ގެސްޓް ހައުސްތައް

މާލޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް މި މަހު 14 ގައި ހުޅުވަން ހުއްދަ ދެނީ

މާލެ ސަރަހައްދުގައި ހުރި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު ދޭން ނިންމައިފި އެވެ. އެކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް ޓޫރިޒަމްގެ ވިޔަފާރި މެދުކަނޑާލިއެވެ. އަލުން ބޯޑަރު ހުޅުވާ ފަތުރުވެރި ކަމަށް ރާއްޖެ ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު 15 ވަނަ ދުވަހު މާލެ ސަރަހައްދުގައި ހުރި ގެސްޓްހައުސްތަކަށް ފިޔަވައި އެހެން ގެސްޓްހައުސްތައް އޮޕަރޭޓް ކުރަން ހުއްދަ ދިނެވެ.

މާލެ ސިޓީއަކީވެސް ކޮވިޑްގެ ޓްރާސްމިޝަނެއް އޮތް ސިޓީއެއް ކަމުން މި ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަން ހުއްދަ ދީފައެއް ނުވެއެވެ.

މިނިސްޓަރު މައުސޫމް މިރޭ ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ މި މަހުގެ 14 ވަނަ ދުވަހު ދޭނެ ކަމަށެވެ. ގެސްޓްހައުސްތަކާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއެއް ހުށައަޅަން ޖެހެއެވެ.

މާލެ ސަރަހައްދުގައި ހުރި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާއިރު މާލެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ވަނީ ދަށްވެފައެވެ. އަދި ބަލި ކޮންޓްރޯލް ކުރެވެމުންދާތީ ފިޔަވަޅުތަކަށްވެސް ސަރުކާރުން ދަނީ ލުއި ދެމުންނެވެ.

ގެސްޓްހައުސްތަކަށް ހުއްދަ ދިނުމާއެކު މިހާތަނަށް 13 ރަށެއްގެ 49 ގެސްޓްހައުުސްއެއް ދަނީ ހިންގަމުންނެވެ.