ވިޔަފާރި

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ބިމުގެ އަގު ދަށަށް ދާނެ

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ބިމުގެ އަގު ދަށަށް ދިއުން ވަރަށް ގާތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ރަށްތައް ވިއްކައިގެން ފައިދާ ހޯދުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ދެކެވަޑައި ގަންނަވާ ކަމަށެވެ.

މައުސޫމް ވިދާޅުވީ މި އަހަރަށް ވުރެ އަންނަ އަހަރު ރާއްޖެ އޭގެ ޒާތުގައި ޓޫރިޒަމް ލޭންޑްގެ ވެލިއު ދަށަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށާއި ރާއްޖޭގައި ނުހެދި 85 ރަށް އޮތް އިރު އެ ރަށްތައް ހިފައްޓައިގެން ތިބި ބަޔަކު އެ ރަށްތައް "ރަނަށް" ވެގެންދާނެ ކަމަށް ގަބޫލު ކުރެއްވުން ރަނގަޅު ނޫން ކަމަށެވެ.

"މި ރަށްތައް [ރިސޯޓް ހަދަން ދޫކޮށް ނުހެދި ހުރި ރަށްތައް] ހެދިގެން ވާން އޮތީ. މި ރަށްތަކުގެ ލޭންޑް ވެލިއު މާބޮޑަށް މައްޗަށް ދާނެ ކަމަށް ހިފަހައްޓައިގެން ތިއްބަވާނެ ކަމެއް ނެތް. ވިޔަފާރި ކޮށްގެން މީގެ ފައިދާ ނަގަން ވިސްނަންވީ. ރަނގަޅު ރިސޯޓުތައް ހަދަންވީ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި އަހަރަކީ އިންވެސްޓްމަންޓުގެ އަހަރަކަށް ހަދައި ރާއްޖެއަށް އިންވެސްޓްމަންޓުތަކެއް ގެނައުން ކަމަށެވެ. ޓޫރިޒަމް ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތަކާއެކު ރާއްޖެ އަންނަ އިންވެސްޓްމަންޓުގެ އަދަދު އިތުރު ވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންވެސްޓްމަންޓްގެ އަަހަރުގައި އެންމެ އިސްކަމެއް ދެއްވާނީ ޓޫރިޒަމް ސިނާއަތުގެ ވެރިންނަކީ ދިވެހިންނަށްވުމުގެ ފުރުސަތު ފަހި ކޮށް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިންވެސްޓްމަންޓަކީ ގައުމެއްގެ އިންޑަސްޓްރީއެއް ކުރިއަރުވާލަން އެންމެ މުހިންމު ކަންތައް. މި ބަލަނީ ވީހާ ވެސް ގިނަ ދިވެހިންނަށް ޓޫރިޒަމްގެ އޯނާޝިޕް ލިބޭތޯ. އެހެން ނަމަވެސް އެނގިވަޑައިގަންނަވާނެ ރާއްޖޭގައި އިންވެސްޓްމަންޓް ބޭންކް ތަކެއް ނެތް. އެކަމަކު ދިވެހިންނަށް އޯނާޝިޕް ލިބޭނެ އެކިއެކި ފޯމިއުލާ އެބަހުރި،" މައުސޫމް ވިދާޅުވި އެވެ. "ހަންޑްރެޑް ޕަސެންޓް އޯނާޝިޕް ނުލިބުނަސް ޝެއާ ބޭސްކޮށް އޯނާޝިޕް ލިބިދާނެ. އެހެންވީމަ ރައީސް ސޯލިހު ތަސްދީގު ކުރެއްވި ޓޫރިޒަމް އިސްލާހުގެ ސަބަބުން އިންވެސްޓްމަންޓަށް މަގު ފަހި ވެގެން ދާނެ."

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި މަސައްކަތް ނުލިބުނި ތިބި މީހުންނަށް މަސައްކަތް ލިބޭނީ ވެސް އިންވެސްޓްމަންޓް ގެނެވިގެން ކަމަށެވެ.

"ރާނާ މީހުންނާއި ވަޑާން ކުރާ މީހުންނަށް މަސައްކަތް ލިބޭނެ. ރާއްޖޭގެ އިގްތިސޯދު ހިނގައި ގަންނަން ފަށާނެ. އެ ތަންތަން [ނުހެދި ހުރި ރަށްތައް] ހުޅުވެން ފެށީމަ ދެން ވަޒީފާތައް ލިބެން ފަށާނެ،" މައުސޫމް ވިދާޅުވި އެވެ.

ކުރިން ޓޫރިޒަމް ސިނާއަތުގައި ވަޒީފާ އަދާ ކުރެއްވި މިނިސްޓަރު ވިދާޅުވީ ދިރިއުޅެވޭނީ އާއިލާއާ އެއްކޮށް ދިރިއުޅެވިގެން ކަމަށެވެ. އަދި ކުރިން ބޯޓު ދަތުރު ކުރަންދާ މީހުން އުޅުނު ގޮތަށް އާއިލާއާ ދުރުގައި މަސައްކަތް ކުރުމަކީ ވަރަށް ހިތް ދަތި ކަމެއްކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ކުރީ ޒަމާނުގައި ބޯޓު ދަތުރު ކުރަން ދިއުމެކޭ ރަށާ ދުރުގައި މަސައްކަތް ކުރުމެކޭ އެއް ވެސް ތަފާތެއް ނެތް. އިންތިހާއަށް މީހާ ސައިކޮލޮޖިކަލީ ޕްރެޝަރުގައި އޮން ނަކަމެއް މިއީ. ލޯކަލް ޓޫރިޒަމް ނޫނީ ކޮމިއުނިޓީ ޓޫރިޒަމުން އިޖުތިމާއީ ގޮތުން ދުޅަހެޔޮކަން އާދެ. އެހެން ވިޔަފާރި ތަކަށް ވެސް ފައިދާ ލިބޭނެ،" މައުސޫމް ވިދާޅުވި އެވެ.