ކޮރޯނާ ވައިރަސް ފެތުރެން ފެށި އިރު ސަރުކާރުގެ ބަސް މަގު ހުރި ގޮތް ތަފާތެވެ. ނަމަވެސް މިހާރު މުޅި ދިވެހި އިގްތިސޯދު އެއްކޮށް ހުއްޓި "ވެންޓިލޭޓަރު" ގެ ތެރޭގައި އޮތް ކަމަަށް މާލީ ވަޒީރު އިބްރާޙިމް އަމީރު ވަނީ ގަބޫލު ކުރައްވާފަ އެވެ. ކޮންމެއަކަސް އިގްތިސޯދާ ބައިވެރިވާ ހުރިހާ މަސައްކަތެއް މުޅީން ހުއްޓިއްޖެ އެވެ. އިގްތިސޯދަށް އެންމެ ބޮޑަށް ދިރުން ގެނެސްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުވުމައި ގާތް ވެއްޖެ އެވެ. އެންމެ ބޮޑެތި ވިޔަފާރިވެރިން "ހަދާނެ ގޮތެއް ނެތި" މިހާރު ތިބީ ހަށަމަށް އަރުވާއިގެނެވެ.
އިގްތިސޯދަށް ބޭރު ފައިސާ ލިބޭ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ދާއިރާގެ ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. މި ބުރުގެ ހުރިހާ ކަމެއް ވަށައި ޖެހި ނިމިފައިވާއިރު، މިހާރުގެ ސުވާލަކީ ބުރެއް ޖަހައި ނިމުނު އިރު ކިތައް ދިވެހިންގެ ވަޒީފާ ގެއްލުނު ހެއްޔެވެ؟ ޖުމްލަ ކިތައް މީހުންގެ ވަޒީފާ ގެއްލޭނެ ހެއްޔެވެ؟ ހުރިހާ ސިނާރިއޯއަކަށް ހިސާބު ހަދައި ތައްޔާރުވެފައި އޮތިއްޔާ މިއަށް ޖަވާބެއް ލިބެން ޖެހެ އެވެ.
"ރާއްޖޭގެ އަންއެމްޕޮއިމަންޓް ހިސާބުތައް ގަވާއިދުން ބެލެހެއްޓުމުގެ އިންތިޒާމެއް ހަމަޖެހިފައި ނުވާތީ ސީދާ އަން އެމްޕްލޮއިމަންޓަށް އަންނާނެ ބަދަލު އަންދާޒާއެއް ނުކުރެވޭ. ނަމަވެސް ވަޒީފާއިން ވަކި ކުރާ މީހުންގެ އަދަދު ނުވަތަ ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑުތަނުން އިތުރު ވާނެ ކަމަށް ލަފާ ކުރެވޭ،" ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރަމުންދާ އަސަރުތަކުގެ މައުލޫމާތު މީޑިޔާ ތަކަށް ހިއްސާ ކުރައްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.
ރާއްޖޭގައި ވަޒީފާ ގެއްލޭ މީހުންގެ ރަސްމީ ހިސާބު ތަކެއް ސަރުކާރުގައި ނެތެވެ. މިފަދަ ޒަމާނެއްގައި މިވަރުގެ ނިޒާމެއް ގައިމް ކުރެވިފައި ނެތުމުން މި ކަމަށް ފާޑު ކިޔާނެ ބަޔަކު ފާޑު ކިޔާށެވެ.
އެހެން އޮތް ނަމަވެސް 2014 އިން 2016 އަށް ހަދާފައިވާ އާބާދީ އާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުމުން އަޅާ ކިޔައިގެން މިވަގުތަށް ހިސާބެއް ހެދިދާނެ އެވެ. މި ހިސާބު ތަކަށް ކޮންމެވެސް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، މިއީ ރަސްމީ މިންގަނޑެއްގެ ގޮތުގައި ބެލިދާނެ އެވެ.
އެ މުއްދަތާ ހަމައަށް ރާއްޖޭގެ މަސައްކަތު އާބާދީގެ ތިބީ، 153،762 ދިވެހިންނާއި 60،030 ބިދޭސީންނެވެ. މީގެ ތެރެއިން މަސައްކަތް ކުރާ އާބާދީގެ 40 ޕަސެންޓް ކަމަށްވާ 85،818 މީހުން ދިރިއުޅެނީ މާލޭގަ އެވެ. އަދި 127،974 ނުވަތަ މަސައްކަތު އާބާދީގެ 60 ޕަސެންޓް އުޅެނީ ރަށްރަށުގަ އެވެ.
އެ ބޯހިމެނުމުން އެނގުނު ގޮތުގައި 2006 ވަނަ އަހަރު ރާއްޖޭގައި ނެގި ބޯހިމެނުމާ އަޅާ ބަލާއިރު ވަޒީފާ ގެއްލިފައިވާ މީހުންގެ ނިސްބަތް ވަނީ 5.9 ޕަސެންޓުން 6.3 ޕަސެންޓަށް އިތުރުވެފަ އެވެ. ނަމަވެސް، މި އަދަދު އޭރުގެ ހިސާބު ތަކުން ދެއްކީ އަތޮޅުތަކުގެ ތެރޭގައި ރަނގަޅުވަމުންދާ ތަނެވެ. އަތޮޅުތަކުގެ ތެރޭގައި ވަޒީފާ ލިބިފައި ނުވާ މީހުންގެ ނިސްބަތް ހަ ޕަސެންޓުން 5.2 ޕަސެންޓަށް ދަށްވެފައިވެ އެވެ.
މި ގޮތަށް، އޭރު ދެއްކިއިރު، 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިގްތިސޯދީ ހަރަކާތްތައް ވަނީ ބޮޑުތަކުން އިތުރު ވެގެން ގޮސްފައިވެ އެވެ. ރާއްޖޭގެ ޖީޑީޕީ އެ މުއްދަތުގައި 9،000 ޑޮލަރުން 12،000 ޑޮލަރަށް ޖަންޕެއް ޖަހާފައިވެ އެވެ.
އޭގެ ނަތީޖާއަކަށްވީ އަމިއްލަ ގިނަ ބަޔަކު މަސައްކަތްތަކުގައި މަސްހޫލު ވެގެން އުޅެން ފެށުމެވެ. ގިނަ އަދަދަގެއް ޒުވާނުން މިއަދާ ހަމަ އަށް ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި މަސައްކަތް ކުރަމުން ގޮސްފައި ވެއެވެ. ހާއްސަކޮށް ރަށްރަށުގައި ރަށު ޓޫރިޒަމް ފައްކާވުމާއެކު ކުރިން މާލޭގައި ތިބި ގިނަ އަދަދެއްގެ ޒުވާނުން ވެސް ރަށްރަށަށް ބަދަލުވުމެވެ. އާއިލީ ވިޔަފާރިތަކުގެ ގޮތުގައި ގެސްޓްހައުސް ވިޔަފާރިއާ ގުޅުން ހުރި މަސައްކަތްތައް ކުރަން ފެށި އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިގޮތަށް ކުރި ހުރިހާ މަސައްކަތްތަކެއް ވަނީ ހުއްޓި ގުދަން ވެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުގެ އިގްތިސޯދީ ހަރަކާތްތައް އޮތީ މިހާރު ހުއްޓިފަ އެވެ. ކުރިން ކޮންމެ ދުވަހަކު އެތައް ހާސް ޑޮލަރެއްގެ ވިޔަފާރި ކުރި ގެސްޓް ފިހާރަތައް ހުރީ ބަންދުކޮށްފަ އެވެ. ކަންމަތީ ފިހާރަ ތަކުން ވިޔަފާރި ނުވާތީ، އެ ތަންތަނުގައި މަސައްކަތް ކުރި އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލިއްޖެ އެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފައިވާ ގޮތުގައި މި ހާލަތުން ގެސްޓްހައުސް ދާއިރާއާ ގުޅުން ހުރި ވިޔަފާރި ތަކަށް ގާތްގަނޑަކަށް 29 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ އެވެ. މީގެ މާނައަކީ ރަށްރަށުގެ އިގްތިސޯދުގެ މައި ތަނބު މިހާރު އެ އޮތީ ގާތްގަނޑަކަށް ބިންދިފަ އެވެ.
އެހެންވެ، ރާއްޖޭގައި ހުރި 600 އަށް ވުރެ ގިނަ ގެސްޓްހައުސްތަކުގެ ވަޒީފާގެ ބޮޑު ބައެއް މިހާރު ވާނީ ގެއްލިފަ އެވެ. މިގޮތުން ގެސްޓްހައުސްއެއްގައި އެވްރެޖު ގޮތެއްގައި ހަތަރު ދިވެހިން އުޅޭނެ ކަމަށް ބެލި ނަމަވެސް 2،400 ދިވެހިން އެ ތިބީ މަގު މަތި ވެފަ އެވެ.
އަދި ގެސްޓްހައުސްތަކާ ގުޅުން ހުރި އެހެން މަަސައްކަތް ތަކުން މަގުމަތިވި މީހުންގެ ހިސާބުތައް ހޯދުން ވެސް ދަތިވާނެ އެވެ. މިކަމުން ގިނަ އާއިލާތަކެއްގެ އާމްދަނީ ވަނީ ގެއްލިފަ އެވެ. އަދި ޓްރެވަލް އެޖެންސީ ތަކަށް ބަލާއިރު 200 އެއްހާ ކުންފުނީގައި 2،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރެ އެވެ. އެ ތަންތަނުގައި މަސަައްކަތް ކުރާ ގިނަ ބަޔައެއްގެ ވަޒީފާ ވެސް މިހާރު ވާނީ ގެއްލިފަ އެވެ.
މި ހާލަތު ކުރިމަތިވުމާއެކު އެންމެ އަވަހަށް ވަޒީފާ ގެއްލުނު ބަޔަކީ ރިސޯޓް މުވައްޒަފުންނެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކު ރަސްމީކޮށް ވަކި ނުކުރި ނަމަވެސް "ނޯޕޭ" ގައި ގިނަ ބަޔަކު ވަނީ ގެ އަށް ފޮނުވާލާފަ އެވެ.
ޓޫރިޒަމް އެޕްލޯއީމަންޓް އެސޯސީއޭޝަން (ޓީމް) އިން އަންދާޒާ ކުރާ ގޮތުގައި މި އަދަދު 11،000 ވުރެ މަތިވާނެ އެވެ. އަދި ރާއްޖޭގެ އޭވިއޭޝަން ސިނާއަތަށް ބަލާނަމަ ވެސް ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.
ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކާ ބެހޭ ޖަމިއްޔާ، (އަޔާޓާ) އިން އަންދާޒާ ކޮށްފައިވާ ގޮތުގައި ކޮވިޑް-19 ގެ ބަލާއާފާތުގެ ސަބަބުން ރާއްޖޭގެ އެއާލައިން ސިނާއަތަށް 507 މިލިއަން ޑޮލަރުގެ ގެއްލުމެއްވުމުގެ އިތުރުން، 28،000 މީހުންގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.
ސަރުކާރުން ދަނީ ވަޒީފާ ގެއްލޭ މީހުން މަދު ކުރެވޭތޯ ބަލަން މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން އިގްތިސާދީ އެހީގެ ޕެކޭޖެއް ވެސް ތައާރަފު ކޮށްފައިވެ އެވެ. އަދި ވަޒީފާ ގެއްލޭ މީހުންނާއި މީހުން ގެންގުޅޭ ކުންފުނިތަކުގެ ލޯނުތައް ވަނީ ފަސް ކޮށްދީފަ އެވެ. އަދި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ދުވަސް ވަން ދެން 5،000ރ. ގެ ޕޮކެޓް މަނީއެއް ދޭން ވަނީ ނިންމާފަ އެވެ.
ނަމަވެސް ކޮވިޑް-19 ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެމުން ދިއުމާއެކު ވިޔަފާރިތައް ހިންގައި ގަންނަން ނަގާނެ މުއްދަތާ މެދު މިހާރު އޮތީ އިތުރަށް ސުވާލެއް އުފެދިފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ޖުލައި މަހު ރާއްޖެ އިން އޮން އެރައިވަލް ދޭން ފަށައ، އޯގަސްޓް މަހުން ފެށިގެން ޓޫރިސްޓުން ގެންނަން ފެށޭނެ އެވެ. އެކަމަކު މިއީ ވެސް ލަފާ ކުރުމެކެވެ. މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ކަންކަން އޮތީ ހަމަ ލަފާ ކުރުމެއްގެ ތެރޭގަ އެވެ.
ވަޒީފާ ގެއްލޭ މީހުންގެ އަދަދު ވެސް އޮތީ ހަމަ މިގޮތަށެވެ. ނަމަވެސް މހާރު ޔަގީންވާ ހަގީގަތަކީ މި ހާލަތާހަމަ އަށް އައިއިރު ގިނަ އަދަދެއްގެ ދިވެހިންގެ ވަޒީފާ ގެއްލިއްޖެ ކަމެވެ. ނަމަވެސް ނޭނގޭ ކަމަކީ ވަޒީފާ ގެއްލުނު މީހުގެ ސީދާ އަދަދެވެ. އެ އަދަދު އެނގޭނީ އަދި ފަހުންނެވެ.