ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 11 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 850،971 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 765،134 ފަތުރުވެރިންނަށްވުރެ 85،837 ފަތުރުވެރިން އިތުރުވުމެކެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން މިހާތަނަށް 95،263 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މި އަހަރު ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 11 ޕަސެންޓެވެ.

ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން 85،873 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 80،962 ފަތުރުވެރިން އަދި އިޓަލީވިލާތުން 73،709 ފަތުރުވެރިން މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 176 ރިސޯޓާއި 854 ގެސްޓްހައުސްގެ އިތުރުން 148 ސަފާރީ އުޅަނދާއި 15 ހޮޓާ ދަނީ ހިންގަމުންނެވެ.