"މަހުޖަނުން"އޭ ބުނާތީ އަބަދުވެސް އެންމެ ބޮޑަށް ގައިހިރުވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަ އެވެ. ނިކަމެތި ރައްޔިތުންގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު، މަހުޖަނުންނާ ވަރުން ނާޅުވަން ގޮވާލަމުންނެވެ. ހުއްޖަތަކަށް ދައްކަނީ މި ކަމެވެ. މަހުޖަނުންނަށް ނުބައިމިސްކޮށް ބަސްތައް ރައްދުވާނަމަ، އެ މީހުން ރާއްޖޭގައި އިންވެސްޓު ނުކޮށްފާނެ އެވެ. އިންވެސްޓަރުން ބިރު ގަންނަވާނަމަ، ސިނާއަތްތައް ތަރައްގީނުވެ، ވަޒީފާތައް ނުއުފެދޭނެކަމުގެ އިންޒާރު ދެމުންނެވެ. މިއީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި އިއްޒަތްތެރި މެންބަރަކު ވިދާޅުވި އިމްތިޔާޒުން ފުރިފައިވާ ވާހަކަފުޅެކެވެ.
މި ބަހުސް އަލުން ފެށިގެން ގޮސްފައިވަނީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެގެން މިއުޅޭ ކޮވިޑް-19ގެ ބަލާއާފަތާ ގުޅިގެންނެވެ. އެ ބައްޔާ ގުޅިގެން، ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓި، ރާއްޖެއަށް ފައިސާ ވަންނަ މައި ދޮރު ބަންދުވެގެން ދިޔުމާއެކު، ބޮޑެތި ކުންފުނިތައް ހަމަ ކުއްލިއަކަށް ބިކާރީވީ އެވެ. ހިނގާ މަހުވެސް މުވައްޒަފުންނަށް މުސާރަ ނުދެވޭނެކަމަށް ބުނެ ރޮއެ ހޭރިގަތީ އެވެ. ބިލިއަނުން އާމްދަނީ ލިބޭ ޓޫރިޒަމް ސިނާއަތުން، މުސާރަ ނުދޭގޮތަށް މުވައްޒަފުންތައް ގެއަށް ފޮނުވާލަން މަޖޫބޫރުވީ އެވެ.
މުސާރަ ކެނޑުމާއި ނޯޕޭ
އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ލިބޭ ރިސޯޓުތަކުން، މުވައްޒަފުންނަށް އެހާ ނިކަމެތިވާން ދޫކޮށްލަން މަގުބޫލު އުޒުރެއް ނުދެއްކޭނެކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް)އިން ގަބޫލުކުރެ އެވެ.
ޓީމުން ދާދި ފަހުން އާއްމުކުރި ލިސްޓެއްގައި ބުނާ ގޮތުން، ކޮވިޑް-19 އާ ގުޅިގެން ގިނަ ރިސޯޓުތައް ބަންދުކުރުމާ އެކު މިހާތަނަށް 11،000 މުވައްޒަފުން ނޯޕޭގައި ފޮނުވާލަން ވަނީ ނިންމައިފަ އެވެ. ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާހިރު (މާއްޓެ) އަވަސްއަށް ވިދާޅުވި ގޮތުގައި އެ ޖަމިއްޔާއިން ނޯޕޭއަށް ފޮނުވާ މުވައްޒަފުންގެ ލިސްޓު އާއްމުކުރުމާއެކު، ގިނަ ރިސޯޓުތަކުން މިހާރު އުޅެނީ މުވައްޒަފުންނަށް ވަކި އެއްޗެއް ނާނގާ ކަމަށެވެ.
"ލިސްޓު އާއްމުކުރީމާ، އެގޮތަށް އަމަލުކުރަން ނުކެރިގެން، ވަކި އެއްޗެއް ނާނގާ އެ ތިބެނީ. އެ ރިސޯޓުތަކުގައި ތިބި މުވައްޒަފުން ތިބީ ވާނެ ގޮތެއް ނޭނގި، ހާސްކަމާއި މާޔޫސްކަމުގައި،" މާއްޓެ ވިދާޅުވި އެވެ.
މިލިއަނުން ފައިދާ ލިބޭ ރިސޯޓު ވިޔަފާރި
ރާއްޖޭގައިވެސް އެތަކެއް މަހުޖަނުންނެއް އުޅެ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް އެންމެންގެ ތަނަވަސްކަން ގުޅިލާމެހިފައި އޮންނަނީ ޓޫރިޒަމާ އެވެ. ނޫނީ ރިސޯޓު ވިޔަފާރިއާ އެވެ. އެހެނަސް، އެހެން ގިނަ ގައުމުތަކާ ހިލާފަށް، ރާއްޖޭގައި އެ މީހުންގެ މުއްސަނދިކަން މިނާނެ ނާޅިއެއް ނޯވެ އެވެ. މަހުޖަނުންނާ ގުޅުވައިގެން އިވެނީ ތުންތުންމަތީން ދެކެވޭ ވާހަކަތަކެވެ. އެ މީހުންގެ ތަނަވަސްކަން އޮންނާނީ، ގިނަ ކުންފުނިތަކެއްގެ މާލީ ހިސާބުތަކުގެ އަޑީގައި، ފަސް އަޅައި ފޮރުވައިފަ އެވެ.
ޓޫރިޒަމުން ނޫނީ ހާއްސަކޮށް ރިސޯޓުތަކުން ފައިދާވާކަމީ އެންމެންނަށް އެނގޭ ބޮޑު ސިއްރަކަށް ވަނީ ވެފަ އެވެ. އެކި ބޭފުޅުންގެ އަންދާޒާތަކަށް ބަލާއިރު، އެވަރެޖުކޮށް ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ހަދާ ރިސޯޓުތަކުގެ އިންވެސްޓްމަންޓް ރިކަވަރީ މުއްދަތު އުޅެނީ އަށް އަހަރާއި 10 އަހަރާ ދެމެދުގަ އެވެ. ދުނިޔޭގެ ބިޔަ ބޮޑެތި ބްރޭންޑުތަކުން ރާއްޖޭގައި އިންވެސްޓް ކުރަނީ އެހެންވީމަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަހަރުން އަހަރަށް މާ ބޮޑުތަނުން އިތުރުނުވި ނަމަވެސް، އަލަށް ހުޅުވާ ރިސޯޓުތަކުގެ އަދަދުތަކަށް މަޑުޖެހުމެއް އަންނަ ތަނެއް ނުފެނެ އެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ އަދަދު މިހާރު ވަނީ 150 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އެއީ އަދި ގެސްޓުހައުސްތަކާއި ސިޓީ ހޮޓާތަކާއި ސަފާރީތައް ވެސް ނުހިމަނަ އެވެ. ޔަގީނުންވެސް އާ ރިސޯޓުތައް ހުޅުވަމުން އެދަނީ، އެންމެންގެ މެދުގައި ފަޅަންޖެހޭ ބޯކިބާގެ ސައިޒު ދާދި އެއް ހަމައެއްގައި ހުރި ނަމަވެސް، އެ ލިބޭ އެތިކޮޅަކުން، ރަނގަޅަށް ބަޑުފުރާ، މުއްތިކުރެވޭތީތާ އެވެ.
ނަމަވެސް، ހާއްސަކޮށް ރިސޯޓުތަކުން ހޯދަމުންދާ ފައިދާއަކީ އަބަދުވެސް އަންބޮޑިއަށް ލައިގެން ސިއްރުކޮށްގެން އުޅޭ މައުލޫމާތެކެވެ. އިންވެސްޓްމަންޓަށާއި ރިސޯޓު ހިންގުމުގެ ހަރަދު ކަނޑާފައި، ސާފު ފައިދާގެ ގޮތުގައި ރިސޯޓުތަކުން ނަގަމުންދާ އަދަދުތަކެއްގެ ތަފްސީލެއް ރަސްމީ އެއްވެސް ސިފައެއްގައި ފެންނާކަށް ނުހުރެ އެވެ. އާމްދަނީގެ ހަގީގީ ފަރަގު މީހަކަށް އެނގިދާނެކަމުގެ ބިރަށްޓަކައި ކަމަށްވެދާނެ އެވެ.
ރާއްޖޭގައި މަހުޖަނުގެ "ބަދުނާމު" އެންމެ ބޮޑަށް އަޅުވާފައިވާ، އަދި އެންމެ ގިނަ ރިސޯޓު ހިންގާ އެއް ކުންފުނީގެ މާލީ ހިސާބުތައް އަތުޖެހުމުން، އެ ބިރު ގަންނަ ސަބަބު ޒާތަކަށް ސާފުވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ބިސްމި ކިޔާފައި، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ނިންމި ފުރަތަމަ ކުންފުނިން ހިންގާ ރިސޯޓުތަކުގެ ތެރެއިން ހަތަރު ރިސޯޓުން، 2018 ވަނަ އަހަރު 94.2 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި އެވެ. އޭގެ ތެރެއިން 21 މިލިއަން ޑޮލަރު ހިމެނުނު މުވައްޒަފުންގެ ހަރަދު ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި 11.5 މިލިއަން ޑޮލަރު ލިބުނެވެ.
މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެގެން ދިޔުމުގެ އަސަރު މި ހަތަރު ރިސޯޓަށްވެސް ވަނީ ކޮށްފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހުގެ ޖުމްލަ އާމްދަނީ އަކީ 52.2 މިލިއަން އެމެރިކާ ޑޮލަރެވެ. ހުރިހާ ހަރަދެއް ކެނޑުމަށްފަހު، މިދިޔަ ޖޫން މަހުގެ ނިޔަލަށް، އެ ހަތަރު ރިސޯޓުން 10 މިލިއަން އެމެރިކާ ޑޮލަރު ސާފު ފައިދާ ގޮތުގައި ވަނީ ހޯދައިދީފަ އެވެ. އެއާއެކު، މިދިޔަ އަހަރުގެ ނިޔަލަށް މެދުފަންތީގެ ހަތަރު ރިސޯޓުގެ ހުރިހާ ހަރަދެއް ކެނޑުމަށްފަހު ލިބުނު ސާފު ފައިދާ، 2018 ވަނަ އަހަރާ އަޅާބަލާއިރު، ބޮޑުތަނުން އިތުރުވާނެކަމީ ގޯސް އަންދާޒާއަކަށްނުވާނެ އެވެ.
ރާއްޖޭގެ އެހެން މަހުޖަނެއްގެ ދެ ރިސޯޓަކުން، ކޮންމެ އަހަރެއް ނިމޭއިރު، ޖީބަށް ވަންނަ ފައިދާގެ އަދަދުތައްވެސް ފެންނާން ހުރީ ދާދި އެއް ހަމައެއްގައި އެވެ. ޓޫރިޒަމް ދާއިރާގައި އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި، އެ އަދަދަކީ މިހާރު އެންމެ މަދުން ފައިދާ ލިބޭ ރިސޯޓުތަކުގެ އެވަރޭޖެއް ކަމަށެވެ.
"ގެސްޓްހައުސްތައް އައުމުގެ ކުރިން މެދުފަންތީގެ ރިސޯޓުތަކުން ހޯދި ފައިދާ އެއަށް ވުރެ ބޮޑުވާނެ. އެކަމަކު ގެސްޓްހައުސްތަކާއި ކޮމްޕީޓު ކުރަންޖެހުމުގެ ސަބަބުން ފައިދާ އެވަނީ ކޮންމެވެސް ވަރަކަށް ވެއްޓިފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ހިންގާ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ސާފު ފައިދާ ގާތްގަނޑަކަށް އަހަރަކު ފަސް މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށެވެ. މަތީ ފަންތި އޭނާ ދަރަޖަ ކުރައްވަނީ، ރެއަކު 1،000 ޑޮލަރަށް ވުރެ މަތީން ކޮޓަރި ވިއްކާ ރިސޯޓުތަކެވެ.
މުސާރަ ނުދެވޭނެ އެއްވެސް ސަބަބެއް ނެތް
ލިބެންހުރި އިތުރު ބައެއް މައުލޫމާތުތަކުގެ އަޑިއަށް ފީނާލާއިރު، 70 ކޮޓަރީގެ ރިސޯޓަކުން، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އަހަރަކު ގާތްގަނޑަކަށް ދެ މިލިއަނެއްހާ ޑޮލަރު ހޭދަކުރާކަމަށްވެ އެވެ. އެކި ރިސޯޓުތައް ހިންގާ ގޮތަށް ބަލާއިރު، އެ އަދަދުގައި ތަފާތުތަކެއް ހުރި ނަމަވެސް، އެއީ އެވަރަޖޭއްކަމަށް ކުރިން ވާހަކަ ދެއްކި ބޭފުޅާވެސް އިއްތިފާގުވެ އެވެ. އެގޮތުން، ރިސޯޓުގެ ސައިޒާއި އޮޕަރޭޝަންސް އަ/ސް ބަލައިގެން އެވަރޭޖެއް ހަދާނަމަ، ހަމައެކަނި މުވައްޒަފުންގެ މުސާރަ އާއި އިނާޔާތްތަކަށް 250،000 އާއި 300،000 ޑޮލަރު ކޮންމެ މަހަކަށް ހޭދަވާނޭކަމީ، ގޯސް އަންދާޒާއަކަށް ނުވޭނެ އެވެ.
ގިނަ ރިސޯޓުތަކަކީ އެތައް އަހަރެއް ވަންދެން އޮޕަރޭޓުކޮށްފައިވާ ތަންތަންކަމަށްވާއިރު، ކޮވިޑް-19ގެ މަޑުޖެހުން ފެށުނުފަހުންވެސް، މިދިޔަ ފެބްރުއަރީ މަހާ ހަމައަށް އޮކިޔުޕަންސީ ރަނގަޅު ރިސޯޓުތަކުން، މާލީ ދަތިތަކަމުގެ ބަހަނާއާއެކު، މާޗް މަހުގެ މުސާރަވެސް ނުދޭންވެގެން އުޅުމަކީ ގަބޫލުކުރަން ދަތިކަމަކަށް ވަނީ ވެފަ އެވެ.
މާއްޓެ ވިދާޅުވި ގޮތުގައި، މިފަހަރުގެ ސީޒަން ފެށިގެން، ފެބްރުއަރީ މަހާ ހަމައަށް ޓޫރިޒަމް ވިޔަފާރި ވަރަށް ރަނގަޅު ކަމަށެވެ. އެއާއެކު، ކުރިއަށްއޮތް ތިން މަސް ދުވަހުގެ މުސާރަ ނުދީ، މުވައްޒަފުން ގެއަށް ފޮނުވާލަންޖެހޭ ދެރަވަރު ހާލަތަކަށް، ހާއްސަކޮށް ރިސޯޓުތައް ވެއްޓިފައިނުވާކަމަށް މާއްޓެ ތަކުރާރުކޮށް ވިދާޅުވި އެވެ.
ޓީމުގެ ފަރާތުން ހެދި ދިރާސާއަކަށް ހަވާލާދީ، މާއްޓެ ވިދާޅުވި ގޮތުގައި، ކުރިއަށްއޮތް ތިން މަސް ދުވަހަށް ބަލާއިރު، ރާއްޖޭގައި ހިންގާ ހުރިހާ ރިސޯޓުތަކުގެ މުވައްޒަފުންގެ ޖުމްލަ މުސާރައަށް، 25 މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށެވެ.
"އެގޮތަށް ބަލާއިރު، ރާއްޖޭގައި ހިންގާ 150 އެއްހާ ރިސޯޓުގެ މައްޗަށް އެ އަދަދު ބަހާލިޔަސް، ރިސޯޓަކަށް މަހަކު ދެ ލައްކަ ޑޮލަރުވެސް ނުޖެހޭ. ދެން އެހާވަރު ނުދެވޭނެޔޭ ބުނީމާ، ކިހިނެއްތޯ އަޅުގަނޑުމެން ގަބޫލުކުރާނީ،" މާއްޓެ ވިދާޅުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރިސޯޓުތަކަށް ގެއްލުންވާނެކަމަށް، މުސާރަ ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތި ހުރި ރިސޯޓު މުވައްޒަފަކު ވެސް ގަބޫލު ކުރެ އެވެ. އެކަމަކު އެ ގެއްލުމުގެ އެހާ ބޮޑު ބުރައެއް މުވައްޒަފުންނަށް އުފުލަންޖެހުމަކީ އޭނާގެ ވެސް ޝަކުވާ އެވެ.
"ގެއްލުންވާނެތީ ރިސޯޓުތައް އެ ބަންދުކުރަނީ. އޭގެ މާނައަކީ، ރިސޯޓުގެ ހަރަދުތައް ހަމައެކަނި ސްޓާފުންގެ މުސާރައަށް އެ ތިރިވީ. ނުހިންގަންޏާ ނުދާނެތާ އިތުރު ހަރަދެއް. ދެން އަނެއްކާ އަޅުގަނޑު ގައިމުވެސް، ރިސޯޓު ނުހިންގާ، ތިން ހަތަރު މަހުގެ މުސާރަ ދޭނެ ކަމަކަށް އެކްސްޕެކްޓެއްވެސް ނުކުރަން. އެކަމަކު ކުއްލިއަކަށް މި މަހުވެސް މުސާރަ ނުދީ، ނޯޕޭގަ ދާށޭ ކިޔާފަ ގެއަށް ފޮނުވާލީމާ ކިހިނެއްތޯ އިތުރު ގޮތެއްވެސް ހޯދާނީ،" ނަން ނުޖަހަންއެދި އޭނާ ކިޔައިދިނެވެ.
ރިސޯޓުތަކުގެ މުވައްޒަފުންގެ އިތުރުން، އާއްމުންގެ ގިނަ ބައަކުވެސް ކުރަމުންދާ ޝަކުވާއަކީ މިއީ އެވެ. އެތަކެއް އަހަރެއް ވަންދެން މިލިއަނުން ފައިދާ ހޯދަމުންދިޔަ ރިސޯޓުތަކުން، ރާއްޖެ ކީއްކުރަން، ދެވަނަ ބޮޑު ހަނގުރާމައަށްފަހު މުޅި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާގެ ތެރެއިން، އިތުރު އެއްވެސް ގޮތެއްނެތް މުވައްޒަފުން ނިކަމެތިވާން ދޫކޮށްލުމަކީ ބަލައިގަންނަންދަތި ކަމަކަށް ވަނީ ވެފަ އެވެ.
މިކަހަލަ ދަތި ދުވަސްވަރެއްގައި ނަމޫނާ ދައްކާފައިވަނީ މަދު ރިސޯޓުތަކަކުންނެވެ. މުސާރަ ދީގެން ވިޔަސް، މަހުޖަނުންނަށް ވެވުނީ، މުވައްޒަފުންގެވެސް ހިތްވަރާއި ބުރަ މަސައްކަތުންކަން މިއަދު ގިނަ ކުންފުނިތަކުގެ ހަނދާނުން ފޮހެވުނީ އެވެ. ދައްޗަކާ ކުރިމަތިވުމާއެކު އެތައް އަހަރެއް ވަންދެން ވަފާތެރިކަމާއެކު ހިދުމަތްކުރި މުވައްޒަފުންގެ ހައްގުގައި، އަމިއްލަ ޖީބުން ލޯ ލާރިއެއްވެސް ނަގަން ފަސްޖެހުނީ އެވެ. ކޮންމެ އަހަރަކު މިލިއަނުން ފައިދާ ހޯދައިދިނުމުގައި އަވަދިނެތި އުޅުނު މުވައްޒަފުން ހުސް އަތާ ގެއަށް ފޮނުވާލީ އެވެ.