ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން މިހާތަނަށް އެންމެ ގިނައިން މީހުން އުފުލައިދިން އެއާލައިން އަކަށް، އެމިރޭޓްސް ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރަން މާޗް 15 ގައި ބޯޑަރު ބަންދުކޮށް ޖުލައި 15 ގައި ބޯޑަރު ހުޅުވުމާއެކު 16 ވަނަ ދުވަހު ރާއްޖެ އަށް ދަތުރު ފެށި އެމިރޭޓްސް އިން މިހާތަނަށް 14,987 މީހުން ރާއްޖެ ގެނެސްދީފަ އެވެ. އެމިރޭޓްސް މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް 178 ފްލައިޓް އަޅާފައިވެ އެވެ. އެ އެއާލައިނުން ވަނީ ޔޫރަޕުގެ ފިނި މޫސުމާ ދިމާކޮށް ފްލައިޓް އިތުރު ކުރަން ވެސް މިހާރު ނިންމާފަ އެވެ.
އެމިރޭޓްސް ނަގާފައި ދެން އެންމެ ގިނައިން މީހުން ގެނެސްދީފައިވަނީ ރާއްޖޭން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރުގެ، ގައުމީ އެއާލައިން ގަތަރު އެއާވޭސް އެވެ. ބޯޑަރު ހުޅުވި ޖުލައި 15 ވަނަ ދުވަހު ރާއްޖެ އަށް ދަތުުރު ފެށި ގަތަރު އެއާވޭސް އިން މިހާތަނަށް ރާއްޖެ އަށް 206 ފްލައިޓް އަޅައި، 14,690 މީހުން ގެނެސްދީފައިވެ އެވެ.
ފްލައިޓް މޫވްމެންޓް އަށް ބަލާއިރު ތިންވަނަ އަށް އެންމެ ގިނައިން މީހުން ގެނެސްދީފައިވާ ރަޝިއާގެ ވެރިރަށް މޮސްކޯ އިން އަންނަ ޔޫރޯފްލޯޓް އެވެ. އެ އެއާލައިނުން 28 ފްލައިޓް އަޅައި 4,639 މީހުން ގެނެސްދީފައިވެ އެވެ.
ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން އެއް ގައުމަކުން ފްލައިޓް އަޅާ ގައުމަކީ އަވަށްޓެރި އިންޑިއާ އެވެ. އެ ގައުމުގެ އެއާ އިންޑިއާ އާއި އިންޑިގޯ އަދި ސްޕައިސް ޖެޓުން ދަނީ ރާއްޖެ އަށް މީހުން އުފުލަމުންނެވެ. ނަމަވެސް އެ ގައުމުން މިހާތަނަށް އައިސްފައިވަނީ 1,559 މީހުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން މިހާރު 12 އެއާލައިނެއް ދަނީ ރާއްޖެ އަށް ދަތުރު ކުރަމުންނެވެ. މި އެއާލައިން ތަކުން 1,038 ފްލައިޓް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ. މިހާތަނަށް ޖުމްލަ 47,357 މީހުން ރާއްޖެ އައިސްފައިވެ އެވެ. މީގެތެރޭގައި 37,468 ޓޫރިސްޓުން ވެސް ހިމެނެ އެވެ.