ގެސްޓް ހައުސްތައް

ބިދޭސިން ހިއްސާ ވެގެން ގެސްޓްހައުސް ހިންގޭ ގޮތް ހަދަނީ

Mar 16, 2021
1

ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭން ބޭރު މީހުނަށް އިންވެސްޓް ކުރެވޭ ގޮތަށް ގަވައިދު ހަދަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރު ބޭރުވުން ހުއްޓުމަށްޓަކައި "ޓޫރިޒަމް ޕްރޮޕަޓީތަކުގެ އޯނާޝިޕް" ދިވެހިންނަށް ލިބޭނެ ގޮތަށް ގަވައިދު ހަދަމުންދާ ކަމަށެވެ. މި ބަދަލާއެކު ދިވެހިންގެ 51 ޕަަސެންޓުގެ ހިއްސާ އާއި ބިދޭސީންގެ 49 ޕަސެންޓުގެ ހިއްސާ އޮވެގެން ގެސްޓްހައުސް ތަކަށް ވެސް އިންވެސްޓަރުން ހޯދޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"މިހާރު ގެޒެޓް ކުރެވެމުން އެބަދޭ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާމިޔާބުކޮށްފަ ފަރިތަކޮށްފަ އޮތް މޮޑެލްއެއް މިއީ. ހޮޓާ ވިޔަަސް، ގެސްޓްހައުސް ވިޔަަސް، މިހާރު އަޅުގަނޑުމެން ގެޒެޓް ކުރަމުން މިދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކާމިޔާބު ކަމާއެކު ކުރިއަށް ދާ މޮޑެލްއެއް މެޖޯރިޓީ ހިއްސާ ނުލިބޭ ގޮތަށް ބިދޭސީން ވިޔަފާރިތެރެ އަށް ވަނުމުގެ ފުރުސަތު ދިނުން،" މައުސޫމް ވިދާޅުވި އެވެ.

އެހެންވެ، އިރާދަކުރެއްވިއްޔާ 49 ޕަސެންޓާ ހަމަ އަށް ބިދޭސީންނަށް އޯނާޝިޕް ހޯދޭނެ. އޭރުން މުޅި އިންވެސްޓްމަންޓުގެ މާހައުލު ބަދަލުގެ، ދިވެހިންނަށް ފުރުސަތު ލިބިގެން ދާނެ."

މިހާރު ރާއްޖޭގެ ގެސްޓްހައުސްތަކުގައި ބޭރު މީހުންނަށް އިންވެސްޓު ކުރުމުގެ ފުރުސަތެއް ނޯވެ އެވެ. ރާއްޖޭގައި ދިވެހިންގެ 100 ޕަސެންޓް ވިޔަފާރި ކުރެވޭނެ މަދު ވިޔަފާރިތަކުގެ ތެރޭގައި މި ވިޔަފާރި ވެސް ހިމެނެ އެވެ.

ރާއްޖޭގައި ގާތްގަނޑަކަށް 600 އެއްހާ ގެސްޓްހައުސް ހުރެ އެވެ. އަދި މި ވިޔަފާރި ވަނީ އެންމެ ހަލުއި ކަމާއެކު ކުރިރައިގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށެވެ.