ޑރ. އަބްދުﷲ މައުސޫމް

އެންމެ އިސްކަން ދެނީ އައްޑޫ ޓޫރިޒަމް ކުރިއަރުވަން

Jun 21, 2022

އެންމެ އިސްކަން ދެއްވާ އެއް ކަމަކީ އަދިވެސް އައްޑޫ ޓޫރިޒަމް ކުރިއެރުވުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގައި މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޓޫރިޒަމްގެ ވާހަކަ ދައްކާއިރު އައްޑޫ ޓޫރިޒަމްގެ ވާހަކަ ދައްކަން ފުރުސަތު ލިބުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މި ވާހަކަ ދައްކާފަ ދާއިރަށް މީހުން ބުނާނެ މައުސޫމް އެބަ ވާހަކަ ދައްކައޭ. ތިޔަ ވާހަކަ ނުދައްކާށޭ. ތިޔަކަމެއް ނުވި ނޫންހޭ. އަޅުގަނޑުމެން ގަބޫލު ކުރަން ޖެހެނީ ޓޫރިޒަމަކީ ވިޔަފާރިއެއްކަން. ޓޫރިޒަމް ކުރިއަރުވާއިރު މުޅި އިންޑަސްޓްރީ ކުރިއަރަން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ޝަންގްރިއްލާގެ މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މީހުން ފޮނުވަމުންދާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

"އެންމެ ފަހުން ވާހަކަ ދެއްކިއިރު މައުލޫމާތު ލިބިފައިވަނީ އެތަން ހަދަން މީހުން ގެންދާކަމަށް. އެކަމަކު އެތަން ހަދަން މީހުން ގެންދަނީ އެތަނުގެ އެހެން މީހުން. ދިވެހިންނަކަށް އަދި އެ ފުރުސަތެއް ނުލިބެ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅު ކުރިއަށް ދަނިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިނިސްޓަރު ވާހަކަފުޅު މެދުކަނޑުއްވާލައްވައި ޝަންގްރިއްލާގެ ހިއްސާއާ ބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.

މި ސުވާލާ ގުޅިގެން މިނިސްޓަރު މައުސޫމް ވިދާޅުވީ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލެއްވޭ ގޮތަށް- ޓޫރިޒަމް- ގާނޫނަށް މަޖިލީހުން ބަދަލު ގެންނަމުންދާ ކަމަށެވެ.

"ހިއްސާ ބަދަލު ނުކުރާނަމަ ވާގޮތަކީ މައިނޯރިޓީ ޝެއާ ހޯލްޑަރަކަށްވާހެން ކުންފުންޏަށްވާހެން މައިނޯރިޓީ ޝެއާ ހޯލްޑަރަކަށް ލިބޭ ގެއްލުންވޭ،" މައުސޫމް ވިދާޅުވި އެވެ.