މި އަހަރު ރާއްޖޭގައި މުޅިން އަލަށް 15 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އަވަސް އަށް ހިއްސާ ކުރި ރިސޯޓު ހުޅުވާ އަދަދު ތަކަށް ބަލާއިރު މި އަހަރު އަލަށް 15 ރިސޯޓެއް ހުޅުވާނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ. ނަމަވެސް ހުޅުވާ ރިސޯޓުތަކުގެ ތަފުސީލް އެ މިނިސްޓްރީން ހިއްސާ ކޮށްފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި މިހާރު ރާއްޖޭގައި ތަރައްގީ ކުރަމުން ގެންދާ ގިނަ ރިސޯޓުތަކުގެ ތެރެއިން އަލަށް މަދު ވެގެން ވެސް 13 ރިސޯޓެއް ހުޅުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މި އަހަރު އަލަށް ހުޅުވާ ރިސޯޓުތައް
- ސިޔާމް ވޯލްޑް
- މަޑިފުށި ޕްރައިވެޓް އައިލެންޑް
- އެޑްރެސް މަޑިވަރު
- ކޮކޯގިރި އައިލެންޑް ރިސޯޓު
- ދަ ޗީޑީ ކުޑަވިލިނގިލި
- ލެ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާ
- ޕަޓިނާ މޯލްޑިވްސް ފަރި އައިލެންޑްސް
- ރިޒް ކާލްޓަން ފަރި އައިލެންޑްސް
- ޒެޒް އެސްކޭޕްސް މޯލްޑިވްސް ރިސޯޓު
- މަނިޔަ ފަރު ރިސޯޓު
- ގްރެން މެލިއާ ހުރަވީ
- ޓޮލާނޯ މޯލްޑިވްސް ކުނާ ވަށި ރިސޯޓު
މި އަހަރު ރާއްޖޭގައި އަލަށް ހުޅުވާ ރިސޯޓުތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިންތަކުން މެނޭޖުކޮށް ހިންގާނެ އެންމެ މަތީ ފަންތީގެ ހަތް ރިސޯޓެއް ވެސް ހިމެނެ އެވެ. މީގެތެރެއިން އެއް ރިސޯޓަކީ "ލެ މެރެޑިއާން މޯލްޑިވްސް ރިސޯޓު އެންޑް ސްޕާ" އެވެ. ޅ. އަތޮޅުގައި ތަރައްގީ ކުރާ މަތީ ފަންތީގެ މި ރިސޯޓަކީ މެރިއޮޓް އިންޓަނޭޝަަލްގެ ލަގްޒަރީ ބްރޭންޑް "ލެ މެރެޑިއާން" ގެ ނަމުގައި ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓެވެ.
މި ރިސޯޓު ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. "ރިޒް ކާލްޓަން ފަރި އައިލެންޑްސް" މި ރިސޯޓަކީ މެރިއޮޓް ޗެއިން އިން ރާއްޖޭގައި ތަރައްގީ ކުރާ މި އަހަރު ހުޅުވާނެ އެންމެ ލަގްޒަރީ ރިސޯޓަށް ވާނެ އެވެ. "ދަ ޗީޑީ ކުޑަވިލިނގިލި" މި ރިސޯޓަކީ ޖީއެޗްއެމް ހޮޓެލްސްގެ ދަ ޗީޑީ ބްރޭންޑުގެ ރިސޯޓެވެ. މި ރިސޯޓުގައި މޫދުގެ 36 ވިލާ އާއި 63 އައިލެންޑް ވިލާ އާއެކު ޖުމްލަ 99 ވިލާ ހުންނާނެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ހުޅުވީ ފަސް ޕްރޮޕަޓީ އެވެ. ނަމަވެސް ގިނަ އަދަދެއްގެ ޓޫރިޒަމް ޕްރޮޕަޓީތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެތެރޭގައި މާލެ އަތޮޅުގެ ބޮޑެތި ބައެއް ފަޅުތައް ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓުތައް ހިމެނެ އެވެ. ރާއްޖޭގައި މިހާރު ނުހެދި 85 ރިސޯޓެއް އެބައޮތެވެ. ސަރުކާރުން ވަނީ މި ރިސޯޓުތައް ހަދަން ފުރުސަތު ދިނުމުގެ ގޮތުން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސްފަ އެވެ. އަދި މި ސަރުކާރުން ފުރަތަމަ ފަހަރަށް ވަނީ ތިން ރަށް ހިމެނޭ ގޮތަށް ޓޫރިޒަމް ތަރައްގީ ކުރަން ހުޅުވާ ވެސް ލާފަ އެވެ.