ޓޫރިޒަމް

ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.39 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.26 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 128،460 ފަތުރުވެރިން އިތުރުވުމެކެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު -- ޗައިނާއިން އަހަރުގެ މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 203،000 ފަތުރުވެރިން
  • ރަޝިއާ - 150،000 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 119،600 ފަތުރުވެރިން
  • އިޓަލީ - 102،500 ފަތުރުވެރިން
  • ޖަރުމަނު - 98،000 ފަތުރުވެރިން
  • އިންޑިއާ - 83،200 ފަތުރުވެރިން
  • އެމެރިކާ - 47،200 ފަތުރުވެރިން
  • ފްރާންސް - 39،600 ފަތުރުވެރިން
  • ސްޕެއިން - 30،700 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 26،000 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެވަރެޖްކޮށް ދުވާލަކު 5،518 ފަތުރުވެރިން މިހާރު ޒިޔާރަތްކުރެ އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،223 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 882 ގެސްޓްހައުސް އާއި 153 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.