ޓޫރިސްޓް އެރައިވަލް

ރަޝިއާއިން އައި ފަތުރުވެރިންގެ އަދަދު ދެލައްކަ ހުރަސްކޮށްފި

ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ރަޝިއާ ޓޫރިސްޓުންގެ އަދަދު ދެ ލައްކަ އަށް ވުރެ މަތިވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ދެ ލައްކައަށް ވުރެ ގިނަ ފަތުރުވެރިންނާއި އެކުގައި ރަޝިއާ އޮތީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ ދެވަނައިގަ އެވެ.

ލިސްޓުގެ އެއްވަނައިގައި މިހާރު އޮތީ އިންޑިއާ އެވެ. ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް އިންޑިއާ އިން 252،551 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 22 ޕަސެންޓެވެ.

މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް 202،277 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ 18 އިންސައްތަ އެވެ.

މި ލިސްޓުގެ ތިންވަނައިގައި 81،223 ފަތުރުވެރިންނާއި އެކު އޮތީ ޖަރުމަނު ވިލާތެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޖުމްލަ ފަތުރުވެރިންގެ ހަތް އިންސައްތަ އެވެ.

ރަޝިއާގެ މާކެޓުގައި ރާއްޖެ ޕްރޮމޯޓް ކުރަން ވިޒިޓް މޯލްޑިވްސް އިން ގިނަ ހަރަކާތްތަކެއް ވެސް ހިންގާފައިވެ އެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ދެވަނައަށް ރަޝިއާ އެރުމެވެ.