ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

އަންނަ މަހު މި އަހަރުގެ ބައި މިލިއަން ޓޫރިސްޓުން ހަމަވާނެ

މިހާރު ރާއްޖެ އަށް ޓޫރިސްޓުން އަންނަ އަދަދަށް ބަލާއިރު އަންނަ މަހު ރާއްޖެއަށް ބައި މިލިއަނަށް ޓޫރިސްޓުން ހަމަވެ، އިތުރު ވާނެ ކަމަށް އަންދާޒާ ކުރެވިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޖުމްލަ 494،924 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރު 555،494 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ، މިދިޔަ އަހަރު އައި އަދަދަށް ޓޫރިސްޓުން ހަމަވާނަމަ އިތުރަށް 60،565 ޓޫރިސްޓުން ގެންނަން ޖެހެ އެވެ.

މިހާރު ރާއްޖެ އަށް ދުވާހަކު ޓޫރިސްޓުން އަންނަ އަދަދަށް ބަލާއިރު "ޑެއިލީ އެރައިވަލް" އުޅެނީ 1،843 ގަ އެވެ. މި މަހުގެ އެކަކުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 40،541 ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަދަދަށް އަންނަ މަހު އައިނަމަވެސް ގާތްގަނޑަކަށް ބައި މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ރާއްޖޭގައި ކޮވިޑުގެ "އިންޑިއަން ވޭރިއަންޓް" ނުވަތަ ޑެލްޓާ ވޭރިއަންޓް ފެތުރި އުފެދުނު ބަލީގެ ދެވަނަ ރާޅަށްފަހު ބަލީގެ ނަމްބަރުތައް މަތިވުމަށްފަހު މިހާރު ވަނީ ދަށް ވާން ފަށާފަ އެވެ. އެހެންވެ އަންދާޒާއަކީ ކުރިއަށް އޮތް މަސް ތެރޭގައި ޓޫރިސްޓުން އަންނަ އަދަދު އިތުރުވާނެ އެވެ. އަދި ޑެއިލީ އެރައިވަލް ވެސް އެވްރެޖުކޮށް 2،000 އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

މިހާރު ޓޫރިޒަމްގެ ޓްރެންޑް ހުރި ގޮތަށް ބަލާއިރު "ކުއްލިއަކަށް" ހައްދާ ބުކިން ހެއްދުން އާއްމުވެފައިވާތީ ޓޫރިސްޓު އެރައިވަލް ކުއްލިއަކަށް އިތުރުވުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އަދި ރާއްޖޭގެ ޓޫރިސްޓު އަންނަ މައި މާކެޓު ކަމަށްވާ އިންޑިއާ އަށް ވެސް މާގިނަ ދުވަހެއް ނުވެ ރާއްޖޭގެ ބޯޑަރު ހުޅުވާނެ ކަމަށް ބެލެވެ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖުކޮށް ނުވަ ދުވަހު މަޑު ކުރެ އެވެ. އެހެންވެ މިއީ ޓޫރިސްޓު ނަމްބަރު ބޮޑުތަން މަތިވެގެން ނުދިޔަ ނަމަވެސް ޓޫރިޒަމުން ދައުލަތަށް ވަންނަ އާމްދަނީ މަތިވެގެންދާނެ ސަބަބެވެ. އެކަން މިހާރު ވެސް ދަނީ ފެންނަމުންނެވެ.

އަންނަ މަހު ބައި މިލިއަން ޓޫރިސްޓުން އައިނަމަވެސް މި އަދަދު ވެގެންދާނީ 2019 ވަނަ އަހަރާ އަޅާ ކިޔާނަމަ ދަށް އަދަދަކަށެވެ. މިހާރުގެ ޓޫރިޒަމް އެރައިވަލް ޓްރެންޑު ވެސް ދައްކަނީ އެގޮތަށެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 40،541 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މި އަދަދަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި އައި 82،435 ޓޫރިސްޓުންނާ އަޅާ ބަލާނަމަ 50 ޕަސެންޓަށްވުރެ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތަކީ ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެއްވެސް ވަރަކަށް ޓޫރިސްޓުން އައިސްފައިވާ ދުވަސް ވަރެއް ނޫނެވެ.

އަންނަ މަހު ބައި މިލިއަން ޓޫރިސްޓުން ހަމަވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، ސަރުކާރުން ބުނެފައިވަނީ މި އަހަރު އެއް މިލިއަން ނުވަތަ 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ. ނަމަވެސް އެ އަދަދު ހަމަވާނެ ތޯ ނުވަތަ ނޫން ތޯ އެނގޭނީ އަންނަ މަސް ނިމުމުންނެވެ. ސަބަބަކީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލީގެ ލުއިތައް މިހާރު ދޭން ފަށާފައިވުމާއެކު، ޓޫރިސްޓުން އަންނަން ފެށުމުން ޑެއިލީ އެރައިވަލްސް އަށް އަންނަ ބަދަލުން މިކަން ދެނެގަންނަން ފަސޭހަވާނެތީ އެވެ.