ވިޔަފާރި

ރިސޯޓް ހަދަން އިއުލާނުކުރި ރަށްތަކަށް ބޮޑު ތަރުހީބެއް

ރިސޯޓް ހަދަން މި ސަރުކާރުން ހުޅުވާލި ފުރަތަމަ ރަށް ތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ރިސޯޓު ހަދަން އިއުލާނު ކުރި ރަށްތަކުގެ ތެރެއިން ޓޫރިޒަމް ބިމު ކުލި ކުޑަކުރި ހއ. އަތޮޅާއި ނ. އަތޮޅުގެ ރަށް ތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާ އަދި ހދ. އާއި ށ. އަތޮޅަށް ވެސް ބޮޑު ތަރުހީބެއް އެބައޮތް ކަމަށެވެ.

"ކުރިން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ،" ހުއްސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިސޯޓު ހަދަން ދޫކުރި ރަށްތަކަށް ތަރުހީބު އިތުރުވުމުގައި ޓޫރިޒަމް ބިމު ކުއްޔަށް ގެނައި ބަދަލަކީ ސަަބަބުކަމަށް ވުން ގާތް ކަމަށެވެ.

"ކުރިން ލިބޭ ޝަކުވާއެއް ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ބޮޑެތި ބިމު ކުލިތަކާއެކު ރިސޯޓުތައް ހިންގުމަކީ ފީސިބަލް ކަމެއް ނޫން ކަމަށް. ހއ. އަދި ހދ. ގެ ކުލި މިވަނީ އަކަ މީޓަރަކަށް އަށް ޑޮލަރުން ހަތަރު ޑޮލަރަށް ބަދަލު ކުރެވިފަ،" ހުއްސާން ވިދާޅުވި އެވެ.

ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން އިއުލާނުކޮށްފައިވަނީ ޑިސެމްބަރު 27 ވަނަ ދުވަހު އެވެ. ހުޅުވާލާފައިވަނީ ތިން ރަށަކާއި ރަށެއްގެ ބައެކެވެ. ހުޅުވާލީ ހއ. އަލިދުއްފަރު ފިނޮޅާއި ހދ. އަތޮޅު އަދި ދަނޑުވެރިކަން ކުރާ ރަށެއް ވައިކަރަމުރައިދޫން 15 ހެކްޓަރުގެ ބިމުން ބައެކެވެ. މީގެ އިތުރުން ށ. އަތޮޅު ކުޑަޅައިމެންދޫ އާއި ނ. އަތޮޅުގެ ކުންނަމެލައި އެވެ.

ހުޅުވާލި ރަށްތައް

  • ހއ. އަލިދުއްފަރު
  • ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން
  • ށ. ކުޑަޅައިމެންދޫ
  • ނ. ކުންނަމެލައި

މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކަށް ޕްރީބިޑް މީޓިން އޮންނާނީ މިމަހުގެ 14 ވަނަ ދުވަހު ވާޗުއަލްކޮށެވެ. އަދި ބީލަން ހުށަހަޅަން ޖެހެނީ މާޗް މަހުގެ ހަތް ދުވަހު 10:00 ޖެހުމުގެ ކުރިންނެވެ. މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޖެނުއަރީ މެންދުރު ފަހު 2:00 ގެ ކުރިން މިނިސްޓްރީ އަށް އީ-މެއިލުން މައުލޫމާތު ދޭން ޖެހެ އެވެ. ބީލަން ފޮތް ގަންނަން އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ.

ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާލި މި ރަށްތަކަކީ މި ސަރުކާރު އައިފަހުން ރިސޯޓު ހަދަން ހުޅުވާލި ފުރަތަމަ މަޝްރޫއެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ރިސޯޓް ހަދަން ނެރޭ ރިސޯޓު ތަކުން 18،000 ވަޒީފާ ލިބޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މި ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން މިހާތަނަށް އިއުލާނުކޮށްފައިވަނީ އުލިގަމް ޔޮޓް މެރީނާ އާއި ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއްގެ އިތުރުން ކެލާގައި ސިޓީ ހޮޓަލެއް އެޅުމުގެ މަޝްރޫ އެކެވެ. އުލިގަމް މަޝްރޫ އަށް އެއް ވެސް ފަރާތެއް ކުރިމަތިލާފައެއް ނުވެ އެވެ. ނަމަވެސް ކެލާގައި ސިޓީ ހޮޓަލެއް އަޅަން ހަތަރު ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.