ޓޫރިޒަމް

ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް ޗައިނާ

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް ޗައިނާ އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި މީގެ ކުރިން އޮތް އިންޑިއާގެ ފަހަތަށް ޖައްސާލުމަށްފަހު މާކެޓްގެ ދެވަނައަށް ޗައިނާ އެރީ 153،989 ފަތުރުވެރިންނާއެކު އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް ޗައިނާ އަރާފައިވާއިރު އެ ގައުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ޗައިނާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށީ މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައިގައި ރަޝިއާ އޮތީ 161،461 ފަތުރުވެރިންނާއެކު އެވެ.

މާކެޓްގެ ތިންވަނައިގައި މިހާރު އޮތް އިންޑިއާއިން 153،424 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އިނގިރޭސިވިލާތުން އައީ 111،254 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންނަށްވުރެ 13.9 ޕަސަންޓް އިތުރު އަދަދެކެވެ.