ޓޫރިޒަމް

ރަޝިއާ ފަތުރުވެރިންގެ އަދަދު 54،000 އިން މައްޗަށް

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ރަޝިއާއިން މިއަހަރުގެ މިހާތަނަށް 54،000 އަށްވުރެ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގެ 54،527 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއީ މިއަހަރުގެ މި މުއްދަތުގައި ރާއްޖެ އައި ޖުމްލަ 440،059 ފަތުރުވެރިންގެ 12.4 ޕަސަންޓެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ވަނީ 23.8 ޕަސަންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 355،433 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އިންޑިއާއިން 47،462 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ ޖުމްލަ ފަތުރުވެރިންގެ 10.8 ޕަސަންޓެވެ.

އިނގިރޭސިވިލާތުން 41،126 ފަތުރުވެރިން ރާއްޖެ އައިއިރު އިޓަލީން 39،919 ފަތުރުވެރިން އަދި ޖަރުމަނުން 30،028 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މި މުއްދަތުގައި ފްރާންސުން އައީ 19،719 ފަތުރުވެރިންނެވެ. އެމެރިކާއިން 17،967 ފަތުރުވެރިން ރާއްޖެ އައިއިރު ޗައިނާ ފަތުރުވެރިންގެ އަދަދަކީ 13،467 އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމުތަކުގެ ތެރޭގައި ދެން ހިމެނޭ ސްވިޓްޒަލޭންޑުން 10،350 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޕޮލޭންޑުން އައީ 8،043 ފަތުރުވެރިންނެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ގަދަ 10 ގައުމުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އެމެރިކާ ފިޔަވާ އެހެން ހުރިހާ ގައުމަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެ އެވެ.

ފަތުރުވެރިކަމަށް މިހާރު 169 ރިސޯޓާއި 893 ގެސްޓުހައުސްގެ އިތުރުން 153 ސަފާރީ އުޅަނދާއި 13 ހޮޓާ ދަނީ ހިންގަމުންނެވެ. މި ތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 60،362 އެވެ.