ޓޫރިޒަމް

ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް މިފަހަރުވެސް ރާއްޖެއަށް

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ނުވަތަ "ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް" މި އަހަރު ވެސް ރާއްޖޭން ދިފާއުކޮށްފި އެވެ.

ޓޫރިޒަމް ދާއިރާގެ "އޮސްކާ"ގެ ގޮތުގައި ބަލައި ވޯލްޑް ޓްރެވަލް އެވޯޑުން ދޭ މި ހާއްސަ ވަނަ ރާއްޖެއަށް ލިބިފައިވަނީ ވާޗުއަލްކޮށް ރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2021ގެ ގްރޭންޑް ފިނާލޭ" ހަފްލާގަ އެވެ.

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެ އިން މިދިޔަ އަހަރު ވެސް ވަނީ ހޯދާފަ އެވެ. މި ފަހަރު ރާއްޖެ އަށް އެވޯޑް ލިބުނީ 18 ގައުމަކާ ވާދަކޮށްގެނެވެ.

އެ އެވޯޑްގެ އިތުރުން، ރާއްޖެއިން ވަނީ ހަތަރު އެވޯޑެއް ހޯދާފަ އެވެ. އެއީ އިންޑިއަން ލީޑިން ބީޗް ޑެސްޓިނޭޝަން، އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑުގެ އެވޯޑެވެ.

ވޯލްޑް ޓްރެވަލްސް އެވޯޑްސްގައި ޝަރަފުވެރި އެވޯޑްތަކެއް ރާއްޖޭގައި ހިންގާ ބައެއް ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކަށްވެސް ވަނީ ލިބިފަ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ރާއްޖޭން ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ހާސިލް ކުރިއިރު ކޮވިޑަށްފަހު ދުނިޔެ ހުޅުވިގެން އައުމުން އެންމެ ގިނަ މީހުން މިސާލަކަށް ބެލި ގައުމަކީ ރާއްޖެ އެވެ. މިހާތަނަށް ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ.