ހއ. ކެލާ

ކެލާގައި ޓޫރިޒަމް ތަރައްގީ ކުރަން އިތުރު ބިން ދޫކުރަނީ

ހއ. ކެލާގައި ޓޫރިޒަމް ތަރައްގީ ކުރަން އިތުރު ބިން ތަކެއް ދޫކުރަން، ކައުންސިލް އާއި ޓޫރިޒަމް މިނިސްޓަރީން ސޮއި ކޮށްފި އެވެ.

ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވީ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާނެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އާދަމް އުފްރާން އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމުގެ ރަށް، ކެލާގައި ގެސްޓްހައުސް އާއި ހޮޓާ އަޅަން މި ފަހަރު 5،000 އަކަފޫޓުގެ 12 ބިމާއި 10،000 އަކަފޫޓުގެ ދެ ބިން ދޫކުރާނެ އެވެ.

މައުސޫމް ވިދާޅުވީ ކެލާ ކައުންސިލުން ޓޫރިޒަމް ތަރައްގީ ކުރަން އިސް ނެގުމުން ފެންނަނީ ލާމަރުކަޒީ ނިޒާމުން ކައުންސިލްތައް ހިންގަން ގެނެވުނު ބަދަލުގެ ހެޔޮ ފައިދާ ކުރަމުން ދިއުން ކަމަށެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ޓޫރިޒަމަށް ބިންތައް ތަރައްގީ ކުރުމުގެ މަސައްކަތް ރާއްޖޭގެ ދެކޮޅުގައި ކުރަމުންދާ ކަމަށެވެ. އައްޑޫ ކައުންސިލުން ވެސް ޓޫރިޒަމަށް ބިން ތަކެއް ދޫކޮށް އެ ބިންތައް ކާމިޔާބުކުރި ފަރާތްތަކަށް ހަވާލު ކުރަން ތައްޔާރު ވަމުންދާ ކަމަށެވެ.

ހއ. ކެލާގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ވެސް ކުރިން ހުޅުވާލައި އެ މަސައްކަތް ވަނީ މަޝްރޫއު ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ އިންވެސްޓްމެންޓް އާ ހަވާލުކޮށްފަ އެވެ. މި ހޮޓަކީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ހަދާ ހޮޓަލެކެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އުލިގަންގައި ޔޮޓް މެރީނާއެއްގެ އިތުރުން ހޮޓަލެއް ތަރައްގީ ކުރަން ބިޑަށްލި އެވެ. ނަމަވެސް މަޝްރޫ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. އެހެންވެ، ބީލަން ކެންސަލްކޮށް ފަހުން އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން އިއުލާނު ކޮށްފައެއް ނުވެ އެވެ.

މި ސަރުކާރުން މި ޓޫރިޒަމް މަޝްރޫއުގެ އިތުރުން ރިސޯޓު ތަކެއް ތަރައްގީ ކުރަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.