ޓޫރިޒަމް

ރާއްޖޭގެ ޕްރޮމޯޝަން ބަޖެޓު ކުޑަނުކުރާނެ ކަމުގެ ޔަގީންކަން ދީފި

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން މި އަހަރަށް ދޭ ބަޖެޓު މިދިޔަ އަހަރަށްވުރެ ކުޑަ ނުކުރާނެ ކަމުގެ ޔަގީންކަން، ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަަބްދުﷲ މައުސޫމް އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ މާކެޓިން ބަޖެޓު ކުޑައެއް ނުވާނެ އެވެ.

"ފިނޭންސް މިނިސްޓަރު ޔަގީންކަން ދެއްކާފަ އެބައޮތް އިރާދަ ކުރެއްވިއްޔާ މާކެޓިން ބަޖެޓް ކުޑަ ނުކުރާނެ ކަމަށް. މިކަމާ، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މާލިއްޔަތަށް ވަރަށް ބޮޑު އަސަރެއް ކޮށްފި، އެހެން ނަމަވެސް 2021 ވަނަ އަހަރު ވެސް ރާއްޖޭން ޓޫރިޒަމް ޕްރޮމޯޝަނަށް ކުރާ ހޭދަ މަދު ނުކުރާނެ ކަމުގެ އިޝާރާތެއް އެބައޮތް ކުރައްވާފައި އުންމީދު ކުރަނީ މަޖިލީހުން ބަޖެޓު އެގޮތަށް ފާސްވާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

ޓޫރިޒަމް ކުދި ވިޔަފާރި ޕްރޮމޯޓް ކުރަން ޖެހޭ

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ގެސްޓްހައުސްތައް ހިމެނޭ ގޮތަށް ޓޫރިޒަމް ކުދިކުދި ވިޔަފާރިތައް ޕްރޮމޯޓް ކުރަން އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.

"އަދަދު ގިނަވުމަކުން އަޅުގަނޑުމެންނަށް މައްސަލައެއް ނެތް. ހާއްސަކޮށް ވަރަށް ބޮޑު މާކެޓިންއެއް ކުރިއަށް ގެންދަން ޖެހޭ ގެސްޓްހައުސް އިސްތިހާރު ކުރަން. އަދި ރާއްޖޭގެ ސާފް ޕޮއިންޓްސްތަކާއި އެހެނިހެން ޓޫރިޒަމް ކުދިކުދި ވިޔަފާރިތައް ޕްރޮމޯޓް ކުރަން. އޭގައި ރާއްޖޭގައި ހުރި ހުރިހާ ޕްރޮޑަކްޓެއް ޕްރޮމޯޓް ވާން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

ޕްރޮމޯޝަން ދާނީ އިންސްޑަސްޓްރީއާ ގުޅިގެން

މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖެ ޕްރޮމޯޓް ކުރުމުގެ ކަންކަން ކުރިއަށްދަނީ އިންޑަސްޓްރީއާ ގުޅިގެނެވެ.

"ބޭރުގެ މީޑިއާއަށް ރާއްޖެ ދައްކާލަން ބޭނުންވި ނަމަވެސް އިންޑަސްޓްރީއާއެކު ކުރިއަށްދާނީ. ޓޫރިޒަމް މާކެޓިން އިންޑަސްޓްރީއާ ވައްތެއް ނުވާނެ، އަބަދު ވެސް އެކުގައި ދާނީ،" މައުސޫމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ޕްރޮމޯޝަނަށް އިންޑަސްޓްރީން އެތައް މިލިއަން ޑޮލަރެއް ހަރަދު ކުރާއިރު، ރާއްޖެ ވެސް ޕްރޮމޯޓް ކޮށްދޭނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތައް ޕްރޮމޯޓް ކުރާނީ އެ ސަރަހައްދުތަކުގެ ރިސޯޓުތަކާ ވެސް ގުޅިގެނެވެ.

"ޕްރޮޕަޓީ ޕްލަސް މޯލްޑިވްސް އޭޒް އަ ޑެސްޓިނޭޝަން ޕްރޮމޯޓް ކޮށްދެނީ. ވަކިން އިވެންޓްސްތައް ރާވާއިރު ޕްރައިވެޓް ސެކްޓާއާއެކު ކަންކަން ކުރިއަށް ދާނީ،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ މާކެޓިން ބަޖެޓުގެ ގޮތުގައި 2018 ވަނަ އަހަރު ބޭނުން ކުރަމުން ގޮސްފައިވަނީ ތިން މިލިއަން ޑޮލަރު (ގާތްގަނޑަކަށް 46 މިލިއަން ރުފިޔާ) އެވެ. ނަމަވެސް މި އަހަރުގެ ބަޖެޓު ސަރުކާރުން ވަނީ 10 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 154 މިލިއަން ރުފިޔާ) އަށް އިތުރުކޮށް އެމްއެމްޕީއާރުސީއަށް ދީފަ އެވެ. ނަމަވެސް އެމްއެމްޕީއާރްސީ އިން މިހާތަނަށް މާކެޓު ކުރަން މާއެދެވޭ ކަންތައްތަކެއް ނުކުރެވޭ ކަމުގެ ޝަކުވާ ޓޫރިޒަމް އިންޑަސްޓްރީން ކުރެ އެވެ. އަދި ހާއްސަކޮށް ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް އިތުބާރު ބޮޑު ކުރަން ޖެހިފައިވާ ވަގުތެއްގައި އެ މަސައްކަތް ނުކުރެވޭ ކަމަށް ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ފަރާތްތަކުން ބުނެ އެވެ.