން ނަމަވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި އެހީ ހޯދައިގެން ފައިނޭންޝަލް ޕެކޭޖެއް ދެވިދާނެ ކަމަށް މާހިރުން ދެކެ ވަޑައިގަންނަވަ އެވެ. ސަބަބަކީ ކުރިއަށް އޮތް ހަ އެއްކަ މަހުގެ ތެރޭގައި އިގްތިސޯދަށް ކުރާ އަސަރުގެ ވޭން އެންމެ ބޮޑަށް އިހުސާސް ކުރަން ޖެހޭނެ ބަޔަކީ ކުދި ވިޔަފާރި ތަކަށް ވާނެތީ އެވެ.

6
 

ހިދުމަތް އަވަސްކޮށް ފަސޭހަ ބަދަލު

އިންވެސްޓަރުން އަބަދު ވެސް ތިބޭނީ އިގްތިސޯދު ތަކަށް ބަލަހައްޓައިގެންނެވެ. އިންވެސްޓަރުން ހަމައެކަނި ބަލާނީ ނިޔޯކް ނޫނީ ޖަޕާނުގެ ހިއްސާގެ ބާޒާރުގެ މުއާމަލާތް ތަކަށް އެކަންޏެއް ވެސް ނޫނެވެ. ރާއްޖެ ފަދަ ގައުމުތަކުން މިފަދަ ހާލަތްތަކުގައި އަޅާ ފިޔަވަޅު ތަކަށް ބަލާނެ އެވެ. ހާއްސަކޮށް ވިޔަފާރިއަށް ފަސޭހައަަށް މިވަގުތު ދޭ ލުޔަކީ ވެސް މުސްތަގުބަލުގައި ޕޮޒިޓިވް ކަމަކަށް ވާނެ އެވެ.

މިވަގުތު ސަރުކާރުގެ އެފިޝެންސީ ރަނގަޅު ކުރަން އެބަ ޖެހެ އެވެ. ސަރުކާރު އޮފީސް ތަކުން ދޭ ހިދުމަތްތައް ޒަމާނީކޮށް، ހެޔޮ ބަދަލު ގެންނަން ޖެހެ އެވެ. ސަރުކާރު އޮފީހަކަށް އިންވެސްޓަރަކު ސިޓީގެ ޖަވާބު ހޯދަން ކޮންމެ ދުވަހަކު ގުޅުމާއި ޖަވާބެއް ހޯދަން ހަފުތާ ނޫނީ ދެ ހަފުތާވާ ހާލަތުގެ ނައްތާލުމުގެ ބޭނުންތެރިކަން ބޮޑެވެ.

7
 

އާ ޓެކްސްތައް ނެގުން ފަސްކޮށްލުން

ސަރުކާރު ހިންގޭނީ ޓެކްސް ނަގައިގެނެވެ. ނަމަވެސް އާމްދަނީ ދަށްވެގެން ދާ ވަގުތު އާ ޓެކުހެއް ނެގުން ބުއްދިވެރިއެއް ނޫނެވެ. ސަރުކާރުން ދަނީ އިންކަމް ޓެކުސް ނަގަން ތައްޔާރު ވަމުންނެވެ. އަދި ޓެކުހަކަށް ނުވި ނަމަވެސް މިނިމަމް ވޭޖް ތައާރަފު ކުރަން ވެސް މަސައްކަތް ކުރަމުންނެވެ. މިވަގުތަކީ އާ ޓެކްސްތަކެއް ގެނައުމަށް ރަނގަޅު ވަގުތެއް ނޫނެވެ. ސަބަބަކީ އިގްތިސޯދު ހީނަރުވާ ވަގުތެއްގައި މިކަން ކޮށްފިނަމަ ދަތިތަކާ ކުރިމަތިވުމުގެ ފުރުސަތު އޮތުމެވެ. ވިޔަފާރިތައް އިތުރަށް ހަލާކު ވެގެން ގޮސް ވަޒީފާ ނެތް މީހުންގެ އަދަދު އިތުރު ވެގެންދާނެ އެވެ.

8
 

ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން

ކޮވިޑް-19 ރާއްޖެއިން ފެނިފައިވީ ނަމަވެސް، މި ބަލި ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން ފިޔަވަޅު ތަކެއް ދަނީ އަޅަމުންނެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލައިގެން ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. ހާއްސަކޮށް އެންމެ ނުރައްކާތެރި ހާލަތަށް އިގްތިސޯދު ތައްޔާރު ވެފައި އޮތްކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް ލިބެން ޖެހެ އެވެ. އެންމެ ނުރައްކާތެރި ވަގުތު މުޅި ގައުމު ލޮކްޑައުން އަކަށް ދާން ޖެހުނު ނަމަވެސް އެކަން ކޮށްގެން ވެސް ސަލާމަތް ވާނެ ކަމުގެ އިހުސާސް ވާން ޖެހެ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމަކަށްވުމުން މި ހާލަތަށް އައިނަމަވެސް ހިފަހައްޓާ ލެވިދާނެ ކަމުގެ ޔަގީންކަން ދޭން ޖެހެ އެވެ. އެފަދަ ހާލަތެއްގައި ދުނިޔޭގެ ގައުމުތަކަށް އެހީއަށް ދާއިރު ވަކި ގައުމެއްގެ އެހީއަށް ބަރޯސާ ނުވާނެ ކަމުގެ ޔަގީންކަން ވެސް ދޭން ޖެހެ އެވެ. ސަބަބަކީ މިފަދަ ވަގުތުތަކަކީ ގައުމުގެ މިނިވަންކަމާ ވެސް ގުޅިފައިވާ ވަގުތަކަށްވާތީ އެވެ.