ހޯމްސްޓޭ

ހޯމްސްޓޭގެ ވިޔަފާރި އަންނަ އަހަރު ފަށަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ "ހޯމްސްޓޭ" ގެ ވިޔަފާރި އަންނަ އަހަރު ފަށައިގަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ސަރުކާރުގެ ތެރެއިން މިހާރު ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އަންނަ އަހަރުގެ ކުރީކޮޅު ހޯމްސްޓޭގެ ވިޔަފާރި ފެށޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ހޯމްސްޓޭގެ ވިޔަފާރި އަކީ އަމިއްލަ ގޭގައި ބާކީ ހުންނަ ކޮޓަރި ޓޫރިސްޓުންނަށް ވިއްކާލައިގެން ދުވާލަކަށް ވަކި އަގެއް ނެގުމަށްފަހު އެމީހުން ގޭގައި ބައިތިއްބައިގެން އާމްދަނީ ހޯދުމުވެ. މިއީ ފައިދާވާނެ ވިޔަފާރި އަކަށް ވިޔަސް އަމިއްލަ ގޭގައި މިފަދަ ވިޔަފާރިއެއް ކުރަންޖެހުމުން ނިކުމެ ދާނެ އެތައް މައްސަލަތަކެއް ހުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި ތަފާތު ވިޔަފާރިތައް ކުރައްވާ ބޭފުޅުން ގެންދަވަނީ ހޯމްސްޓޭއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ހޯމްސްޓޭގެ ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރު މައުސޫމް ވިދާޅުވީ އަލަށް ކަމެއް ފަށައިގަންނައިރު ކަންބޮޑުވުންތަކެއް ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން ހޯމްސްޓޭގެ ވިޔަފާރި އަށް ހުއްދަ ދޭނީ އެކަމާ ގުޅޭ ގަވައިދުތަކާއި އުސޫލުތައް އެކުލަވާލުމަށް ފަހު ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގައި ކުރާ އެހެން ވިޔަފާރިތައް ގޮތަށް ހޯމްސްޓޭ އަކީ ވެސް ރަނގަޅަށް ރެގިއުލޭޓް ކުރެވިގެން ހިނގާނެ ވިޔަފާރިއެއް. އެ ވިޔަފާރިވެރި ވެސް ރެގިއުލޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް،" މައުސޫމް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ރިޔާސީ މެނިފެސްޓޯގައިވާ ގޮތުން ހޯމްސްޓޭ ތައާރަފް ކުރުމުގެ އިތުރަށް ގެސްޓްހައުސްގެ ވިޔަފާރިވެސް އިތުރަށް ފުޅާކޮށް ކުރިއަރުވާ ހުރިހާ ރައްޔިތުންނަށް ވެސް ފަތުރުވެރިކަމުގެ ދާއިރާއިން އާމްދަނީ ހޯދޭނެ ގޮތްތަކެއް ފަހި ކުރުމަށްޓަކައި އައިލެންޑް ހޮޓަލާއި ބުޓީކް ހޮޓާ ތައާރަފް ކުރަންވެސް ހިމަނާފައިވެ އެވެ.

ރާއްޖެއަށް ހޯމްސްޓޭ ތައާރަފް ކުރަން މަސައްކަތް ކުރާތީ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ ރާއްޖޭގައި ހިންގާ ގެސްޓްތައް ތަމްސީލް ކުރާ ޖަމިއްޔާ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ ފަރާތުންނެވެ.

ހޯމްސްޓޭ އާއި ގުޅިގެން ގޭމް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހޯމްސްޓޭ އަކީ ދުނިޔޭގައި ފުޅާވަމުންދާ ޓޫރިޒަމެއް ކަމަށްވާތީ އެއީ ރާއްޖެއަށް ވެސް ތައާރަފްކޮށް ފުޅާކުރެވިދާނެ ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް ހޯމްސްޓޭ ތައާރަފް ކުރުން މި ވަގުތު އެންމެ ރަނގަޅުތޯ އެ ޖަމިއްޔާ އިން ވަނީ ސުވާލު އުފައްދާފަ އެވެ.