ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށް ނުހެދި ހުރި ތަންތަނުގެ ތެރޭގައި 24 ފަޅެއް އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމަށް ދޫކޮށް ނުހެދި 85 ތަނެއް އޮތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ ގިނަ ފުރުސަތުތަކެއް ލިބި، ގިނަ ވަޒީފާ ތަކެއް އިތުރު ވެގެން ދާނެ ތަންތަން ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށްތަކުގެ ތެރޭގައި ޓޫރިޒަމަށް ދޫކޮށްފައިވާ 61 ރަށާއި 24 ފަޅު ވެސް ހިމެނޭ ކަމަށެވެ.
"މި 24 ފަޅުގެ ތެރެއިން ފަސް ފަޅު މިހާރު ހިއްކާ ނިންމައި، އަނެއް ފަސް ފަޅު މައްޗަށް ހިކިލާފައި އޮތީ، އަނެއްބައި އޮތީ ކަނޑު އަޑީގައި. މިއީ މި ކަންތައްތައް ހުރި ވަރު. އަޅުގަނޑުމެންނަށް މި ތަންތައް ބަހައްޓައިގެން ނުތިބެވޭނެ. އަޅުގަނޑުމެން ކޮންޓްރަކްޝަން ޕީރިއަޑް އިތުރު ކޮށްކޮށް މި ތިބެނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ކޮންޓްރަކްޝަން ޕީރިއަޑާ މެދު ވާހަކަ ދައްކައި ރަށް މިހާރު ގެންގުޅޭ ފަރާތްތަކަށް ދެވޭނީ ވަކި މުއްދަތެއް ކަމަށާއި އޭގެ ފަހުން އެ ރަށެއް އޮޓަމެޓިކުން ވަކި ވެގެން ދާނެ ކަމަށް ވެސް އޭނާ ރޭ ވިދާޅުވި އެވެ.
"އެކަަމަކު، ސަރުކާރުން ބޭނުމެއް ނުވޭ ރަށްތައް ވަކި ކުރާކަށް. އެހެންވެ މި ރަށްތައް އެ ބޭފުޅުން ބޭނުން ގޮތަކަށް ފަތުރުވެރިކަމުގެ މާކެޓަށް ގެނެވޭ ގޮތަށް ހަދާފައި އެ އޮތީ. ރަށުގެ ބައިބައި ވެސް ވަކިން ކުއްޔަށް ދޭނީ. އެބައި ކުއްޔަށް ދީފަ އަނެއްބައި ހަދަންވީ،" މައުސޫމް ވިދާޅުވި އެވެ. "އެހެންވީމަ މިއޮތީ ޗާޓު ކުރަހާބައި ނިމިފައ. ދެން އޮތީ ފައިސާ ގެންގުޅޭ މީހުންނާ ދިމާ ކުރުން."
މިނިސްޓަރު ވިދާޅުވީ ދުބާއީގައި މި އަހަރު އޮންނަ "ވޯލްޑް އެކްސްޕޯ 2020" ގައި އިންވެސްޓް ކުރަން ތިބި މީހުނާ އެއްކޮށް ނެޓް ވޯކެއް ގާއިމް ކުރާނެ ކަމަށެވެ.
"ރަށްރަށުގައި ކުދި ހޮޓާ ހަދަން ތިބި މީހުންނަށް ވެސް އަޅުގަނޑުމެން އިންވެސްޓަރުންނާއެކު ނެޓްވޯކް ހަަަދައި ދޭނަން. ބޭނުން ވަނީ ދިވެހިން ޕްރޮޑަކްޓް އޯނަރުންނަށް ހެދުން،" މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ކުއްޔަށް ދޫކުރަން ނިންމާފައިވާ 28 ރަށް، ނެރުމުގެ މަސައްކަތް ވެސް ޓޭބަލެއް ދަށުން ކުރަމުން ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.