ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ސައުތު އެފްރިކާގެ ގައުމުތަކުން ރާއްޖެ އައުން މަނާކޮށްފި

ސައުތު އެފްރިކާގެ ގައުމުތަކުން ރާއްޖެ އައުން މަނާކޮށްފި އެވެ. މިއީ ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ބުނީ ސައުތް އެފްރިކާ އަދި އެ ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކުން ފެނިފައިވާ ސާސްކޯވީ-2 ވައިރަސްގެ "އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަމަށްޓަކައި މިރޭ 00:00 ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން ސައުތު އެފްރިކާ އާއި ނެމީބިއާ އާއި މޮޒަންބީކް އާއި ލެސޯތޯ އާއި ބޮޓްސްވާނާ އާއި ޒިންބާބްވޭގެ އިތުރުން އެސްވަޓީނީން ދިވެހިރާއްޖެއަށް މީހުން އެތެރެވުން މަނާކުރާ ކަމަށެވެ. މީގެ ތެރޭގައި ދިވެހީންނާއި ވޯކްޕާމިޓްގައި އަންނަ މީހުން ނުހިމެނެއެވެ. އަދި ރާއްޖެ އައުމުގެ 14 ދުވަސް ކުރީން މި ގައުމުތަކުގައި އުޅެފައިވާ މީހުންނާއި 12 ގަޑިއިރަށްވުރެ އިތުރަށް އެ ގައުމުގައި ޓްރާންސިޓްވެފައިވާ މީހުންނަށްވެސް ރާއްޖެ ނާދެވޭނެ އެވެ.

އެ ގައުމުތަކުން ރާއްޖެ އަންނަ ދިވެހިނާއި ވާކްވިސާގައި އަންނަ މީހުން 14 ދުވަސް ވަންދެން ކަރަންޓީންވެސް ވާން ޖެހެއެވެ. އެ މީހުން ކަރަންޓީނުން ވީއްލޭނީ 14 ދުވަހަށްފަހު ހަދާ ޓެސްޓް ނެގެޓިވްވުމުންނެވެ.

އެ ގައުމުތަކުން ރާއްޖެ އަންނަން މިވަގުތު ދަތުރުފަށާފައިވާ މީހުންނަށް ރާއްޖެ އެތެރެވޭނީވެސް އިތުރު ޕީސީއާރު ޓެސްޓެއް ހަދައިގެންނެވެ. އަދި 14 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި ތިބޭ މީހުން 14 ދުވަސްވުމުން އިތުރު ޓެސްޓެއް ހަދަން ޖެހެއެވެ.

އެޗްޕީއޭއިން ވަނީ މި އެންގުން ތަންފީޒު ކުރުމަށް ކަމާގުޅޭ އިދާރާތަކަށް އަންގާފައެވެ.

އޮމްކްރޯން ވޭރިއަންޓަކީ ފަސޭހައިން ފެތުރޭ ވައްތަރެއް ކަަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. އަދި މި ވައްތަރު ކޮންޓްރޯލް ކުރުމުގައި ބަޔޮންޓެކް ވެކްސިން ކުޅަދާނަ މިންވަރު އަދި ކަނޑައަޅަން ނޭންގޭ ކަމަށް ފައިޒާ- ބިއޯންޓެކް އިން ވަނީ ވެސް ވަނީ ބުނެފަ އެވެ.

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާ ވައްތަރުތައް އަންނަނީ ފާޅުވަމުންނެވެ. އެންމެ ފަހުން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓެވެ.