ވިޔަފާރި

ޓޫރިޒަމަށް ދޫކޮށްފައިވާ އިތުރު ފަޅެއް ވިއްކާލައިފި

މާލެ އަތޮޅުން ރިސޯޓު ތަރައްގީ ކުރަން ދޫކޮށްފައިވާ އިތުރު ފަޅެއް، އެހެން ފަރާތަކަށް ވިއްކާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްގީ ކުރަން މި މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ މާލެ އަތޮޅުން ދޫކޮށްފައިވާ ފަޅެއް، ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން އެ ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި ވަނީ ހުށަހަޅާފަ އެވެ.

އެ ފަޅާ ގުޅިގެން އެއް ވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ ޓޫރިޒަމް މިނިސްޓްރީ އަށް އަންގަން ވެސް އެދިފައިވެ އެވެ.

މި ފަޅު އޮންނަނީ ހުވަފެންފުށީ ރިސޯޓު ކައިރީގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 30 ފަޅެއް ދޫކޮށްފައިވެ އެވެ. މީގެތެރެއިން 24 ފަޅެއް މިހާރު ވެސް ނުހެދި އެބައޮތެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާތަނަށް މަސައްކަތް ފެށިފައިވަނީ ފަސް ފަޅެއްގައި ކަމަށެވެ. މިގޮތަށް ދޫކުރި ފަޅުތަކުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ރިސޯޓު ތަކެއް ވެސް ވަނީ ހަދާފަ އެވެ.