ވިޔަފާރި

އެއާޕޯޓުގައި ރެކޯޑެއް، މިއަދުގެ އެރައިވަލްސް 3،800 މީހުން

Dec 12, 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖެއްސި ފްލައިޓުގެ އަދަދު އިތުރުވެ، އައި މީހުންގެ އަދަދު 3،800 އަށް އަރައިފި އެވެ.

ކޮވިޑް-19 އަށްފަހު ބޯޑަރު ހުޅުވި ފަހުން އައި އެއް ލައްކަ ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތަށްފަހު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން، ވީއައިއޭ ޓާމިނަލްގެ އޮޕަރޭޝަންސްގެ ހެޑް، އިބްރާހިމް ހުސެއިން ވިދާޅުވި ގޮތުގައި މިއަދު އެކަނި 3،800 އަށް ވުރެ ގިނަ މީހުން އައިސްފައިވާ ކަމަށާ، މިއީ ބޯޑަރު ހުޅުވިފަހުން ރެކޯޑެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އިއްޔެ 2،816 މީހުން ރާއްޖެ އައިސްފައިވާއިރު، ރާއްޖޭން 1640 މީހުން ފުރާފައިވާ ކަމަށެވެ.

"އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޓަނޭޝަނަލް 15 ފްލައިޓެއް އޮޕަރޭޓް ކޮށްފައިވޭ. އިއްޔެ އިއްތިހާދުން ކޮލަމްބޯ އާއި މާލެއާ ދޭތެރޭ ގަތަރުގެ ދެ ފްލައިޓެއް އޮޕަރޭޓް ކުރި. އެމިރޭޓްސް ތިން ފްލައިޓެއް ދުބާއީ އާއި މާލެއާ ދޭތެރޭ އޮޕަރޭޓް ކުރި. އިންޑިއޯ ވެސް ތިން ފްލައިޓެއް އޮތް. ޔޫރޯ ފްލޯޓުން މޮސްކޯ އާއި މާލެ އައި ބްރިޓިޝް އެއާވޭސް އަދި ޓާކިޝް އެއާލައިން އާއި ފްލައި ދުބާ އީން ވެސް ދަތުރު ކުރި،" އިބްރާހިމް ވިދާޅުވި އެވެ.

ވީއައިއޭ އަށް މިއަދު ރެކޯޑް އަދަދަކަށް މީހުން އައިއިރު، ކޮވިޑް-19 ގެ ކުރިން އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ޓޫރިސްޓުންގެ ގޮތުގައި އެކަނި 3،000 އާއި 5،000 މީހުން އާދެ އެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާރު 25 އެއާލައިނަކުން ދަނީ ދަތުރު ކުރަމުންނެވެ. މީގެ އިތުރުން ރާއްޖެ އަންނަ ޕްރައިވެޓް ޖެޓުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ނަމަވެސް އެ މައުލޫމާތު އެމްއޭސީއެލް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ބޯޑަރު ހުޅުވި ފަހުން މިއަދު ރާއްޖެއަށް، އެއް ލައްކަ ޓޫރިސްޓުން ވަނީ ހަމަވެފަ އެވެ. އެއް ލައްކަ ވަނަ ޓޫރިސްޓަކީ ސުވިޒަލޭންޑުގެ އަންހެނެކެވެ. އޭނާ އައިސްފައި ވަނީ އޭނާގެ ބައިވެރިޔާއާއެކުގަ އެވެ. މި ދެ މީހުން އައިސްފައި ވަނީ އެމިރޭޓްސް އެއާލައިން އިންނެވެ. އެ މީހުން ރާއްޖޭގައި ތިބޭނީ އެނބޫދޫ ވިލެޖުގަ އެވެ. ދެ މީހުން ރާއްޖޭގައި 14 ދުވަހު މަޑު ކުރާނެ އެވެ.

ބޯޑަރު ހުޅުވުމުގެ ގޮތުން ސަރުކާރުން ހެދި ދިރާސާ އިން ދެއްކި ގޮތުގައި މި އަހަރު ނިމޭއިރު ޖުމްލަ 85،0000 ޓޫރިސްޓުން އަންނާނެ އެވެ. ނަމަވެސް ފަހުން މި އަންދާޒާ ދަށްކޮށް ބުނެފައިވަނީ މި އަހަރު އަންނާނީ 500،000 ޓޫރިސްޓުންނެވެ.