ހޯމްސްޓޭ ޓޫރިޒަމް ފަށަން ގިނަ ރަށްރަށުން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއަ ޕޮލިސީ ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ދިއްގަރުގައި ހޯމްސްޓޭ ފެށުމާއެކު ގިނަ ރަށްރަށުން އެކަމަށް އެދެމުންދާ ކަމަށެވެ.
މި ވިޔަފާރި ފެށުމުގައި ޓޫރިޒަމް މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތަކަށް ވުރެ ބޮޑަށް ރަށްރަށުން ފުރިހަމަކުރަން ޖެހޭ ކަންކަން ހުންނާތީ އެކަންކަން ފުރިހަމަ ކުރުމުން ހުއްދަ ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ކުރި މަސައްކަތްތަކަށް ބަލާއިރު ދެން އެންމެ އަވަހަށް ފެށޭނެ ކަމަށް ބެލެވެނީ މ. މަޑުއްވަރީގައި ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޯމްސްޓޭ ފަށަން ގިނަ ރަަށްރަށަށް ދަތުރުކޮށްފައިވާނެ ކަމަށާ އެހެންވެ މިހާރު ބެލެވެނީ މި އަހަރުގެ ތެރޭގައި 60 ރަށުގައި މި ވިޔަފާރި ފެށިގެންދާނެ ކަމަށެވެ.
"ގިނައިން ފުރިހަމަ ކުރަންޖެހޭނީ އައިލެންޑް ލެވަލްގައި ރިކުއާމަންޓްތައް. އެކަންތައް ފުރިހަމަކޮށްފައި ގަވައިދުގެ ތެރެއިން އައީމަ ފެށޭނެ،" ރައްޒާން ވިދާޅުވި އެވެ.
ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރިއަށްފަހު ބަޖެޓް- ކަލްޗަރަލް- ޓްރެވަލާސް އަށް ހާއްސަކޮށް ފެށި ހޯމްސްޓޭ ވިޔަފާރީގެ ތެރެއަށް ނުކުމެވޭނީ ގިނަ ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ.
ވިޔަފާރި ފަށާތަނުގައި ހުންނަން ޖެހޭ ގޮތް
- ހުއްދަ ދޭނީ އެއް ކޮޓަރި އާއި 5 ކޮޓަރިއާ ދެމެދުގެ އަދަދެއްގެ ކޮޓަރިއަށް
- ކޮޓަރި ހުންނަން ވާނީ އެ ގެއެއްގެ އާންމު ތަނަކުން ސީދާ އެ ކޮޓަރިއަކަށް ވަދެވޭ ގޮތަށް ވަކިން ދޮރެއް ލާފަ
- ކޮޓަރީގައި ފާހާނާ ހިމެނޭ ގޮތަށް 120 އަކަފޫޓު ހުންނަން ޖެހޭ
- އެތެރެއިން ތަންޑު އެޅުވުމުން ބޭރުން ދޮރު ނުހުޅުވޭނެ ފަދަ ތަންޑެއް ހަރުކޮށްފައި ހުންނަން ޖެހޭނެ
- ވައި ދައުރުވެ ގުދުރަތީ އަލިކަން ލިބޭ ގޮތަށް، ކޮޓަރީގައި ހުޅުވައި ލައްޕާ އަދި ރަނގަޅަށް ތަޅުލެވޭ ގޮތަށް ކުޑަ ދޮރެއް ނުވަތަ ފެންލައިޓެއް ހުރުން ލާޒިމް
- ކޮންމެ ކޮޓަރިއެއްގައި ވަކިން ފާހާނާ ހުންނަ ޖެހޭ
- ކޮޓަރީގައި ދެ އެނދުން ހުންނަން ޖެހޭ
- ހޯމް ސްޓޭ ހިންގާ ފަރާތާއި ޓޫރިސްޓުންނާއި 24 ގަޑިއިރު ގުޅޭނެ އިންތިޒާމު ހުންނަން ޖެހޭ
- ގޭގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ޓޫރިސްޓް މީހާ ޗެކިންވާއިރު ދޭން ޖެހޭ
- ގެއްލުމުގެ ބަދަލު ލިބޭ ގޮތަށް ތާޑް-ޕާޓީ ލައިބިލިޓީ އިންޝުއަރެންސެއް އޮންނަން ޖެހޭ
- ފަސްޓް އެއިޑް ކިޓެއް ފަސޭހައިން އަތުޖެހޭ ހިސާބުގައި އޮންނަން ޖެހޭ
- ޕާސްޕޯޓާއި ފައިސާ އަދި އަގުހުރި ސާމާނު ރައްކާ ކުރެވޭ ފަދަ ސެކިއުރިޓީ ބޮކްސެއް ހުންނަން ލާޒިމް
ހޯމްސްޓޭ ވިޔަފާރި ދިއްގަރުގައި ފެށިއިރު ކޮޓަރި ވިއްކާފައިވަނީ 40 ޑޮލަރުގެ ރޭޓުންނެވެ. މިއީ އާއްމުކޮށް ގެސްޓްހައުސްއެއްގައިވެސް ކޮޓަރި ވިއްކާ އަގެވެ. މި ވިޔަފާރި ވައިގައި ހިފާނެ ކަމަށް ބެލިފައިވާއިރު މީގެ ސަބަބުން އިޖުތިމާއީ ގިނަ މައްސަލަ ތަކެއް ނުކުތުމުގެ ކަންބޮޑުވުން ވެސް ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.