ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޯޓްގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ފަށަން ތައްޔާރު ތައްޔާރީތައް ވާން ފަށައިފި އެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އަށް ދަތުރުތައް ހުއްޓާލާފައިވާ ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޯޓުން އަންނަ މަހު އަލުން އިންޓަނޭޝަނަލް ދަތުރުތައް ފަށާނެކަން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެ އެއާލައިނުން ވަނީ އަންނަ މަހުގެ އަށެއް ގައި ސްރީލަންކާ އަށް ވެސް ދަތުރު ފަށާނެ ކަމަށް ބުނެފަ އެވެ. އަދި ރާއްޖެއަށް ދަތުރު ފެށުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާ ކަމަށް އެނގިފައިވެ އެވެ.
ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް އިޖުރާތުތައް ފުރިހަމަ ކުރުމަށްޓަކައި ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށްޓަކައި ރާއްޖޭން ރަޝިއާ އަށް ބައެއް ހުއްދަތަކާއި ޔަގީންކަން ދޭން ޖެހެ އެވެ. މިކަން ފުރިހަމަކޮށް އަންނަ މަހުގެ މެދުތެރޭގައި ރާއްޖެ އަށް އޭރޯފްލޯޓް އަލުން އުދުހެން ފަށާނެ އެވެ.
ރާއްޖެއަށް އަލުން ފަށަން ހުރަހެއް ނެތް
ޓޫރިޒަމް މިނިސްޓްރީ ވެސް ވަނީ ރަޝިއާގެ ގައުމީ އެއާލައިން ރާއްޖެއަށް ފަށަން ބައެއް ތައްޔާރީތައް ވަމުންދާކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އެ މިނިސްޓްރީން މިކަމުގެ އިތުރު ތަފުސީލެއް ލިބިފައެއް ނުވެ އެވެ.
ނަމަވެސް، ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އޭރޯފްލޯޓުގެ ދަތުރުތައް ރާއްޖެ އަށް ފަށަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އޭރޯފްލޯޓުގެ ދަތުރުތައް އަންނަ މަހު ރާއްޖެ އަށް ފަށާއިރު އަންނަ މަހުގެ އަށް ވަނަ ދުވަހު ސްރީލަންކާ އަށް ސީދާ ދަތުރުތައް ފަށާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. ރަޝިއާގެ ވެރިރަށުން ކޮލަމްބޯ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ފަށާ މި ދަތުރުތަކުގެ ސަބަބުން ސްރީލަންކާގެ ޓޫރިޒަމަށް ބޮޑު ފައިދާއެއް ލިބިގެންދާނެ އެވެ.
ރަޝިއާގެ ގައުމީ އެއާލައިންގެ ދަތުރުތައް މުޅި ދުނިޔެ އަށް ވަގުތީގޮތުން ހުއްޓާލީ ރަޝިއާ އިން ޔޫކްރޭން އަށް ހަމަލާ ދިނުމުގެ ސަބަބުން އެ ގައުމަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ގައުމީ އެއާލައިނުން ކުއްޔަށް ނަގާފައިވާ އެހެން ކުންފުނިތަކުގެ ބޯޓުތައް ދޫކޮށްލަން ޖެހުމުންނެވެ. މި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އެކި ގައުމުތަކުގައި
ރަޝިއާގެ ގައުމީ އެއާލައިންގެ 78 ބޯޓެއް ހިފަހައްޓާފައިވެ އެވެ.
ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން ރަޝިއާ މާކެޓު ވަނީ މަޑުމަޑުން ދަށްވާން ފަށާފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގައި އޮތް ރަޝިއާގެ ޓޫރިޒަމް ހިއްސާ ދަށްވަމުންދާތަން ފެންނައިރު، މި އަހަރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ އެ ގައުމުންނެވެ. ރަޝިއާއިން މިހާތަނަށް 50,832 ޓޫރިސްޓުން އައިސްފައިވެ އެވެ.