ޓޫރިސްޓް އެރައިވަލް

ފަތުރުވެރިކަން ބޮޑުތަނުން ދަށަށް ގޮސްފި

ރާއްޖޭގެ ފަތުރުވެރިކަން ބޮޑު ތަނުން ދަށަށް ގޮސްފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ދަށަށް ނުދާ ވަރަށް ވަނީ ރާއްޖޭގެ ފަތުރުވެރިކަން ދަށްވެފަ އެވެ.

މި މަހު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ އެވެރެޖަކީ ދުވާލަކު 1,801 އެވެ. މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަން އެންމެ ދަށަށް ގޮސްފައި ވަނީ މިދިޔަ މެއި މަހު އެވެ. އެ މަހުގައި އެވެރެޖްކޮށް ރާއްޖެ އައީ ދުވާލަކު 2,084 ފަތުރުވެރިންނެވެ.

މި އަހަރުގެ ތެރޭ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ މާޗު މަހު އެވެ. މާޗު މަހުގައި ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 3,535 ފަތުރުވެރިން ރާއްޖެ އައެވެ. އެ މަހު ރާއްޖެއަށް ޒިޔާރަތް ކުރީ 109,585 ފަތުރުވެރިންނެވެ.

މި ޖޫން މަހުގެ 14 ވަނަ ދުވަހާއި ހަމައަށް 25,214 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 479,597 ފަތުރުވެރިންނެވެ.

ސައުވީސް ޕަސެންޓްގެ ހިއްސާއަކާއެކު އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިންނެވެ. ދެން އެންމެ ގިނައީ އިންޑިއާއިންނެވެ. އިންޑިއާ ހިއްސާ ކުރަނީ 18.7 ޕަސެންޓެވެ.

ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ފަހު ބޯޑަރު ހުޅުވީ މިދިއަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު އެވެ. އަލުން ފަތުރުވެރިކަން ރަނގަޅުވި ނަމަވެސް ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއެކު އަނެއްކާ ވެސް ޓޫރިޒަމް ވަނީ މަޑުޖެހިފަ އެވެ.