ހޯމްސްޓޭ

ހޯމްސްޓޭ ޓޫރިޒަމް ގަވާއިދު ނެރެފި

ގޭގޭގެ ވަކި ކޮޓަރީގައި ޓޫރިސްޓުނަށް ތިބެވޭ ގޮތަށް ތައާރަފު ކުރާ "ހޯމްސްޓޭ" ޓޫރިޒަމްގެ ގަވާއިދު ދެންމެ ގެޒެޓް ކޮށްފި އެވެ.

"ހޯމްސްޓޭ" ތާއާރަފު ކުރުމުގެ ގޮތުން އެކަމަށް ހާއްސަކޮށް ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގައި އެންމެ އިސްކަމެއް ދީފައިވަނީ ސެކިއުރިޓީއަށާއި މި ވިޔަފާރި ސަސްޓެއިންކޮށް ކޮމިއުނިޓީ އަށް ގެއްލުމެއް ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. މި ވިޔަފާރި ފަށާއިރު ވެސް ޓެކްސް ނަގާނީ ގެސްޓްހައުސްތަކާ އެއް އުސޫލެއްގެ ދަށުންނެވެ. އަދި މި ވިޔަފާރި އަށް ޒިންމާ ކުރުމަށްޓަކައި އެ ރަށެއްގެ ކައުންސިލުން ގިނަ ކަންތައް ތަކެއް ފުރިހަމަ ކުރަން ލާޒިމް ކުރެ އެވެ.

މިރޭ ގެޒެޓްކުރި ގަވާއިދުގައި ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި އެތަންތަނަށް ހުއްދަ ހޯދޭނެ ގޮތާއި ހުއްދަ ދިނުމުގައި ބަލާ މިންގަނޑުތަކާއި ހުއްދަ ދޫކުރާނެ އުސޫލުތަކާއި އެ ތަންތަން ބަލާ ފާސްކުރާނެ ގޮތާއި ހުއްދަ ބާތިލު ކުރެވޭނެ ހާލަތްތަކާއި ހުއްދައިގެ މުއްދަތު އިތުރުކުރެވޭނެ ގޮތްތަކާއި ހޯމް ސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްތަކުގެ ވެރި ފަރާތް ބަދަލުވުމުން އަމަލުކުރަން ޖެހޭ ގޮތާއި އެތަންތަން ހުންނަން ޖެހޭ މިންގަނޑުތަކާއި ވަސީލަތްތަކާއި ލިބިދޭންޖެހޭ ފަސޭހަތަކާއި ހިދުމަތްތައް އަދި އެފަދަ ތަންތަން ހިންގުމަށް ހުއްދަ ދޫކުރާ ރަށްތަކުގައި ހުންނަން ޖެހޭ ކަންކަންވެސް ހިމަނާފައިވެއެވެ.

ހޯމްސްޓޭގެ ގޮތުގައި ހުއްދަ ދެވޭނީ އެއް ކޮޓަރި އާއި ފަސްކޮޓަރިއާ ދެމެދުގެ ކޮޓަރިއަށެވެ. މީގެ އިތުރުން އެ ތަންތަން ހުންނަން ޖެހޭ ގޮތާއި ފާހާނާތަކުގެ ފެންވަރާއި މި ނޫންވެސް ވަރަށް ގިނަ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ. ހޯމްސްޓޭގެ ގޮތުގައި ހިންގާ ޓޫރިސްޓް ގެސްޓްހައުސްގެ ކޮޓަރީގެ ބޮޑު މިނުގައި ފާހާނާ ހިމެނޭހެން 120 އަކަފޫޓް ހުންނަން ލާޒިމު ކުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ "ނޫ އިގްތިސޯދު" މެނިފެސްޓޯގެ ވައުދެއް ކަމަށްވާ "ހޯމް ސްޓޭ" ޓޫރިޒަމް ތައާރަފު ކުރާނީ ހޮނިހިރު ދުވަހު މ. މަޑުއްވަރީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެނގިފައިވާ ގޮތުގައި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އެންމެ މަތީ ފަންތީގެ ޓޫރިޒަމް ނަގާފައި ދެން އެންމެ ގިނަ އެނދު ހުރީ ގެސްޓްހައުސްތަކުގަ އެވެ. އަދި ދެން އެންމެ ގިނަ އެނދުހުރީ ސަފާރީ އުޅަނދު ފަހަރުގަ އެވެ. އަދި މިހާރުގެ އަންދާޒާއަކީ ހޯމްސްޓޭގެ އެނދުތައް ބޮޑުތަނުން އިތުރު ވެގެން ދިއުމެވެ.