ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ހީނަރު ހަމަހުގެ ހިތްދަތިކަމާ ކުރިމަތިލަނީ!

Jun 24, 2020
2

ލޮކްޑައުންގައި ތިބިއިރު ވަރަށް ދަތިތައް ދިމާވި އެވެ. ބޭރަށް ނުދެވި ފޫހިވި އެވެ. ކާން އެންމެ ބޭނުންވި "ތިމާގެ އަމިއްލަ ބްރޭންޑް" ނުލިބިގެން ކަންބޮޑުވި އެވެ. އޭރު ހިތަަށް އެރީ ކޮންމެ 14 ދުވަހަކުން އިތުރު ކުރަމުން ދިޔަ ބަންދު ވެގެން ދާނީ އެންމެ ދަތި ދުވަސް ތަކަށެވެ. އެކަމަކު 42 ދުވަހަށް ފަހު ދަތިތަކުގެ ބޮޑު ބައި ފިލައިގެން ހިނގައްޖެ އެވެ. މިހާރު ބޭރަށް ނުކުމެވޭނެ ގޮތް ވެއްޖެ އެވެ. ފިހާރައަށް ގޮސް ބާވަތްތައް ހޯދޭނެ ގޮތް ވެއްޖެ އެވެ. މިހާރު ލިބެމުންދާ ލުއިތަކާއެކު، ގިނަ ބަޔަކު ތިބީ ހަމަ ޖެހިލައިގެނެވެ.

އެކަމަކު ހަގީގަތުގައި އަދި ހަމަ ނޭވާއެއް ލެވޭކަން ނެތެވެ. އަންނަ މަހުގެ 15 ވަނަ ދުވަހު އިގްތިސޯދު ހުޅުވާލުމާއެކު ކުރިއަށް އޮތް ހައެއްކަ މަސް ވެގެން ދާނީ އިތުރު ދަތިތަކެއް ކުރިމަތިވާނެ ދަތި ދުވަސް ތަކަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ގައުމާ މުހާތަބު ކުރައްވައި ވިދާޅުވި ގޮތުގައި އެ ހަ މަހަކީ އިގްތިސޯދީ ގޮތުން ހަނަފަސް ދުވަސްތަކެކެވެ. ނަމަވެސް އެ މަގަށް ދާން ނުކުންނަ އޮތް މަގުން އުންމީދުގެ އަލިކަން ފެނެ އެވެ.

"ކުރިއަށް އޮތް ހައެއްކަ މަސް ދުވަހަކީ ދަތި އުނދަގޫ ހަ މަހަށް ވެގެން ދާނެ. ހަމައެކަނި ދައުލަތުގެ ހަރަދުތަކާއި އާމްދަނީ އަށް އެކަަންޏެއް ނޫން. އަމިއްލަ މީހުންނާއި ވިޔަފާރިތަކަށް ވެސް ދަތި ވެގެންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރިއަށް އޮތީ ހީނަރު ހަމަހަށް ވަނީ ކީއްވެގެން ހެއްޔެވެ؟ މި ހަ މަސް ދުވަހު ފެނިގެން ދާނީ ކޮން ކަމެއް ހެއްޔެވެ؟ ހަ މަހަށް ނުކުންނަން ދާއިރު ހާލަތުން އަރައި ގަނެވޭނެކަމުގެ އުންމީދުގެ ހުޅުކޮޅު ފެނޭ ހެއްޔެވެ؟

ޖުލައި 15 ގައި އިގްތިސޯދު ހުޅުވާލުމާއެކު ސަރުކާރުގެ އަންދާޒާއަކީ މި އަހަރު ބާކީ އޮތް ހައެއްކަ މަހު އަންނާނީ 850،000 މީހުންނެވެ. މިއީ މިދިޔަ އަހަރު އައި ރެކޯޑް 1.7 މިލިއަން މީހުންނާ އަޅާ ބަލާއިރު މަދު އަދަދެކެވެ. މި އަހަރު ކުރިއަށް އޮތް ބައިގައި ޓޫރިސްޓުން އަންނަން ފަށާނީ އޮކްޓޫބަރު މަހުން ފެށިގެން ކަމަށް ބެލެވެ އެވެ.

އެހެންވެ ޓޫރިޒަމް ރަނގަޅުވެ ދައުލަތުގެ ހަޒާނާއާހަމައަށް ފައިސާ ލިބެން ފަށާނެ އެންމެ އަވަސް ތާރީހަކީ ވެސް އާ އަަހަރުގެ ޖެނުއަރީ ފެށުމުންނެވެ. ރިސޯޓުތައް ހުޅުވި ނަމަވެސް، އެެއް ފަހަރާ ހުރިހާ ރިސޯޓެއް ފުރިގެން ނުދާނެ އެވެ. މާހިރުންގެ ނަޒަރުގައި ޓޫރިޒަމް ހަމައަކަށް އެޅެން ވަރަށް ދުވަސް ނަގާނެ އެވެ. މިހެންވެ، އެ މުއްދަތު ވެގެން ދާނީ އިގްތިސޯދީ ގޮތުން ދަތި ދުވަސް ތަކަށެވެ.

ރާއްޖޭގެ އިގްތިސޯދު ހިނގައިގަންނަން ފަށާ ދުވަސްވަރު ކުރިމަތި ވެގެން ދާނެ އެންމެ ބޮޑު އެއް ދައްޗަކީ އާމްދަނީ ލިބުން ދަތިވުމުން ކުރިމަތިވާނެ ފުން ތަދެވެ. މި ތަދު ދައުލަތުގެ އިތުރުން ރައްޔިތުން ވެސް ތަހަމަލް ކުރަން ޖެހޭނެ އެވެ.

މިހާރުގެ އަންދާޒާއަކީ ދައުލަތަށް ލިބޭ އާމްދަނީގެ ތެރެ އިން 14 ބިލިއަން ރުފިިޔާ އުނިވުމެވެ. މިއީ ސަރުކާރުން އާއްމުންނަށް ދޭ ހިދުމަތްތައް ދިނުމަށް ދަތި ވެގެން ދާނެ ކަމެކެވެ. އިގްތިސޯދު ހުޅުވިގެންދާ ވަގުތު ރާއްޖޭގެ އިމްޕޯޓަށް އޮތް ޑިމާންޑް މިހާރަށް ވުރެ މަތިވެގެން ދާނެ ކަމަށް ބެލެވެ އެވެ.

ސަބަބަކީ ރިސޯޓުތައް ހުޅުވުމާއެކު، މުދާ އިމްޕޯޓް ކުރުން އިތުރު ވެގެން ދިއުމެވެ. ރިސޯޓް ތަކަށް ތެޔޮ އެތެރެ ކުރާ އަދަދު އިތުރުވުމެވެ. އެހެންވެ، އިމްޕޯޓަށް ބޭނުންވާ ޑޮލަރު ބޭނުންވާ ވަރު މަތިވާނެ އެވެ. އެހެންވެ، މި ހަ މަސް ދުވަހު ކުރަން ޖެހޭ މައިގަނޑު ފިޔަވަޅަކީ އިގްތިސޯދު ކުރުމެވެ. ނުވަތަ އާއްމު ހަރަދުތަކުގެ ބޮޑު ބައި މަދު ކުރުމެވެ. މި ކަމަކީ ހަމައެކަނި ސަރުކާރުން ކުރަން ޖެހޭކަމެއް ވެސް ނޫނެވެ. މިކަން ރައްޔިތުން ވެސް ކުރަން އެބަ ޖެހެ އެވެ.

ހީނަރު ހަ މަހަށް ދާން މައި މަގަށް ނުކުންނައިރު އުންމީދުގެ މަންޒަރުތަކުގެ ވާހަކަ ވެސް ދައްކަން ޖެހެ އެވެ. މި ހާލަތުގައި ރާއްޖެ އަށް ބޭނުންވާ ޑޮލަރުގެ މިންވަރު މަތިވާނެ ކަމަށް ބަލައި ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ އެހެންވެ، ސަރުކާރުގެ ވިސްނުން ހުރީ ޓޫރިޒަމް ހުޅުވުމާކުމާއެކު އަވަސް ރިކަޔަވީ އަކަށް އިގްތިސޯދު ގެންދިއުމެވެ.

އިގްތިސޯދުގައި ހިމެނޭ ޓޫރިޒަމް ހުޅުވާލާ ތާރީހު އާއްމު ކުރުމުން ޓޫރިޒަމް ސިނާއަތަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ އެވެ. ރާއްޖެ "ވިއްކަން" ކުރާ މަސައްކަތް ހަލުއި ވެއްޖެ އެވެ. ޓޫރިޒަމް ހުޅުވާލަން ތައްޔާރުވާއިރު އެއާލައިން ތަކުން ޝައުގުވެރިވެ މައި އެއާޕޯޓަށް ޖައްސަން 10 ޖާގަ ފުލްކޮށްފައި އޮތުމަކީ ވެސް އުންމީދެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އޮތީ ޕޮޒިޓިވް ވިސްނުމެއްގަ އެވެ. އެ ގައުމުން ދަނީ ރާއްޖެއަށް އަންނަ މީހުން ޓެސްޓް ކުރެވޭނެ ވަސީލަތް އެއާޕޯޓުގައި ގާއިމް ކޮށްދެމުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 1000 ޓެސްޓު ދުވާލެއްގެ މައްޗަށް ހެދޭ ޓެސްޓިން މެޝިނެއް ބަހައްޓައި ދޭނެ އެވެ.

ރާއްޖެއަށް އެންމެ ގިނައިން މީހުން އަންނަ ޖަރުމަނާއި ދުބާއީ ފަދަ ގައުމު ތަކުން ރާއްޖެއަކީ ސޭފް މަންޒިލެއްގެ ގޮތުގައި ވަނީ ބުނެފަ އެވެ. އަދި އާމްދަނީ ހޯދަން ރާއްޖެއިން 300 މިލިއަން ޑޮލަރުގެ ސުކޫކްއެއް ވިއްކާނެ އެވެ. ސަރުކާރު އޮތީ އެ ފައިސާ ލިބޭނެކަމުގެ ޔަގީން ކަމާއެކުގަ އެވެ.

ރައީސް ސޯލިހު އިއްޔެ ވިދާޅުވި ގޮތުގައި ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށާނީ ޖުލައި ނުވަތަ އޯގަސްޓު މަހު އެވެ. އަހަރުގެ ފަހުކޮޅު، ޓޫރިޒަމް ބޮޑު ތަނުން ރަނގަޅުވާނެ އެވެ.

"މިހާރު ވެސް ބައެއް ރިސޯޓުތަކުން ބުނޭ އޮކިއުޕެންސީ 30 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް. މިއީ ރަނގަޅު ނިޝާނެއެއް. އަންދާޒާ އަކީ ގާތްގަނޑަކަށް މުޅި ޖުމްލަ 850،000 ޓޫރިސްޓުން މުޅި ޖުމްލަ މި އަހަރު ގެނައުން،" ރައީސް ވިދާޅުވެ ދެއްވި އެވެ.

އިގްތިސޯދު ހުޅުވާލަން ތާރީހު ޔަގީން ވެއްޖެ އެވެ. ދެން އޮތީ މަސައްކަތް ކުރުމެވެ. އިގްތިސޯދު ހުޅުވާލި ނަމަވެސް ކުރިއަށް އޮތީ އިގްތިސޯދީ ގޮތުން ދަތި ހަ މަހެވެ.