ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

"ބޯކޮށް" ޓޫރިސްޓުން އަންނާތީ ސަރުކާރު ނިދީގައި ނަށަނީ!

ބޯޑަރު ހުޅުވައިގެން މިހާތަނަށް އާދެވުނު އިރު ޓޫރިޒަމް ރަނގަޅު ވެގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ވެސް ބައެއް ފަހަރަށް ދެކެވޭ ނުދެކެވޭ ވާހަކަ އެނގިވަޑައި ގަންނަވާހެނެއް ހީއެއް ނުވެއެވެ. ނަމްބަރު މައްޗަށް ގޮސްގެން ސަރުކާރު އުފަލުން ނަށަނީ އެވެ. އެކަމަކު މިދަނޑިވަޅުގައި ޓޫރިޒަމް ރަނގަޅުވީ ކޮން ކަމަކާ ހުރެ ހެއްޔެވެ؟ މިއީ ރާއްޖޭގެ މާކެޓިންގެ މޮޅު ކަމުން، ވަރުގަދަ ކަމުން އެމްއެމްޕީއާރްސީގެ ހަރުދަނާ ކަމުން ނޫނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ "ހިކުމަތު އަމަލީން" އުފެދުނު ޑިމާންޑެއް ހެއްޔެވެ؟ މުޅި ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ހެއްޔެވެ؟

"މިހާރު އުފެދިފައި މިވަނީ ނެޗުރަލް ޑިމާންޑެއް. މިއީ ހާލަތާއި ވަގުތު، އަދި ރާއްޖެ އުފެދިފައި އޮތް ގޮތުން އުފެދިގެން އުޅޭ ނެޗުރަލް ޑިމާންޑެއް. މިއީ ސަރުކާރުން މާބޮޑު މަސައްކަތެއް ކޮށްގެން އަންނަ ކުރިއެރުމެއް ނޫން،" ނަން އެއް ފަރާތްކޮށްލާފައި ޓޫރިޒަމް ސިނާއަތުގައި ގިނަ ދުވަސްވީ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

މިހާރުގެ ހަގީގަތަކީ "ދުނިޔޭގައި އޮތީ ރާއްޖެ އެކަންޏެ" ވެ. މޮރިޝަސް އާއި ސީޝެލްސް ހުޅުވި ނަމަވެސް އެ ގައުމުތަކުން ވެސް ހުޅުވާފައި ވަނީ ބައެކެވެ. އެހެންވެ މިހާރު މިއޮތް ޑިމާންޑް އެހެން މަންޒިލްތައް ހުޅުވުމުން ދަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ތަޖުރިބާކާރުން ދެކެވަޑައި ގަންނަވަ އެވެ. މިހާލަތު އަންނާނެ އެވެ. ފަހަރުގައި މައި ސީޒަން ނިމުމުން ވެސް މި ބަދަލު ފެނިދާނެ އެވެ.

މި ވަގުތު އޮތީ ކޮންމެ ގޮތަކަށް އައި ޑިމާންޑަކަށް ވިޔަސް މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ ގައިމު ވެސް އިތުރެވެ. ނަމްބަރުތައް ދުވަހުން ދުވަހަށް އުފުލެ އެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވާ ގޮތަށް "ބޯކޮށް" ޓޫރިސްޓުން އާދެ އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް އައީ 382،760 މީހުނެވެ. އަދި ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 132،802 ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ. މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު މި ވަނީ ބައި މިލިއަން ފަހަނަ އަޅާފަ އެވެ.

ބޯޑަރު ހުޅުވަމުން ހެދީ ހުސް ގޯސް!

މި އަހަރުގެ ފަހުކޮޅާ ހަމައަށް އައިރު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 4،000 އަށް އުފުލިފައި ވެއެވެ. މިހާރު ޓޫރިޒަމުން މި ފެންނަ "ޕޮޒިޓިވް އިފެކްޓް" ގެ ސިއްރެއް ވެސް ވާނެ އެވެ. މިއީ ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ހެއްޔެވެ؟

ހަގީގަތަކީ ނޫނެކެވެ؛ ބޯޑަރު ހުޅުވުމުގެ ކުރިން ސަރުކާރުން މުޅިން ވެސް ހެދީ ގޯހެވެ. ދުނިޔެއަށް ދެއްކީ ހާލަތާއި ނުބައްދަލު "ބޭޑް ޕީއާރް" އެވެ. ފުރަތަމަ ބޯޑަރު ހުޅުވަން ތައްޔާރުވެފައި ވަނިކޮށް ހަމައެކަނި ޕްރައިވެޓް ޖެޓް ގެނެވޭ ގޮތަށް އުސޫލެއް އެކުލަވާލަން ހިފި އެވެ. ޑްރާފްޓް ވެސް އެކުލަވާލި އެވެ. އެކަމަކު އެ އުސޫލު އިންޑަސްޓްރީ އަށް ފޮނުވިތާ ގިނަ ދުވަހެއް ނުވެ ލީކްވި އެވެ. އޭގައި އޮތީ އަންނަ ކޮންމެ ޖެޓަކުން ބައި ލައްކަ ޑޮލަރު ނެގުމުގެ އިތުރުން ނަގާ ގިނަ ފީތަކެއްގެ ވާހަކަ އެވެ. އިސާހިތަކު ދުނިޔެއަށް އެ އަަޑު ފެތުރިގެން ދިޔަ އެވެ. އެހެންވެ ފަހުން ސަރުކާރުން އެ އުސޫލު އުވާލައި، ފީތައް ކަނޑާލީ އެވެ.

"ދުނިޔޭގެ އެންމެ ބޮޑު މީޑިއާތަކުގައި ރާއްޖޭގެ އަގު ބޮޑުކަމާއި ރާއްޖެއަކީ ހަމައެކަނި ވަކި ބަޔަކަށް އާދެވޭނެ މަންޒިލެއްގެ ގޮތުގައި ސިފަވުމަކީ ޓޫރިޒަމްގެ އެހެން ޕްރޮޑަކްޓްތަކަށް ލިބުނު ދެރައެއް. އެ ހާލަތުގައި ހަގީގަތުގައި ލިބުނު ބޭޑް ޕީއާރެއް،" ރިސޯޓެއްް ޖެނެރަލް މެނޭޖަރަކު ވިދާޅުވި އެވެ.

ނަތީޖާ ފޮނިވީ ޕްރައިވެޓް ސެކްޓާގެ މަސައްކަތުން

ދެން އޮތީ މާކެޓިން އެވެ. ރާއްޖެ މާކެޓު ކުރުމުގެ ވާހަކަ އެވެ. ރާއްޖެ މާކެޓު ކުރަން ސަރުކާރުން ކުންފުންޏެއް އުފައްދާފައި ވަނީ އެކަން ރަނގަޅަށް މޮޅަށް ކުރާށާއި ކަން ކުރުމުގެ ފަސޭހަ އަށެވެ. ސަރުކާރުގެ އޮނިގަނޑުގެ ތެރެއިން ކުރުމަށްފަހު އިފެކްޓިވްކޮށް، އެފިޝެންޓްކޮށް ކުރާށެވެ. އެމްއެމްޕީއާރްސީއަށް 10 މިލިއަން ޑޮލަރުގެ ބަޖެޓެއް ދީފައި ވަނީ ވެސް އެހެންވެ އެވެ. އެކަމަކު އަބަދުވެސް އެ ކުންފުނިން ކުރާ މަސައްކަތަށް އޮންނަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެމްއެމްޕީއާރްސީން ކުރަނީ ކީއް ހެއްޔެވެ؟ ކުރަނީ ކޮން މާކެޓިން އެއް ހެއްޔެވެ؟ ދިހަ މިލިއަން ޑޮލަރުގެ ބަޖެޓުން ކުރާ މާކެޓިންގެ ނަތީޖާ ފެނޭ ހެއްޔެވެ؟ މިހާރު ޓޫރިޒަމް އިސްތިހާރު ކުރުމުގައި އެ ކުންފުނީގެ ލީޑާޝިޕް ކޮބައި ހެއްޔެވެ؟ އެ ކުންފުނިން ހަމައެކަނި ކުރި ކަމަކީ ސަރުކާރުގެ ސިޔާސަތަށް ދީލާލައިގެން އިންޑިގާގައި މާކެޓު ކުރުމެވެ. އެކަމަކު އެ މާކެޓިންގައި ވެސް ނަތީޖާއެއް ނުފެންނަކަން އެނގެނީ އިންޑިއާއިން ފެންނަ ނަމްބަރު ތަކެވެ.

ޓޫރިޒަމް މި ވަގުތު ރަނގަޅުވެފައި ވަނީ އެމްއެމްޕީއާރްސީން ކުރި ކަމެއް އޮވެގެނެއް ނޫނެވެ. ޓޫރިޒަމް މިނިސްޓްރީން މާ މޮޅަށް ރާވައިގެނެއް ވެސް ނޫނެވެ. އެއާ ހިލާފަށް ޓޫރިޒަމް ސިނާއަތުގެ މަސައްކަތުންނެވެ. ބޯޑަރު ބަންދުވެފައި އޮތް ނަމަވެސް، ޓޫރިޒަމް ސިނާއަތުން މާކެޓް ކުރުން ހުއްޓައެއް ނުލަ އެވެ. ޓުއާ އޮޕަރޭޓަރުންނާ ދިޔައީ ވާހަކަ ދައްކަމުންނެވެ.

ދިވެހި ސަރުކާރުން ގައުމު އެއްކޮށް "ހެލްތް ސެކްޓާ" އަށް ދޫކޮށްލި ނަމަވެސް ޓޫރިޒަމް އިންޑަސްޓްރީން އިކޮނޮމީ ހިންގޭތޯ ބެލި އެވެ. އެންމެ ދަތި ވަގުތު ވެސް ދުނިޔޭގެ އެންމެ މަޝްހޫރު ތަރިން ރާއްޖެ ގެނެސްފައިވެ އެވެ. ފިލްމީ ތަރިންނާއި މަޝްހޫރު އެތައް ބަޔަކު އަމިއްލައަށް ޖެޓް ހަޔާ ކޮށްގެން ގެނެސް ރާއްޖެ އިސްތިހާރުކޮށް ދިނެވެ. މިކަން ކުރީ ޓޫރިޒަމް ވިޔަފާރިވެރިންގެ އަމިއްލަ ޖީބުންނެވެ. އެ މީހުން ރާއްޖެ ގެނެސް ލަމުން ދިޔަ ފޮޓޯތަކާއި ޖަހަމުން ދިޔަ ފޭސްބުކް ސްޓޭޓަސްތައްވީ އެމްއެމްޕީއާރްސީން ގެންނަ 1000 ޓްރެވަލް ރައިޓާސްގެ މަސައްކަތާ ނުބައްދަލު ނަތީޖާ އަކަށެވެ.

"ބައްލަވާ އަޅުގަނޑުމެން ރިސޯޓުގައި މާކެޓިން މަސައްކަތް މި ކުރަނީ ދިވެހިން. އެ ކުދިން ދުވާލު ހަތަރުދަމު އެކަމުގައި އެ އުޅެނީ. އެ ވަރަށް މަސައްކަތް ކޮށްގެން މިހާރު މި ފެންނަ ނަތީޖާއާ ހަމައަށް ހަގީގަތުގައި ދިޔައީ. މިހާރު 40،000 އިން 50،000 އިން ގެންނާނަމޭ ބުންޏަސް މިއީ ޕްރައިވެޓް ސެކްޓާގެ މަސައްކަތް. އެންމެ މީހެއްގެ މަސައްކަތެއް ނޫން،" ރިސޯޓެއްގެ އޯނަރަކު ވިދާޅުވި އެވެ. ވިޔަފާރިއަށް ދީފާނެ، ލިބިދާނެ ގެއްލުމަކަށްޓަކައި އޭނާ ވެސް މިވަގުތު ނަން ޖައްސަވާކަށް ބޭނުންފުޅެއް ނުވެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ރައީސް އަބްދުﷲ ނަސީދު ވިދާޅުވި ގޮތުގައި ބޯޑަރު ބަންދުވި ނަމަވެސް އެ އެ މީހުން މާކެޓިން ހުއްޓާނުލައި ރާއްޖެ ޕްރޮމޯޓް ކުރަމުން ދިޔަ އެވެ.

"ކާނީގެ 130 އަށްވުރެ ގިނަ އޮޕަރޭޓަރުން ތިބޭނެ. އެ ބޭފުޅުންނާ ވާހަކަ ދައްކަމުން ދިޔައީ، އެހެންވެ މި ހާލަތުގައި ވަރަށް ފަސޭހަވި،" އަބްދުﷲ ވިދާޅުވި އެވެ.

މިހާރު މުހިންމު މާކެޓުތައް އިތުރުވަމުންދާތަން ފެންނައިރު، މި މާކެޓުތައް ޕްރޮމޯޓް ކުރަން އިންޑަސްޓްރީން ކުރާ މަސައްކަތް ބޮޑެވެ. ހާއްސަކޮށް ރަޝިއާ ފަދަ މާކެޓުތައް ރަނގަޅު ކުރަން ގެންނަ ޗާޓަރު ފްލައިޓް ތަކަކީ ޔޫރަޕުން އަންނަ މީހުން އިތުރުވުމުގެ ސަބަބެވެ. އެހެން ނޫން ގޮތަކަށް ހަމައެކަނި ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ޝެޑިއުލަށް ދޫކޮށްލައިގެން ތިބިނަމަ މިހާރު ފެންނަ ޓޫރިސްޓު ނަމްބަރު ފެނުމާ ކައިރިވެސް ނުވާނެ އެވެ.

ރިސޯޓުތަކުގެ ފުލް ކެޕޭސިޓީގެ ވާހަކަ

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ 139 ރިސޯޓެއްގެ 32،380 އެނދު މިހާރު އޮޕަރޭޝަނަށް ގެނެވިފައިވެ އެވެ. މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ވެސް ސަރުކާރުން ސިފަ ކުރެ އެވެ. އެކަމަކު މި ހިސާބުތަކުގެ ނުފެންނަ ފަށުން ފެންނަ އޮތް މަންޒަރު މުޅިން ތަފާތެވެ. މިހާރު އޮތް ހާލަތުގައި 100 އެނދުގެ ރިސޯޓެއްގައި ހުޅުވާފައި ވަނީ 70 އެނދެވެ. ކޮންމެ ޕްރޮޕަޓީއެއްގެ ވެސް ހުޅުވަނީ އެޗްޕީއޭގެ މިންގަނޑު ތަކަށް އެނދުގެ 10 ޕަސެންޓް ކެނޑުމަށް ފަހު އެވެ.

ޓޫރިޒަމް ސިނާއަތުގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މި ހިސާބުތަކުން ފެންނަނީ "އޮޅުމެ" ކެވެ. މިއީ ރަނގަޅު މައުލޫމާތެއް ނޫނެވެ.

"ގިނަ ރިސޯޓުތަކުގެ ފުލް އޮޕަރޭޝަނަކަށް ނުގެނެވޭ. ގިނަ ރިސޯޓު ތަކަށް މުވައްޒަފުން ހަމައެއް ނުވޭ. އިންޑަސްޓްރީއަށް [ކަންކަން] މި ވާގޮތް އެނގޭ. އެހެންވެ ފުލް ސްޓާފުން ނުނަގާ... ރާއްޖެއަކީ ދުނިޔޭގެ އެހެން ގައުމުތައް ގޮތަށް ސީޒަނަލްކޮށް ޕާޓްޓައިމް އަށް މުވައްޒަފުން ލިބޭ ގައުމެއް ނޫން، އެހެންވީމަ މިހާރު ރިސޯޓުތައް އޯވަބުކް ވެގެން ހަބަރު ކިޔަސް، ހަގީގަތަކީ ރިސޯޓުތަކުގެ އެ ފުރެނީ 60 ނޫނީ 70 ޕަސެންޓު،" އޭނާ ވިދާޅުވި އެވެ.

ހާލަތަށް ތައްޔާރު ނުވެ ހުވަފެނުގައި

ދެން އޮތީ ހާލަތަށް ތައްޔާރުވުމެވެ؛ ކޮންމެ ގޮތެއްގައި ނަމަވެސް ނިއު އިޔާއަށް ޑިމާންޑް މަތިވާނެކަން އެނގެ އެވެ. އެހެންވީއިރު މި ޑިމާންޑަށް ފުލްކޮށް ކޭޓަ ކުރެވޭނެ ކެޕޭސިޓީ ނުއުފެއްދުނީ ކީއް ވެގެން ހެއްޔެވެ؟ މިހާ ހިސާބަށް އާދެވުނު މިނިމަމް ސާވިސްއެއް ދޭނެ ކެޕޭސިޓީ ވެސް ގާއިމްވެފައެއް ނުވެ އެވެ. މީގެ އެއް މިސާލަކީ ވީއައިއޭ އެވެ. މައި އެއާޕޯޓަށް އަންނަ ޓޫރިސްޓު މީހާ ބޯޓުން ފައިބާ ސިޑި އޮންނަ ވެހިކަލް ދާން 20 ނޫނީ 30 މިނެޓު ނެގުމަކީ ލަދުގަންނަން ޖެހޭނެ ކަމެކެވެ. އަދި އެތެރެވެ އިމިގްރޭޝަން ކައުންޓަރުގައި ގަޑިއިރު ވާން ޖެހުމަކީ ރަނގަޅަށް ތައްޔާރުވެފައި ނުވުމެވެ. މިވަގުތު އަންނާނެކަން އެނގި ތިބެ ސިސްޓަމް ގާއިމް ނުކުރެވުނީ ކީއް ވެގެން ހެއްޔެވެ؟

ދެން އޮތީ ކެޕޭސިޓީ އެވެ. މި ވާގޮތާއި ވާން އުޅޭގޮތް ކިރިޔާ ވެސް އެނގޭނަމަ ޕްރައިވެޓް ޖެޓަށް ޖާގަ ހަދާނެ އެވެ. ރާއްޖޭގައި ޖެޓު ޖެއްސޭ ހަތަރު ތަނެއް އެބައޮތެވެ. އެކަމަކު މި ދަނޑިވަޅަށް ވިސްނައި ކެޕޭސިޓީ ގާއިމްކޮށް ތައްޔާރުވާން އިންޑަސްޓްރީއާ މަޝްވަރާކޮށްފައެއް ނުވެ އެވެ. ނަތީޖާއަކަށްވީ މި ވިޔަފާރީން ބޮޑު ބައެއް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑުވެފައި ވުމެވެ. ޖެޓު ޕާކް ކުރެވޭނެ ކެޕޭސިޓީ ނެތިގެން ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ޕާކިންއަށް މިހާރު ދަނީ ސްރީލަންކާ އަށެވެ. ކުރިޔާލައި ކެޕޭސިޓީ ގާއިމް ކުރިނަމަ މި މައްސަލަ ކުރިމައްޗެއް ނުވީ އެވެ. އެހެންވެ، ހާލަތަށް ތައްޔާރުވެފައެއް ނެތެވެ.

ކުރިއްޔާ ކުރިކަމެއް ކުރީ ސިއްހީ ހިދުމަތްތެރިންނާއި ޓޫރިޒަމް އިންޑަސްޓްރީއެވެ. މިވަގުތު ސަރުކާރު ނަށަނީ އެވެ. އެކަމަކު ނިދީގަ އެވެ.