ޓޫރިޒަމް

ޓޫރިސްޓް އެނދުގެ އަދަދު 60،000 އިން މައްޗަށް

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 60،000 އަށްވުރެ ގިނަ އެނދު ބޭނުންކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ 1،225 ތަނެއްގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 60،236 އެވެ.

މީގެ ތެރޭގައި 168 ރިސޯޓުގައި ހުރި 41،049 އެނދާއި 891 ގެސްޓުހައުސްގައި ހުރި 14،588 އެނދާއި 153 ސަފާރީގައި ހުރި 2،959 އެނދުގެ އިތުރުން 13 ހޮޓެލްގައި ހުރި 1،640 އެނދު ހިމެނެ އެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ބޭނުންކުރާ ތަންތަނުގެ އަދަދަކީ 1،208 އެވެ، އެ ތަންތަނުގައި ހުރި އެނދުގެ އަދަދަކީ 59،625 އެވެ.

ރާއްޖެއަށް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 428،817 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންނަށްވުރެ 24 ޕަސަންޓް އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައީ 345،742 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 53،297 ފަތުރުވެރިން އައިސްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ 12.4 ޕަސަންޓެވެ.

އިންޑިއާއިން 46،400 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 40،143 ފަތުރުވެރިން އައިސްފައިވެ އެވެ.