ހއ. ކެލާގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރަން އިއުލާނު ކުރި މަޝްރޫއު ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ އިންވެސްޓްމެންޓް އާ ހަވާލު ކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމްގެ އުފަން ރަށް ހއ. ކެލާގައި ސިޓީ ހޮޓާ އަޅަން ތިން ފަރާތަކުން ބިޑް ކުރި އެވެ. އަވަސް އަށް ވާހަކަފުޅު ދައްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި ސިޑޯ ކުންފުންޏަށް މި މަޝްރޫއު ހަވާލު ކުރީ އިވެލުއޭޓް ކުރުމަށްފަހު އެވެ.
"އެކުއެޒިޝަން ކޮސްޓު ދައްކަން 60 ދުވަސް ލިބޭނެ. އެ ފައިސާ ދެއްކީމަ އެގްރީމެންޓް ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމަވެސް، ފިޑޯ ކުންފުނިން މި މަޝްރޫއު ކާމިޔާބު ކުރުމަށް ހުށަހެޅި އަގެއް ޓޫރިޒަމް މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެ އެވެ.
ފެޑޯ އިންވެސްޓްމަންޓުގެ ނަމުގައި ރާއްޖޭގައި ހިންގާ މި ކުންފުންޏަކީ ކޮންސްޓްރަކްޝަން ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ކުރާ ކުންފުންޏެކެވެ.
ހއ. ކެލާގައި ޓޫރިޒަމް ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. މުއްދަތު ހަމަވީއިރު، މި މަޝްރޫއު ހިންގުމަށް ކުރިމަތިލާފައިވަނީ ތިން ފަރާތަކުންނެވެ. ބިޑަށް ކުރިމަތިލާފައިވަނީ އަމިއްލަ އެއް ފަރުދެއްގެ އިތުރުން، ދިވެހި އެއް ކުންފުންޏަކާއި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެވެ. އަދި މި ބިޑްތައް އިވޭލުއޭޓް ކުރުމުގެ މަސައްކަތް ކުރީ ޓޫރިޒަމް މިނިސްޓްރީގެ ބިޑް ކޮމެޓީ އިންނެވެ.
މިއީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައި ހަދާ ހޮޓަލެކެވެ. ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން އުލިގަންގައި ޔޮޓް މެރީނާއެއްގެ އިތުރުން ހޮޓަލެއް ތަރައްގީ ކުރަން ބިޑަށްލި އެވެ. ނަމަވެސް މަޝްރޫ އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. އެހެންވެ ބީލަން ކެންސަލްކޮށް ފަހުން އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް ފަހުން އިއުލާނުކޮށްފައެއް ނުވެ އެވެ.
މި ސަރުކާރުން މި ޓޫރިޒަމް މަޝްރޫއުގެ އިތުރުން ރިސޯޓު ތަކެއް ތަރައްގީ ކުރަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.