އާ އަހަރަށް އަލިވިލެން މަހަކަށް ވެފައި ވަނިކޮށް އަނެއްކާ ވެސް ދުނިޔެ މިވަނީ ބޮޑު ސިހުމެއްގަ އެވެ. ބޮޑު ސިހުމުން މާލީ ބާޒާރުތަކުގެ އަގުތައް ވެއްޓި ތެލުގެ މާކެޓަށް ލޮޅުން އެރީ ކޮވިޑްގެ އާ ވޭރިއަންޓަކާއެކުގަ އެވެ. ދެކުނު އެފްރިކާ އިން ފެނުނު "އޮމްކްރޯން" އާއެކު ދުނިޔޭގެ ގިނަ ގައުމުތައް ވަނީ ދެކުނު އެފްރިކާ ހިމެނޭ ސަރަހައްދުގެ ބައެއް ގައުމު ތަކަށް ބޯޑަރު ބަންދު ކޮށްފަ އެވެ. ދުނިޔޭގެ އެންމެ ފަގީރު އެއް ބައްރު ކަމަށްވާ އެފްރިކާގެ ގައުމުތަކަށް ބޯޑަރު ބަންދުކުރި ގައުމުތަކުގެ ލިސްޓުގައި ރާއްޖެވެސް ހިމެނެ އެވެ. މިހާލަތަށް ދުނިޔެ އަނެއްކާ ވެއްޓުނުއިރު އޮތް ބިރަކީ އާ ވޭރިއަންޓާއެކު ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ ބޯޑަރު އަލުން ބަންދުކޮށް "ރަތްރޮނގެއް" ދަމަން ޖެހިދާނެ ހާލަތަކަށް ހިންގައިދާނެ ކަމަށް އޮތް ނުތަނަސް ކަމެވެ. އަނެއްކާވެސް ބޯޑަރު ބަންދުކޮށް "ރަތްރޮނގެއް" ދަމާލަން ޖެހިދާނެ ހެއްޔެވެ؟
"އަލުން ބޯޑަރު ބަންދު ކުރަން ޖެހިއްޖެނަމަ އެ ވާނީ އެފޯޑް ނުކުރެވޭނެ ގެއްލުމަކަށް. ހަގީގަތުގައި ޓޫރިޒަމް ސިނާއަތު ހަމައަކަށް އެޅޭނީ މި ސީޒަންގައި. އެކަމަކު އޭގެ ކުރިން މުޅި ރާއްޖެ ބަންދު ކުރަން ޖެހޭނެ ހާލަތަކަށް ހިނގައްޖެނަމަ ވަރަށް ހާލުގަ ޖެހޭނެ. އެހެންވެ އެކަން ނުކޮށް މެނޭޖު ކުރެވޭނެ ގޮތަކަށް ރާވަން ވީ،" ރާއްޖެ ރިސޯޓު އޮޕަރޭޓަރަކު ވިދާޅުވި އެވެ.
ކޮވިޑްގެ ބައްޔާއެކު ބޯޑަރު ބަންދު ކުރުމާއި ހުރި ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ދަނީ ފާޅު ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ ބޯޑަރު ބަންދު ކޮށްފިނަމަ ވެދާނެ ގެއްލުމުގެ ސުރުހީއެއް އަޅުއްވާފަ އެވެ. އަދި އާވޭރިއަންޓާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި ސަރުކާރުން ފިޔަވަޅުއަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ކޮވިޑް-19 ގެ އާ ވާޝަން އިން ރާއްޖޭގެ ޓޫރިޒަމް ބަލި ކޮށްލާނީ ކޮން މާކެޓަކާ ހަމައަށް ފޯރުމުންހެއްޔެވެ؟ މިކަމާމެދު އިންޑަސްޓްރީން ދެކެނީ ކިހިނެއް ހެއްޔެވެ؟
ކޮވިޑް-19 އިގެ އާ ވޭރިއަންޓް މިހާރު ފެނިފައިވާ ގައުމު ތަކަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމްގެ މިހާރު ޓްރެންޑަށް މި ވަގުތު މާބޮޑު އަސަރެއް ނުކުރާނެ އެވެ. ނަމަވެސް ދުނިޔެ މިހާރު "ކުޑަވެފައިވާ" ވަރަށް ބަލާނަމަ ކޮންމެ ވަގުތެއްގައި ވެސް މި ވައިރަސް ދަތުރު ކޮށްފާނެ އެވެ. އެހެންވެ ސަރުކާރުން މިހާރު މިވަނީ ދުރާލާ މި ވައިރަސް ރާއްޖެ އެތެރެވެދާނެ ކަމަށް ފިޔަވަޅު ވެސް އަޅާފަ އެވެ. ސައުތު އެފްރިކާ ހިމެނޭ ގޮތަށް އެ ބަށްރުގެ ބައެއް ގައުމުތަކުން މީހުން އައުން ވަނީ ހުއްޓުވާފަ އެވެ. މި ފިޔަވަޅުގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދަކަށް ކޮންމެވެސް ގެއްލުން ތަކެއް ފޯރި ނަމަވެސް މިކަމަކީ މި ބަލި ކޮންޓްރޯލް ރައްޔިތުންގެ ރައްކާތެރިކަމަށް އެޅި އަވަސް ފިޔަވަޅެއްގެ ގޮތުގައި ގަބޫލު ކުރަން ޖެހެ އެވެ.
ވާނުވާގައި، ކެންސަލޭޝަނެއް ނެތް
މި ބަލީގެ ކޮންމެ ވޭރިއަންޓަކާއެކު މީހުން ހާސްވެ އެވެ. ދަތުރު ކުުރުން ފަސްކޮށް ގޭގައި މަޑު ކުރެ އެވެ. ނަމަވެސް މިހާރު ދަތުރުކުރާ ގިނަ މީހުން ދެ ވެކްސިން ފުރިހަމަ ކޮށްފައި ވުމާއެކު މި "ޕެނިކް" ކޮންމެވެސް ވަރަކަށް ކުޑަ ކަމަށް ބުނެވިދާނެ އެވެ. އިންޑިއާއިން ފެނުނު "ޑެލްޓާ ވޭރިއަންޓަ" އަށް ފަހު ދުނިޔެ އެންމެ ކަންބޮޑުވާ އެފްރިކާގެ މި އާ ވޭރިއަންޓަށް ދުނިޔެ އަދި އޮތީ ވާނުވާގަ އެވެ. ރާއްޖޭގެ ޓޫރިޒަމަށް ބަލާނަމަ މިވަގުތު ކެންސަލޭޝަން ފަދަ މައްސަލައެއް ނެތެވެ. ނަމަވެސް މި ހާލަތު ޓުއާ އޮޕަރޭޓަރުން ކައިރިން ދަނީ މޮނީޓަރު ކުރަމުންނެވެ.
ރާއްޖެއަށް ޓޫރިސްޓުން ގެންނަ އަދި ގިނަ އެއާލައިންތަކެއްގެ އެޖެންޓުކަން ކުރާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މިވަގުތު އޮޕަރޭޓަރުންގެ ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް ކައިރިން ބަލަމުންދާނެ އެވެ.
"ކެންސަލޭޝަނެއް މިވަގުތު ނެތް. އަނެއްހެން އޮޕަރޭޓަރުންގެ ވެސް ކަންބޮޑުވުމެއް އެ ވަރަށް އަދި ނެތް. މީގެ [އާވޭރިއަންޓު] ގެ ވާނުވާ ވެސް އަދި އެހާ ވަރަކަށް ނޭނގެ އަދި ބޭރަށް ވެސް،" ފިރާގު ވިދާޅުވި އެވެ.
ނޭވާ ހިފަހައްޓާލައިގެން
ދެކުނު އެފްރިކާ އިން ފްލައިޓްތައް ހުއްޓުވަން މަޖުބޫރިވިއިރު މި މާކެޓަކީ ރާއްޖެއަށް އުންމީދީ މާކެޓެކެވެ. ހާއްސަކޮށް ޗާޓަރު ފްލައިޓްތައް އަޅާ ފަރާތް ތަކުން މި ސީޒަން އާއި އަންނަ އަހަރުގެ ކުރީކޮޅަށް ބަލަމުން ދިޔަ އާ މާކެޓެކެވެ. ނަމަވެސް މިހާރުގެ ހާލަތުން އެ ހިޔާލު ދެން މި އަހަރު ނުކުރާނެ ކަމަށް ބެލެވެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި މާހިރުން ވިދާޅުވާ ގޮތުގައި އާ ވޭރިއަންޓު ފެތުރުން ހަލުއްވެވެ. އެހެންވެ މި ބަލި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ މުހިންމު މާކެޓުތަކާ ހަމައަށް ފޯރާނެ ކަމަށް މާހިރުން ގަބޫލުކުރައްވަ އެވެ. އެހެންވެއްޖެނަމަ އަޅަން މަޖުބޫރީ ހާލަތުގައި ޓްރެވަލް ރެސްޓްރިކްޝަންތަކެއް ގެންނަން ޖެހޭނެ އެވެ.
ރަޝިއާ ރީޖަނަށް ޓޫރިޒަމްގެ "ބޮން"
މިހާރު ރާއްޖޭގެ ޓްރެވަލް ޓްރެންޑް އޮތް ގޮތަށް ބަލާނަމަ "ރަޝިއަން ރީޖަން" ހާއްސަކޮށް ސެންޓްރަލް / އީސްޓަން ޔޫރަޕުން މި އާ ވޭރިއަންޓް ފެނި ބަންދު ކުރުމާ ހަމައަށް ހިނގައްޖެނަމަ ރާއްޖޭގެ ޓޫރިޒަމް ބޮޑު ވަޅުގަނޑަށް ވެއްޓޭނެ އެވެ. އެ ސަރަހައްދުގެ ގައުމުތުން ދަތުރު ކުރުމުގައި ހުރަސްތަކެއް އަތުވެއްޖެ ވެއްޖެނަމަ ދިވެހި ޓޫރިޒަމް ވެއްޓޭނެ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ މި ސަރަހައްދުން އަންނަ ޓޫރިސްޓުން ހަލުއި ކަމާއެކު އިތުރު ވަމުން ދިއުމާއި ރިކަވާ ރޭޓް ހައިވުމެވެ.
ސެންޓްރަލް / އީސްޓަން ޔޫރަޕުން 2019 ވަނަ އަހަރު 155,087 ޓޫރިސްޓުން އައިކަމަށް ހިސާބުތަކުން ދައްކާއިރު މި އަހަރުގެ
މިހާތަނަށް 349,318 މީހުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި ސަރަހައްދުގައި ހިމެނޭ ކަޒަކިސްތާނުން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. ޓޫރިޒަމްގެ ރެކޯޑު ހެދި 2019 ވަނަ އަހަރު ވެސް މި ގައުމުން އައިސްފައިވަނީ 4,022 މީހުންނެވެ. ނަމަވެސް ނޮވެމްބަރު 24 ގެ ނިޔަލަށް އެ ގައުމުން 20,834 މީހުން ރާއްޖެ އައިސްފައިވެ އެވެ. އަދި ރަަޝިއާ އިން 2019 ވަނަ އަހަރު 73,081 މީހުން އައިނަމަވެސް މި އަހަރުގެ މިހާތަނަށް 202,276 މީހުން އައިސްފައިވެ އެވެ. އަދި ޔޫކްރޭނުން 2019 ވަނަ އަހަރު 11,453 މީހުން އައިނަމަވެސް މި އަހަރުގެ މިހާތަނަށް އެ ގައުމުން ވެސް 31,406 މީހުން އައިސްފައިވެ އެވެ. އެހެންވެ މި ސަރަހައްދަށް ކޮވިޑުގެ އާ ވޭރިއަންޓް ދަތުރުކޮށް ބޯޑަރު ބަންދު ކުރަން ޖެހިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމަށް ސީޒަން ގެއްލޭނެ އެވެ. މި ސަރަހައްދުން މިބަލި ފެނި އެ ގައުމުތަކަށް ބޯޑަރު ބަންދު ކުރަން ޖެހޭނެ ހާލަތަކީ ދިވެހި ޓޫރިޒަމްގެ "ބޮން" ގޮވާހާލަތެވެ.
ރާއްޖެއަށް މިހާރު 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވާއިރު މިހާރު އައިސްފައިވާ އާ ވޭރިއަންޓާއެކު ޓޫރިޒަމްގެ ފޯކާސްޓަށް ބަދަލުތަކެއް އަންނާނެ އެވެ. ކުރިން ޓޫރިޒަމް މިނިސްޓަރު ދެ މިލިއަން އަދި ދިރާސާތަކުން 1.8 މިލިއަން އަންނަ އަހަރު އަންނާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް މި ދިރާސާތަކަށް ބަދަލު އައުން ގާތެވެ. ނަމަވެސް ކޮވިޑުގެ އާ ވޭރިއަންޓް ދަސްކުރަން ސައިންސްވެރިން ލެބްޓިއުބް ތަކަށް ސާމްޕަލް އަޅަމުންދާ ވަރަށް އާ ވޭރިއަންޓުގެ ހަގީގަތް ދާނީ އެނގެމުންނެވެ. ފަހަރުގައި ހާމަވާ ހަގީގަތްތަކުގެ މައްޗަށް ކުރިން މި ބަލިން ރައްކާތެރިވާން ކުރި މަސައްކަތް ސުމަކުން ފަށަން ޖެހި ރާއްޖޭގެ ބޯޑަރުގައި "ރަތްރޮނގެއް" ދަލާލަން ވެސް ޖެހިދާނެ އެވެ.