ޓޫރިސްޓް އެރައިވަލް

އެއް ދުވަހު 5،100 ޓޫރިސްޓުން އައިސް އާ ރެކޯޑެއް

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން އިއްޔެ ރެކޯޑް އަދަދަކަށް ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް ރެކޯޑް އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އިއްޔެ އެކަނި 5،100 ޓޫރިސްޓުން އައިސްފައި ވެއެވެ. މި އަދަދަކީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވި ފަހުން ރެކޯޑެކެވެ. މިހާތަނަށް އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނައިން މީހުން އައި ދުވަހަކީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު އެވެ. ޓޫރިޒަމްގެ ބޮޑު ޗުއްޓީއާ ދިމާކޮށް އެ ދުވަހު ރާއްޖެއަށް 4،195 މީހުން އައިސްފައިވެ އެވެ.

ރާއްޖެއަށް 26 އެއާލައިނެއްގެ ދަތުރު

ރާއްޖެއަށް ގިނަ އަދަދަކަށް ޓޫރިސްޓުން އައިސް އާ ރެކޯޑެއް ހެދިއިރު، ރާއްޖެ އަށް އަންނަ އެއާލައިންގެ އަދަދު ވެސް ދަނީ އިތުރު ވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެ އަށް 26 އެއާލައިންއަކުން ދަނީ ޓޫރިސްޓުން ގެންނަމުންނެވެ.

ޕޮލެންޑުގެ ގައުމީ އެއާލައިން ރާއްޖެއަށް

ރާއްޖެ އަށް އެންމެ ފަހުން ދަތުރު ފަށާފައި ވަނީ ޕޮލެންޑުގެ ގައުމީ އެއާލައިނެވެ. ރާއްޖެއަށް ކުރިން މާ ގިނައިން ޓޫރިސްޓުން ނާންނަ ނަމަވެސް މިހާރު އަލަށް ޓޫރިސްޓުން އަންނަމުންދާ މި މާކެޓުން ރާއްޖެއަށް ދަތުރު ފެށި "ލޮޓް ޕޮލިޝް އެއާލައިނުން" ރާއްޖެއަށް ފަށާފައިވަނީ ޗާޓަރު ދަތުރުތަރެކެވެ. ދިވެހި ކުންފުންޏެއް ކަމަށްވާ ސަން އޯޝަން މޯލްޑިވްސް އިން ޗާޓަރު ކުރި ފުރަތަމަ ދަތުރު މި އެއާލައިން އައިސްފައިވަނީ 294 މީހުން ގޮވައިގެންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަލަހައްޓާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި މާޗް މަހުގެ ނިޔަލަށް މި ދަތުރުތައް ބާއްވަމުންދާއިރު، ކޮންމެ ދަތުރެއްގައި 250 އެއްހާ ޓޫރިސްޓުން އަންނާނެ އެވެ.

މިމަހު 159،126 ޓޫރިސްޓުން

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 159،126 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފަ އެވެ. މިހާރު ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ އިންޑިއާ އެވެ. ޓޫރިޒަމްގެ އެންމެ ޕީކް ދުވަސްވަރު ނިމެނުންދާތީ ޔޫރަޕުން އަންނަ ޗާޓަރު ފްލައިޓްތައް މަދުވުމާއެކު އިންޑިއާ މިވަނީ ރާއްޖޭގެ އެއްވަނަ މާކެޓަށް ވެފަ އެވެ. އެ ގައުމުން މިހާތަނަށް 62،960 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ގިނައިން މީހުން އައިސްފާ ރަޝިއާ ޓޫރިސްޓުންގެ އަދަދު އުޅެނީ 61،387 ގަ އެވެ.