ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިގްތިސޯދު

ރާއްޖެ މިދާ މަގުން އިކޮނޮމިކް ބޫމެއް ނާންނާނެ!

ރާއްޖޭގައި އާ ސިނާއަތެއް އުފެއްދުމުގެ ވާހަކަ ދައްކާތާ ލައްކަ ގިނަ އަހަރު ވެއްޖެ އެވެ. އަބަދު ވެސް ދައްކަނީ ޓޫރިޒަމް ނޫން ގޮތެއް ހޯދަން ވެއްޖެ ވާހަަކަ އެވެ. އެ ވާހަކައިގައި ތިއްބައި ސުނާމީ ކާރިސާ ކުރިމަތިވެ އިގްތިސޯދު ބަލިކޮށްލި އެވެ. އޭގެ ފަހުން ކުރިމަތިލާން ޖެހުނީ ކޮރޯނާ ވައިރަސްގެ ބޮޑު ބަލާއާފަތާ އެވެ. މި ދެ ކަމުން ވެސް އެންމެ އަވަހަށް ބަލިކޮށްލީ ރާއްޖޭގެ މައި ސިނާއަތް ޓޫރިޒަމެވެ. މިއަދާ ހަމައަށް ވެސް ޓޫރިޒަމް ނޫން ގޮތެއް ނެތެވެ. މުޅި އިގްތިސޯދުގެ އެއްކޮށް ދީލާލާފައި އޮތީ އެ މަސައްކަތަށެވެ. މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ ވައުދަކީ އިގްތިސޯދު ޑައިވާސިފައި ކުރުމެވެ. އިގްތިސޯދު އެހެން ދިމާލަކަށް ގެންގޮސް ކުރިއެރުވުމެވެ. އިކޮނޮމިކް "ބޫމް" އަންނާނެ ހަރަކާތްތަކެއް ފެށުމެވެ. އެހެން ދިމާލަކަށް ގެންގޮސް އެހެން ސިނާއަތް ތަކެއް އުފެއްދުމެވެ. އެހެން ދިމާއަކުން ކައިރިކޮށް އިގްތިސޯދު ކުރި އަރުވާނެ ސިނާއަތް ތަކެއް ހޯދުމެވެ.

ރާއްޖެ މިހާރު މި ދަނީ އެ މަގުން ތޯ މީހުން ސުވާލު ކޮށްފާނެ އެވެ. ރާއްޖެ މި ދަތުރު ކުރާ މަގުގައި "އިގްތިސޯދީ ބޫމް" އަންނާނެތޯ ވެސް މީހުން އަހާނެ އެވެ. އެކަމަކު އިގްތިސޯދެއް ދުއްވައިގަނެ ކުރިއަރާނެ ދުވެއްޔެއް ވެސް އެ ހަކަތައެއް ވެސް ރާއްޖެއަކުން ނުފެނެ އެވެ.

"އިގްތިސޯދެއް ކުރިއަރާނެ ތަނެއް އަދި ނުފެނެ. މާ ބޮޑަށް ސްލޯކޮށް މި ފެންނަނީ. އިގްތިސޯދު ކުރިއަރުވަން ބޭނުންނަމަ އިންވެސްޓްމަންޓުތައް ގެންނަން ޖެހޭ، އެ ކަމެއް ނުފެނޭ،" އިގްތިސޯދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

އިގްތިސޯދީ ބޮޑު ވިސްނުމެއް ނެތް

ރާއްޖޭގެ މައި ސިނާއަތަކީ ޓޫރިޒަމެވެ. އިކޮނޮމިކް ކޮންޓްރިބިއުޝަނުގެ 70 ޕަސެންޓަށްވުރެ ބޮޑު ބައެއް އަންނަނީ އެ މަގުން ލައިގެނެވެ. ނަމަވެސް ހަގީގަތަކީ އެ ސިނާއަތަށް ބަރޯސާ ކޮށްފައި އަބަދު ގައުމެއްގެ ބޭއްވެން ނޯންނާނެ ކަމެވެ. އެކަމަކު ބަދަލަށް މަސައްކަތެއް ނުކުރެވެ އެވެ. އެ ވިސްނުން ފުޅައެއް ނުކުރެވެ އެވެ.

ޓޫރިޒަމުން ލޯ ނައްޓާލައި އެހެން ދިމާއެއް ބަލައިލުމުގެ ވިސްނުމެއް ރާއްޖެއަކުން ނުފެނެ އެވެ. އެއް ހެއްކަކީ އެންމެ ފަހުން ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަކެވެ.

އެ އިސްލާހުތަކުގެ ތެރެއަށް ލައިގެން ޓޫރިޒަމް ރިއަލް އެސްޓޭޓް ތަރައްގީ ކުރުމުން ފެށިގެން ގެނައި ހުރިހާ ބަދަލުތަކަށް ބަލައި ވިސްނާއިރު ވެސް ފެންނަން އޮތް ބޮޑު މަންޒަރަކީ އަދިވެސް ރާއްޖެ ވިސްނަނީ ޓޫރިޒަމާއެކު އެކަނި ކުރިއަށް ދާށެވެ. އެ ނޫން ގޮތެއް ހޯދުމުގެ ހަމައެއްވެސް ވިސްނުމެއް މި ސަރުކާރަކުން ވެސް ނުގެންގުޅެ އެވެ. މީގެ މާނައަކީ "އިކޮނޮމިކް ބޫމް" އެއް ގެނެވޭނެ ހަގީގީ އެއްވެސް މަސައްކަތްތަކެއް އަދިއެއް ނުކުރެ އެވެ.

ޓޫރިޒަމް ރަނގަޅުވުމުން އެއީ އިގްތިސޯދު ރަނގަޅުވީ ކަމަށް ކިޔަ ކިޔައި ތިބެނީ އެވެ. "ބޫމެއް އަންނަނީ" އޭ ކިޔުން ނޫން ކަމެއް ނުކުރެވެ އެވެ. ހަމައެކަނި ޓޫރިޒަމް ރަނގަޅު ވެގެން އިކޮނޮމިކް ބޫމެއް ނާންނާނެ އެވެ. އެންމެން ވެސް އެހެން ކިޔަ އެވެ. އެކަމަކު ވާ ގޮތެއް މީހުނަކަށް ނޭނގެ އެވެ. "އިކްނޮމިކް ބޫމަ" ކީ އެއީ އެހެންވާ ކަމެއް ނޫނެވެ.

ރާއްޖެއަށް އިކޮނޮމިކް ބޫމެއް ގެނެވޭނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ނޫނީ ރާއްޖެ މިހާރު މިއޮތީ "އިކޮނޮމިކް ބޫމެ" އްގެ ތެރޭގައި ހެއްޔެވެ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ މިދިއަ ޑިސެމްބަރު މަހު "އިކޮނޮމިކް ބޫމް" އެއް ރާއްޖެއަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނުގެ އެ އަންދާޒާއަކީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ އިގްތިސޯދުގެ އިންޑިކޭޝަނެއް ކުރިއަށް ޖެހިލުމެވެ.

ދުނިޔެއަށް އައި "ޑިފޯލްޓް ބަދަލެއް" ގެ ސަބަބުން ރައީސްގެ އެ ވިދާޅުވުން އެންމެ ރަނގަޅަށް އައޭ ބުނެވިދާނެ އެވެ. ސަބަބަކީ ޓޫރިޒަމް ނަމްބަރުތައް ކުރިއަރާތަން ފެނިއްޖެ އެވެ. އެކަމަކު އެއީ ރާއްޖެއިން ކުރި ކަމެއް ނެތި އެވެ. އަދި އެއީ ދެމި އޮންނަ "އިކްނޮމިކް ވޭރިއޭޝަނެ" އް ވެސް ނޫނެވެ. އެއީ ޑިފޯލްޓް ޗޭންޖެކެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމްގެ މައި ސީޒަނާ ދިމާވުމާއި ދުނިޔޭގެ އެހެން ހުރިހާ ދިމާއެއް ބަންދުވެފައި އޮތުމާއި ގަދަ ފިނީން ޔޫރަޕް ގަނޑުވާން ދިއުމެވެ. އެކަން އެހެން ދިމާވެގެން ވިޔަސް އޭގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޫމެއްގެ ކޮޅުމައްޗެއް ނުފެނެ އެވެ.

އިގްތިސޯދީ ބޫމެއް އަތުމަކީ އިކޮނޮމިކް ހަރަކާތްތައް އިތުރުވުމެވެ. ގައުމުގެ ޖީޑީޕީ ކުރިއައިގެން ގޮސް މުޅި އިގްތިސޯދުގައި ހަރަކާތްތެރިކަން މަތި ވެގެން ދިއުމެވެ. އެފަދަ އެއްވެސް ރަނގަޅު ނިޝާނެއް ރާއްޖޭގެ އިގްތިސޯދުން ފެނޭ ހެއްޔެވެ؟ އިގްތިސޯދީ ދުވެލި ހުރެފައި އެ ހަރާކަތްތައް އިތުރުވާ ގައުމުގައި އުމުރުން 18 އަހަރާއި 19 އަހަރުގެ ޒުވާނުން ކުނިކޮތަޅު ހާވާކަށް ނުތިބޭނެ އެވެ.

އިގްތިސޯދީ ބޫމެއް ނުވަތަ އާދަޔާ ހިލާފަށް އިގްތިސޯދު ރަނގަޅު ވެއްޖެނަމަ ރައްޔިތުންނަށް ފިސާރި ރަނގަޅަށް އެނގުންވާނެ އެވެ. ކުރާނެ މަސައްކަތްތައް ބައިވަރު އޮންނާނެ އެވެ. އިވެންޓުތައް ރާވާ މީހުންނަށް ނުކުރެވޭ ވަރަށް މަސައްކަތް އޮންނާނެ އެވެ. ތަކެތި ކުއްޔަށްދޭ މީހުންނަށް ނުކަތާ ވަރަށް ޑިމާންޑް އަންނާނެ އެވެ. ރިއަލް އެސްޓޭޓް އެޕާޓްމަންޓް ހަދާ ވަރަކަށް ގަންނަ މީހުންގެ މަތިވާނެ އެވެ. ކުދި އަދި މެދުފަންތީގެ އާ ވިޔަފާރިތައް އުފެދިގެން ގޮސް ގިނަ މަސައްކަތް ތަކެއް ފެނިގެން ދާނެ އެވެ. ޖީބުގައި ފައިސާ ގެންގުޅޭނެ އެވެ. މީގެ އެއްވެސް ނިޝާނެއް ރާއްޖޭން މިހާރު ފެނޭ ހެއްޔެވެ؟

ރާއްޖެއަށް "އިގްތިސޯދީ ބޫމެ" އް ގެނެވޭނެ ވަރުގެ ހަކަތައެއް މިވަގުުތު ރާއްޖޭގެ އިގްތިސޯދަކު ނެތެވެ. މައިގަނޑު ސަބަބަކީ އިގްތިސޯދު ހަމަ އިސްކޮޅަށް ތެދުވާނެ ވަރުގެ ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެއަށް ގެނެވިފައި ނެތުމެވެ.

ފޮރިން އިންވެސްޓްމަންޓު މަދުވުން މައްސަލައެއް

ރާއްޖެ ފަދަ ޒާތަށް ވެސް އިކޮނޮމިކް އެކްޓިވިޓީތައް މަދު ގައުމެއްގެ އިގްތިސޯދު ކުރިއަރުވަން އަބަދު ވެސް ވަކި މިން ވަރަކަށް ފޮރިން އިންވެސްޓްމަންޓް ބޭނުންވެ އެވެ. އެ ފަދަ އިންވެސްޓްމަންޓުތައް ގެނެސް އެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިދާ ލިބޭނެ ނިޒާމެއް އޮވެގެން ނޫން ގޮތަކަށް އިގްތިސޯދު ކުރިއަރައިގެން ނުދާނެ އެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

"ވެރިއަކު މި އަންނަނީ ކޮންމެ ފަސް އަހަރަކުން އެހެންވީއިރު އެންމެ މަދު ވެގެން ކޮންމެ ދެ އަހަރަކުން އެބަޖެހޭ އާ ފޮރިން އިންވެސްޓްމަންޓު ތަކެއް ފެށެން. ރާއްޖެއަށް ބޭނު ންވަނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް. އެ ނެތީމަ އިގްތިސޯދު ހަރަކާތް ނުކޮށްގެން މި އުޅެނީ،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.

އެފަދަ ގިނަ އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ހަމައެކަނި ޓޫރިޒަމަށް ފޮރިން އިންވެސްޓްމަންޓު ގެނެސްގެން ދެން ރާއްޖޭގެ އިގްތިސޯދު ނުހިފެއްޓޭނެ އެވެ. އޭގެ ބަދަލުގައި އެހެން ދާއިރާތަކުން އިންވެސްޓަރުން ހޯދަން ޖެހެ އެވެ.

"މިހާރު ބުނެވިދާނެ ކޮވިޑް-19 އައީމައޭ. އެކަމަކު ވެރިކަން ބަދަލުވި ވަގުތު އައި ގެޕް އަވަހަށް ފިލްކޮށް ފޮރިން އިންވެސްޓްމަންޓުތައް ގެނެސް މަސައްކަތް ފެށެން ޖެހޭ. އެހެންނޫނަމަ ރާއްޖޭގެ އިގްތިސޯދަށް ކެތެއް ނުކުރެވޭނެ. އެހެންނޫނީ މި ޖެހެނީ އެންމެ މަދު ވެގެން އަހަރަކު ދެ މިލިއަނާ ގާތަށް ޓޫރިސްޓުން ގެންނަން. އެކަން ނުވެެއްޖެނަމަ ދެން ފެންނާނެ މައްސަލަ ރާއްޖެއިން މި ފެންނަނީ،"

މި ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރަކީ ފޮރިން އިންވެސްޓްމަންޓް "ވަރަށް ރިޗް" އަހަރަށް ވާނެ އެވެ. ސަރުކާރުން ރޭވުމަކީ މި ވަގުތު ރާއްޖޭގައި ފަށާ އިގްތިސޯދީ އެންމެ ބޮޑު ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި އަހަރު ފަށާށެވެ. މާލެ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަނދަރު ބަދަލުކޮށް، ގްރޭޓާ މާލެ އޭރިއާ ބަނދަރާ ބްރިޖުން ގުޅައިލާށެވެ. އެކަމަށް ލޯނު ނަގަން އެއްބަސްވުންތަކުގައި ވަނީ އިންޑިއާއާއެކު ސޮއިކޮށްފަ އެވެ. މިހާރު ކުރަން ޖެހޭ ކަމަކީ މަސައްކަތްތައް ފެށުމެވެ. މި މަސައްކަތް ތަކުން ދިވެހި ވިޔަފާރިތަކަށް ފައިދާ ލިބޭނެ ގޮތަށް މަސައްކަތް ޕްލޭން ކުރުމެވެ.

އިގްތިސޯދީ ބޫމެއް އަންނާނީ ފޮރިން އިންވެސްޓްމަންޓު އިތުރު ކޮށްގެންނެވެ. ހަމައެކަނި ޓޫރިޒަމަށް ބަރޯސާކޮށްފަ އިގްތިސޯދު ބޭއްވުމުގެ ވިސްނުން ގެންގުޅެގެން އެކަމެއް ނުވާނެ އެވެ. އެއީ ވާހަކައި ކަރުދާހުން ވާކަމެއް ނޫނެވެ.