ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

އެންގަނޑުގެ މީރު ރަހަ ކެނޑެނީތަ؟

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ފުރޭނެ އެވެ. އެ އުމުރު ހަމަވާއިރު މި ސިނާއަތް ވެފައި ވަނީ ރާއްޖޭގައި އެންމެ ބޮޑެތި ފޮރިން ކުންފުނިތަކުން އިންވެސްޓް ކޮށްގެން ތިބި ސިނާއަތަށެވެ. ދިވެހިންނާއެކު ޖޮއިންޓް ވެންޗާ (ޖޭވީ) ހަދައިގެން ނުވަތަ ރިސޯޓުތަކުގެ މެނޭޖުމަންޓް ދިގު މުއްދަތަށް ނަގައިގެން ވެސް ގިނަ އަދަދެއްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ތައް ރާއްޖޭގައި ހަރަކާތްތެރިވެ އެވެ. ރާއްޖޭގެ ރިސޯޓެއް ޓޫރިޒަމަށް ހުޅުވާލައިފިނަމަ އެ ރަށަކަށް އެތައް ބަޔަކު ކުރިމަތިލަ އެވެ. ރިސޯޓު ހަދަން ރަށެއް ނެރެފިނަމަ ދިވެހި ވިޔަފާރިތަކާއި ބޭރުގެ އިންވެސްޓަރުންނަށް ދުއްވައި ގަންނަނީ މީރު އެންގަނޑެއް ފެނިގެން މަހެއް ދުއްވައި ގަންނަ ފަދަ ދަހިވެތި ގޮތަށެވެ. ރަށް އިއުލާނު ކުރުމާއެކު ބިޑު ކުރަން އަވަސްވެ ގަނެވެ. އެކަމަކު ދާދި ފަހުން ސަރުކާރުން ޓޫރިޒަމަށް ހަތަރު ރަށް ހުޅުވާލުމުން ފެނިގެން ދިޔައީ ހިތްދަތި މަންޒަރެވެ. ރާއްޖޭގެ ރީތި ހަތަރު ރަށެއްގައި ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލުމުން ބިޑަށްލީ އެންމެ އިންވެސްޓަރެކެވެ. އެންމެ ކުންފުންޏެކެވެ.

މއިން އަންގައި ދެނީ ކޮން ކަމެއް ހެއްޔެވެ؟ އެންގަނޑުގެ މީރު ރަހަ ކެނޑެނީ ހެއްޔެވެ؟ ފޮރިން އިންވެސްޓަރުން ރާއްޖެއާ މެދު ދެކޭ ނަޒަރިއްޔާ ބަދަލުވީ ހެއްޔެވެ؟ ނުވަތަ އިންވެސްޓްމަންޓް ޕްރޮމޯޓް ނުކުރެވެނީ ހެއްޔެވެ؟

"ފާހަގަ ކުރެވެނީ އެންމެ ކަމެއް. ކެޕިޓަލް ކޮންޓްރޯލްގެ ވާހަކަ މާގިނައިން ދައްކާތީ ބިޒްނަސް ކޮންފިޑެންސް ކުޑަ ވަމުންދާ ތަން. އަނެއްހެން ބުނާނަމަ އިންވެސްޓާ ކޮންފިޑެންސް މާބޮޑަށް ލޯކޮށް މި ފެންނަނީ،" ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އިންވެސްޓްމަންޓް ގެންނަން ގިނަ ޕޮލިސީ ތަކެއް ތައްޔާރު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިގްތިސޯދީ މާހިރަކު ނަން ނުޖަހަން ޝަރުތުކޮށް އިއްޔެ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށް ތަކެއް ރިސޯޓު ހަދަން ހުޅުވާލުމުން އެ ރަށްތަކަށް މީހަކު ކުރިމަތި ނުލުމަކީ ސީރިއަަސް މައްސަލަ އެކެވެ. މި ހާލަތަށް ދިއުމުގައި ދުނިޔެ މިހާރު އޮތްގޮތް ވެސް މުހިންމު ރޯލެއް އަދާ ކުރެ އެވެ. އެހެންވެ މިހާރު ދުނިޔޭގެ އިންވެސްޓްމަންޓް މޫސުން އޮތް ގޮތަށް ބަލައިލުން މުހިންކަން ބޮޑުވެ އެވެ.

ރާއްޖެ - އިންވެސްޓަރުން ޝައުގުވެރިވާ ހިސާބުގައި

ކޮވިޑް-19 އަށްފަހު ދުނިޔޭގެ ހުރިހާ ކަމެއް ޕާކްކޮށްފައި އޮތުމަށް ފަހު އަލުން މިވަނީ ދަތުރު ފަށާފަ އެވެ. ދުނިޔެ ހިންގައި ގަންނަން ފަށައިފި އެވެ. ވެކްސިން ރޯލް ކުރަން ފެށުމާއެކު ފައިސާ ހުރި މީހުން ފުރުސަތުގެ ބޭނުން ހިފޭނީ ކިހިނެއްތޯ ބަލަން ފަށައިފި އެވެ. މި ހާލަތަކީ 2008 ގެ ފައިނޭންޝަލް ކްރައިސިސް ފަދަ ތަދުމަޑު ހާލަތެއް ނޫނެވެ. މިއަދު ދުނިޔޭގެ މީހުންގެ އަތުގައި ފައިސާ އެބަ ހުއްޓެވެ. އިންވެސްޓަރުން ތިބީ ދުރުމި އަޅައިގެން އެ ފައިސާ ހޭދަ ކުރާނެ ދިމާލެއް ހޯދުމުގަ އެވެ. އެ މީހުންގެ ނަޒަރު ދުނިޔޭގެ ހަތަރު ބިތުން ނުނެއްޓެ އެވެ.

ރާއްޖެ އާއި ދުނިޔޭގެ ބޮޑެތި ޕްރޮޕަޓީތައް ވިއްކުމަށް މަޝްހޫރު ޖޭއެލްއެލް ކުންފުނިން އިން ދާދި ފަހުން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އަށްފަހު އިންވެސްޓަރުންގެ ޝައުގުވެރިކަން އެންމެ ރަނގަޅުވަމުން އަންނަ އެއް ސަރަހައްދަކީ އޭޝިއާ އެވެ. އެ ކުންފުނިން ނެގި ހިޔާލު ހޯދުމުގައި ބައިވެރިވި 80 ޕަސެންޓް އިންވެސްޓަރުންގެ ނަޒަރުގައި މިހާލަތުގައި ވެސް އިންވެސްޓަރުން އެންމެ ގަޔާވާއެއް ދިމާލަކީ ދެކުނު އޭޝިއާ އެވެ. ރާއްޖެއަކީ ދެކުނު އޭޝިއާގެ އެންމެ މުހިންމު ގައުމެވެ. އެކަމަކު ރާއްޖޭގެ ރަށްތައް ދުނިޔެ އަށް ދެއްކުމުން "ނޫނެކޭ" ބުނަންވީ ކީއްވެ ހެއްޔެވެ؟

މި ވޭތުވެދިޔަ ދެ އަހަރަށް ބަލާއިރު ރާއްޖެއަށް އިންވެސްޓަރުން ޝައުގުވެރިކަން ގެއްލިދާނެ އެތައް ކަމެއް ފެންމަތި ވެއްޖެ އެވެ. ބައެއް ފަހަރު އިންވެސްޓަރުންގެ ޝައުގުވެރިކަން ގެއްލެވެނީ ހަމައެކަނި ސިޔާސީ ހަލަބޮލިކަން ބޮޑުވުމުން އެކަންޏެއް ވެސް ނޫނެވެ. މި ވޭތުވެދިޔަ ދެ އަހަރަކީ ޖުމްލަ ގޮތެއްގައި ރާއްޖޭގައި ސިޔާސީ ހަލަބޮލިކަން އޮތް ވަރަށް ބަލާއިރު މައިތިރި ދެ އަހަރެވެ. ރިޔާސީ އިންތިހާބަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހަނީމޫން އެއް އަހަރުވީ މަޑުމަތިއިތި އަހަރަކަށެވެ. ދެން އައީ ކޮވިޑް-19 ގެ ތަދުމަޑު އެއް އަހަރެވެ. މި ދެ އަހަރު ލައްވާލި ވަގުތު އިންވެސްޓަރުންގެ އަތްމަތީ ފޮތުގެ ގޮތުގައި ބަލާ ކްރެޑިޓް ރޭޓިން އެޖެންސީ ތަކުން ވަނީ ރާއްޖޭގެ ރޭޓީން ވައްޓާލާފަ އެވެ. ފިޗު ރޭޓީން ތިން ސީ އަށް ލި އެވެ. އަދި މޫޑީސް އިން ވެސް ރޭޓިން ދަށް ކުރި އެވެ. މިއީ ވެސް އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަވި ސަބަބެކެވެ.

އަނެއް ސަބަބަކީ ސަރުކާރުގެ އާދަޔާ ހިލާފު ސްލޯ ކަމެވެ. އިންވެސްޓްމަންޓެއް ގެނެސް މޭޒު މައްޗަށް ލުމުން އެ އިންވެސްޓަރެއްގެ ސިޓީ އަށް ޖަވާބު ނުދީ ހަތަރު މަސް ފަސް މަސް ވާނަމަ އެ މީހަކު ފޫހި ވާނެ އެވެ. ދުނިޔޭގައި އޮތީ ހަމައެކަނި ރާއްޖެ އެކަންޏެއް ނޫނެވެ. އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ދުނިޔޭގެ ގިނަ ގައުމުތައް އޮތީ ތައްޔާރަށެވެ. ގިނަ ގައުމުތަކުގައި އިންވެސްޓަރުންނަށް ފަސޭހައިން ކަންކަން ކުރެވޭ ގޮތަށް ސިންގަލް ވިންޑޯ ސިސްޓަމްތައް ހުރެ އެވެ. މި ވަން ސްޓޮޕް ސޮލިއުޝަން ދޭ ތަންތަނަށް ގޮސް ފަސޭހަ ކަމާއެކު މަސައްކަތް ކުރެވެ އެވެ. އެ ކަންކަން ދާނެ ގޮތް ޕޮލިސީން އޮންނާނީ ލިޔެ ފެންނާށެވެ. ސިޓީގެ ޖަވާބު ހޯދަން މިނިސްޓަރަށް ގުޅާކަން ނުޖެހޭނެ އެވެ. މިފަދަ ނިޒާމެއް ނެތުމަކީ ވެސް ރާއްޖޭގެ ޝައުގުވެރިކަން ކުޑަވާ ސަބަބެކެވެ.

ރާއްޖެ ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓް ކުރިއިރު އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި، މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި އިންވެސްޓަރުންގެ "އެޕަޓައިޓް" ރާއްޖެއަށް ކުޑަވުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މިހާރު ރާއްޖޭގައި ދުވަހުން ދުވަހަށް ފެންނަނީ އެ މަންޒަރުކަން ސައީދު ފާހަގަ ކުރެއްވި އެވެ.

"އިންވެސްޓްމަންޓް އެޕަޓައިޓްއެއް ނެތް. ހަގީގަތަކީ މިއީ. ރާއްޖެ ކޮންމެ ރޭޓިންއެއްގައި މި އޮތީ ޖަންގް ސްޓޭޓްސް.
މިހެންވީ ފައިނޭންޝަލް މާކެޓަށް ސަރުކާރުން ގެންނަ ސިޔާސަތުތަކުގެ ސަބަބުން. އިންވެސްޓަރުން ފައިނޭންޝަން އޮޑިޓް ހަދާ. މީގެން ފެންނަނީ އިތުބާރު ނެތްކަން. ހަމައެކަނި ބޭރުގެ އިންވެސްޓަރުންނެއް ނޫން އިތުބާރު ނެތީ. ދިވެހި އިންވެސްޓަރުންގެ އިތުބާރު ނެތުމަކީ އަދިމާ ސީރިއަސް ކަމެއް،" ސައީދު ވިދާޅުވި އެވެ.

"ދާދި ފަހުން މި ފެނުނީ ރާއްޖޭގެ ތާރީހުގައި ކާޑު އެތެރެ ކުރަން ސޮވްރިން ގެރެންޓީ ދިންތަން. މިއީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ނަތީޖާ."

އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑަ ކަމަށް މިކަމުގެ ބައެއް މާހިރުން ބުނި ނަމަވެސް ސަރުކާރުން އެކަން ގަބޫލެއް ނުކުރެ އެވެ. ގުދުރަތީ ޖަވާހިރުތަކެއް ފަދަ ރީތި ރަަށްތަކަކަށް އިންވެސްޓަރުން ހޯދަން އިއުލާނު ކުރުމުން ކުރިމަތިލާނެ މީހަކު ނުވުމަކީ ރާއްޖެއަށް އިންވެސްޓަރުން އޮތް ޝައުވެރިކަން ކުޑަވުންތޯ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް އަވަސް އިން ސުވާލު ދެންނެވުމުން މިނިސްޓަރުގެ ޖަވާބަކީ އިންވެސްޓަރުންގެ ޝައުގުވެރިކަން ކުޑައެއް ނުވެ އެވެ.

"މި ދުވަސްކޮޅު ފައިސާ ތަންތަނަށް މޫވް ކުރުމާއި އިންވެސްޓަރުން ތަންތަން ބަލަން އައުން ފަދަ ކަންކަމުގައި ދަތިތަކެއް އެބަހުރި. އެހެންވެ އެ ތަންތަން [ފަހުން ބިޑް ކުރި ރިސޯޓްތައް] އަލުން ބިޑް ކުރާނަން. އޭރު މާކެޓް ޕެރިމީޓާސް އަށް ގެންނަން ޖެހޭ ބަދަލު ގެނެސްފަ ކުރިއަށް ދެންދާނީ. ރާއްޖޭގައި މިހާރު ޑޮމެސްޓިކް އެއާޕޯޓް ހަދަމުންދާއިރު މި ހުރި 52،000 ބެޑްސް. މިއީ މަދު އަދަދެއް،" ޑރ. މައުސޫމް ވިދާޅުވި އެވެ.

މި ދުވަސްކޮޅު ފައިސާ ތަންތަނަށް މޫވް ކުރުމާއި އިންވެސްޓަރުން ތަންތަން ބަލަން އައުން ފަދަ ކަންކަމުގައި ދަތިތަކެއް އެބަހުރި. އެހެންވެ އެ ތަންތަން [ފަހުން ބިޑް ކުރި ރިސޯޓްތައް] އަލުން ބިޑް ކުރާނަން
އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު

މި ސަރުކާރުން އިންވެސްޓަރުންނަށް ފަހި ކުރުމަށްޓަކައި ޓޫރިޒަމް ގާނޫނު ވެސް ވަނީ ބަދަލުކޮށްފަ އެވެ. ސަރުކާރުން ބުނެފައި ވަނީ މި ބަދަލުގެ ސަބަބުން ނުހެދި ހުރި 85 ރަށް ހަދަން މަގު ފަހި ވެގެންދާނެ ކަމަށެވެ. މި ބަދަލާއެކު ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކޮށް މި ރަށްރަށުގެ ބައިތައް "ވިއްކާލައިގެން" ވެސް ރަށް ހުޅުވުމުގެ ފުރުސަތު ފަހިވެ އެވެ. އަދި ސަރުކާރުން ވަނީ މި އަހަރު ޓޫރިޒަމަށް 10 ރަށެއް މާކެޓް ނެރެން ބަޖެޓުގައި ނިންމާފަ އެވެ. މިފަސް އަހަރު ތެރޭގައި 20 ރަށެއް ނެރެގެން ދައުލަތަށް އާމްދަނީ ހޯދުމަށް ވެސް ހުށަހަޅާފަ އެވެ.

މި ރަށްތައް ނެރެން ސަރުކާރުގެ ވިސްނުން ހުރިއިރު ރަށް ނެރެން ސަރުކާރު ތައްޔާރު ހެއްޔެވެ؟ ނެރޭ ރަށް ދުރާލާ ޕްރޮމޯޓް ކޮށް، އިންވެސްޓަރުން އެޓްރެކްޓް ކުރުވި ހެއްޔެވެ؟

ސަރުކާރުން އެންމެ ފަހުން ޓޫރިޒަމަށް ރަށްތައް ހުޅުވާލިއިރު ތައްޔާރު ވެފައި އޮތް ކަމަށް ނުފެނެ އެވެ. ކުއްލިއަކަށް ފެނުނީ ގެޒެޓުގައި ރަށްތަކެއް ހުއްޓަ އެވެ. އިންވެސްޓްމަންޓް އެކަށީގެންވާ ވަރަށް ޕްރޮމޯޓް ކުރިތަނެއް ނުފެނެ އެވެ. މި ރަށްތަކަށް ލިބުނު ތަރުހީބު ކުޑަވުމުގައި މިއީވެސް ސަބަބެކެވެ.

ބޭރުގެ އިންވެސްޓަރުންނާއެކު ޖޭވީ ހަދައިގެން ވިޔަފާރިކުރާ ދިވެހި އިންވެސްޓަރެއް ނަން ނުޖެހުމަށް އެދި ވިދާޅުވި ގޮތުގައި ރަށްތައް ހުޅުވާލުމުގެ ކުރީގައި އިންވެސްޓަރުން އެޓްރެކްޓް ކުރެވިފައި ނެތް ކަމަށާ ރާއްޖޭގެ އަގު ދަށްވަމުން ކަމުގެ އިހުސާސްވާ ކަމަށެވެ. އަދި މިކަން ރަނގަޅު ކުރުމުގައި އިންވެސްޓް މޯލްޑިވްސްގެ ރޯލު މުހިންމުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ބޭނުން ވަރަކަށް ލިބެން އޮތް ތަނެއްގެ ގޮތުގައި މިހާރު ދުނިޔެ އަށް މި ފެންނަނީ. އަނގަ ހުޅުވައިގެން އޮތް ތަނެއްގެ ގޮތުގަ. ރާއްޖޭގެ އިންވެސްޓްމަންޓުތަކުގެ އަގު ދަށްވިޔަ ދީގެން ނުވާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

ވީކަމެއް ވީއެވެ. ވީކަމެއް ނުވާ ކަމަށް ނުވާނެ އެވެ. ދެން ވެސް އޮތީ އިންވެސްޓްމަންޓް ފަހި ކުރެވޭ ތޯ މަސައްކަތް ކުރުމެވެ. ކޮންމެ ގޮތެއްގައި ބެލިނަމަވެސް ރާއްޖޭގެ އިކޮނޮމީ ފަސް އަހަރު ހިންގަން ބޭނުންނަމަ މި ތަނަށް އިންވެސްޓްމަންޓުތައް ގެންނަން ޖެހެ އެވެ. އިކޮނޮމީ ހިތްދެމި ލެވޭނީ ބޭރުން މި ފައިސާ ގެނެސް ރާއްޖެ އަށް އަޅައި އެ ފައިސާ ދިވެހިންގެ ޖީބަށް ވަދެގެންނެވެ. އެކަން ކުރަން ބޭނުންނަމަ ރާއްޖޭގެ އެންމެ އަގު ބޮޑު ރައުސުލްމާލު ކަމަށްވާ ރީތި ރަށްތައް އިއުލާނު ކުރުމުގެ ކުރީގައި ތައްޔާރު ވާން ޖެހެ އެވެ. ޕްރޮމޯޓް ކުރަން ޖެހެ އެވެ. މި އެން ގަނޑަށް ދަހިލަވާނެހެން ފިލި ކުރަން ޖެހެ އެވެ. އެހެން ނޫނީ އެން ގަނޑު ކާނެ މަހެއް ނުވެ، އެން ގަނޑު ވާނީ ހަމަކުންޏެވެ.