ޓޫރިޒަމް

އިޓަލީއިން އެއް ލައްކަ ފަތުރުވެރިން

އިޓަލީ އިން މި އަހަރުގެ މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް އިޓަލީ އިން 100،082 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި އަދަދާއެކު އެގައުމު އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރު ވަނައިގަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން 7.5 ޕަސެންޓަކީ އިޓަލީ ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 194،907 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން 144،683 ފަތުރުވެރިން ޒިޔާރަތްކުރިއިރު ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 116،073 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޖަރުމަނުން މި އަހަރުގެ މިހާތަނަށް 94،606 ފަތުރުވެރިން އައިސްފައިވާއިރު އިންޑިއާއިން 80،104 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް ޖުމްލަ 1،223 ތަނެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި 174 ރިސޯޓާއި 881 ގެސްޓްހައުސް އާއި 154 ސަފާރީ އަދި 14 ހޮޓާ ހިމެނެ އެވެ.