ޓޫރިސްޓް އެރައިވަލް

މި އަހަރު ޓޫރިޒަމްގެ ހަގީގީ ނަމްބަރަކީ ކޮބާ؟

މިދިއަ ޖުލައި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ޓޫރިސްޓު އެރައިވަލް ދަނީ އުފުލެމުން މަތިވަމުންނެވެ. މައިގަނޑު ސަބަބަކީ ދުނިޔޭގައި ހުޅުވާފައިވާ ގައުމުތައް މަދުވުމެވެ. ރާއްޖޭގެ ޓޫރިސްޓު އެރައިވަލް ބޮޑުތަން އިތުރުވާން ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. މިއާއެކު "ބޯކޮށް" ޓޫރިސްޓުން އަންނަން ފެށި އެވެ. އަދި ހުޅުވާފައި ހުރި ޓޫރިސްޓު ގިނަ ފެސިލީޓީ ތަކަށް ބާރު ބޮޑު ވެގެން ދިޔަ އެވެ. ނިއުއިޔާ އާއެކު ޔޫރަަޕަށް އައި ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް ބާރު ބޮޑުވި އެވެ. މިއީ އެންމެ ޕީކް ދުވަސް ވަރެވެ.

އެކަމަކު ޕީކް ދުވަސްވަރު ގޮސް، ޓޫރިޒަމް އާއްމު ހާލަތަށް ބަދަލުވަމުން ދާތަން ތަފާސް ހިސާބުތަކުން މިހާރު އެބަދައްކަ އެވެ. އެކަމަކު ދެން މިއަހަރު ރާއްޖޭގެ ޓޫރިޒަމްގެ އެރައިވަލްސްގެ ޓްރެންޑް ދަތުރު ކުރާނީ ކޮން މަގަކުންތޯ އެއީ ޝައުގުވެރި އިންޑިކޭޝަނަކަށް ވެދާނެ އެވެ.

މި އަހަރު އަންނާނީ ފިނޭންސް މިނިސްޓްރީން ލަފާކުރި 750،000 މީހުން ހެއްޔެވެ؟ ނޫނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވާ އެއް މިލިއަން ޓޫރިސްޓުން ހެއްޔެވެ؟ ހަގީގީ ނަމްބަރަކަށް ވާނީ ކޮން ނަމްބަރެއް ހެއްޔެވެ؟

"މިހާރު ގިނަ އަދަދަކަށް މީހުން އަންނަތަން މި ފެންނަނީ ސީޒަނަށް ޓުއާ އޮޕަރޭޓަރުން ރިސްކް ނަގައިގެން އަޅަމުންދާ ޗާޓަރު ފްލައިޓް ތަކުން. އެކަމަކު ސީޒަން ދިއުމުން އަޅުގަނޑު ލަފާ ކުރަނީ ނޯމަލަށް ދާނެ ކަމަށް. އެ ދުވަސްވަރު ޗާޓަރެއް ނޯންނާނެ،" އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އަށް 23،156 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ޓޫރިސްޓު އެރައިވަލްސް އުޅުނީ 4،000 އިން މަތީގަ އެވެ.

ނަމަވެސް، ނިއު އިޔާއަށް ފަހު ޓޫރިސްޓު އެރައިވަލްސްގައި މުޅިން އާ ޓްރެންޑެއް ވަނީ ދައްކަން ފަށާފަ އެވެ. އެރައިވަލްސް ދަށްވަމުންދާ ކަމަށް ފާހަގަ ވާން ފަށާފައި ވެއެވެ. މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ބަލާނަމަ އެވްރެޖުކޮށް ރާއްޖެ އައިސްފައި ވަނީ 2،500 ޓޫރިސްޓުންނެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި މިހާރު ފެންނަ ޓޫރިސްޓު އެރައިވަލްސް އިން ދައްކާ ނަމްބަރަކީ މި އަހަރުގެ ޓޫރިޒަމް މައި ސީޒަނާ ހަމައަށް ފެންނާނެ ނަމްބަރަށްވުން ވަރަށް ކައިރި އެވެ.

ޓޫރިޒަމް ދާއިރާގައި ވިޔަފާރިވެރި ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި މި އަހަރު ކުރިއަށް އޮތް ތަނުގައި ޑެއިލީ އެރައިވަލްސް އުޅޭނެ ކަމަށް ބެލެވެނީ 1،000 އާއި 2،000 އާ ދެމެދުގަ އެވެ.

"ޖުމްލަކޮށް ފެންނާނެ އެރައިވަލްސް އަށް ބަދަލު ތަކެއް. މީގެ މައިގަނޑުއެއް ސަބަބު އިނގިރޭސިވިލާތް ގޯސްވުން [ކޮރޯނާ ވައިރަސްގެ ހާލަތު] އެހެންވެ އެ މާކެޓަށް ވެސް ބަދަލު ތަކެއް އަންނާނެ. ދަށްވުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

އާ އަހަރުގެ ފޯރި ދަށްވަމުންދާ ވަރަކަށް ރާއްޖޭން އެންމެ ބޮޑަށް އިސްތިހާރު ކުރި މާކެޓުތައް ވެސް ބޮޑު ތަނުން ދަށްވާކަމުން ނިޝާންތައް ފެންނަން ފަށާފައި ވެއެވެ. ބޯޑަރު ހުޅުވުމުގެ ކުރިން ވެސް އަދި މިހާރު ވެސް އެންމެ ގިނައިން މާކެޓުކުރާ އެއް ގައުމީ އިންޑިއާ އެވެ. އަދި ރާއްޖެ އާއި އިންޑިއާ ދެމެދު "ޓްރެވަލް ބަބަލް" އެއްވެސް ހަދާފައިވެ އެވެ. މި ހާއްސަ އިންތިޒާމުތަކާއެކު އިންޑިއާގެ ގިނަ އެއާލައިން ތަކެއް މިހާރު ދަތުރު ކުރެ އެވެ. ނަމަވެސް މިހާރު ފެންނަނީ އެ މާކެޓުގެ ތިރިއަށް ޖެހެމުންދާ ތަނެވެ.

އިންޑިއާ މާކެޓު ދަަށަށް!

މިދިޔަ އަހަރު އިންޑިއާއިން 62،905 ޓޫރިސްޓުން އައިސް ރާއްޖޭގެ އެއްވަނަ މަންޒިލަަށްވި އެވެ. ނަމަވެސް މި އަހަރުގެ ވޭތުވެދިޔަ ނުވަ ވަރަކަށް ދުވަހަށް ބަލާނަމަ އެ ގައުމުން އައިސްފައި ވަނީ 1،816 މީހުނެވެ. މިއީ ދުވަހަކަށް ބަލާނަމަ 200 އެއްހާ މީހުންނެވެ. މީގެ މާނައަކީ އިންޑިއާއިން ހަތަރު އެއާލައިން ރާއްޖެއަށް ދަތުރު ކުރަމުންދާއިރު އެއާލައިނަކުން އެވްރެޖު ގޮތެއްގައި މި އަހަރު މިހާތަނަށް އައިސްފައިވަނީ 50 މީހުންނެވެ. ރާއްޖެއަށް ޓްރެވަލް ކޮރިޑޯ ހަދާފައިވާ ގައުމަކުން މި ވަރަށް މީހުން ގެނެވުމަކީ ކާމިޔާބީއެއް ނޫނެވެ.

"އިންޑިއާ މި އޮންނަނީ ދެ ގަޑިއިރުގެ ދުރުމިނުގައި. އަނެއްކާ ދެ ގައުމުގެ ގުޅުން އެހާ ރަނގަޅު. އެހާ ކައިރީގައި އޮތްއިރު މިހާރު ފެންނަ ޓޫރިސްޓު ނަމްބަރުން އެބަ އެނގޭ މާކެޓު ކުރުން އޮތް ހިސާބު. އެމްއެމްޕީއާރުސީއަށް 10 މިލިއަން ޑޮލަރުގެ ބަޖެޓެއް ދީގެން މި ކުރާ ކަމެއްގެ ހަގީގީ މަންޒަރު ދެން މި ފެންނަން ފަށަނީ،" ޓޫރިޒަމް ސިނާއަތުގެ އަހަރުތަކެއްވީ ބޭފުޅަކު ވިދާޅުވި އެވެ.

ސިނާއަތުގައި ތަޖުރިބާކާުރުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ ނަމްބަރު މި މަސް ނިމުމުން އެނގެން ފަށާނެ އެވެ.

"އެރައިވަލް ދާގޮތް މި މަސް ނިމުން އެނގޭނެ. އޭރުން ހިސާބެއް ޖަހާލައި ލަފާ ކުރެވިދާނެ މި އަހަރު އަންނާނެ އަދަދެއް،" ކުރިން ވާހަކަ ދެއްކެވި ފިރާގު ވިދާޅުވި އެވެ.

އޭނާ ދެކިވަަޑައިގަންނަވާ ގޮތުން ރާއްޖޭގެ ޓޫރިސްޓު އެރައިވަލް މަތިވެ، ޓޫރިޒަމަށް ދިރުން ލިބުން އޮތީ ޗައިނާ މާކެޓުން މީހުން ގެނެވިގެނެވެ.

"ޗައިނާ މާކެޓުން މީހުން ގެނެސްގެން ދެން އެރައިވަލްސް އިތުރު ކުރެވޭނީ. އެ މާކެޓުން ދެ ލައްކަ ނޫނީ ތިން ލައްކަ ގެނެސް ވިއްޖެނަމަ ފަސޭހަކަމާއެކު ފަރުޖައްސާލެވި ދާނެ. އެހެން ނޫނީ ފަސޭހައެއް ނުވާނެ،"

ޗައިނާ މާކެޓުން މީހުން ގެނެސްގެން އެރައިވަލްސް ދެން އިތުރު ކުރެވޭނީ. އެހެން ނޫނީ ފަސޭހައެއް ނުވާނެ
މުހައްމަދު ފިރާގު | އިނަ މޯލްޑިވްސް އެމްޑީ

ޓޫރިޒަމްގެ ނަމްބަރު ވާހަކަ ދައްކާއިރު، ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި ނަމްބަރުން ވާހަކަ ދެއްމުން އެއީ އޭނާ އެހާ ގަޔާވާ ކަމެއް ނޫނެވެ. ޓޫރިޒަމްގެ ކާމިޔާބީ މިނާނެ މިން ގަނޑަކަކީ ލިބޭ ފައިސާ އެވެ. ބޯކޮށް ފައިސާ ވަންނަމަ އެ ނިމުނީ އެވެ. ނަމަވެސް މިނިސްޓަރު ވެސް ދޭތެރެއަކުން ބޯކޮށް ޓޫރިސްޓުން އަންނަ ވާހަކަ ވިދާޅުވެ އެވެ.

މި އަހަރުގެ ވޭތުވެދިޔަ ނުވަ ވަރަކަށް ދުވަހަށް ބަލާނަމަ ޓޫރިސްޓުންގެ އެވްރެޖު ސްޓޭ ހުރީ 9.8 ދުވަހު އެވެ. މިއީ އާއްމުކޮށް ރާއްޖޭގެ ޓޫރިސްޓު އެރައިވަލް ސްޓޭ ހުންނަ ވަރަށް ވުރެ މަތިވުމެކެވެ. ޓޫރިސްޓުން މަޑުކުރާ މުއްދަތު އިތުރުވުމުން އާމްދަނީއަށް ހެޔޮ ފައިދާއެއް ކުރިކަން ވެސް އެނގޭނީ މި މަސް ނިމުނީމަ އެވެ. އެހެންވެ މި އަހަރު ރާއްޖޭގެ ޓޫރިޒަމްގެ ހަގީގީ ނަމްބަރު އެނގޭނީ މި މަސް ނިމުން ކަމަށް ބުނެވިދާނެ އެވެ.