ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާ ވޭރިއަންޓާއެކު ފިޔަވަޅުތައް އަޅާނެ: ރައީސް

ދެކުނު އެފްރިކާއިން ފެނިގެން އުޅޭ ކޮވިޑްގެ އާ ވޭރިއަންޓް "އޮމިކްރޯން" އާ ގުޅިގެން ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާ މެދު މަޝްވަރާ ކުރުމަށް މިއަދު ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިހާރު ފެނިގެން އުޅޭ އޮމްކްރޯން ވޭރިއަންޓާ ގުޅިގެން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ނުވަތަ ބޫސްޓާ ޑޯޒު ޖަހައިދެމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ފެށޭ ހަފްތާގައި ހެލްތުކެއާ، ޓޫރިޒަމް އަދި އެއާޕޯޓްގައި މަސައްކަތްކުރާ ފުރޮންޓް ލައިން ސްޓާފުންނަށް ބޫސްޓާ ޑޯޒް ޖަހައިދޭން ފަށާނެ ކަމަށެވެ.

އަދި ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީއަށް ބޫސްޓާ ޑޯޒް ޖަހަން ފަށާނެ ކަމަށެވެ.

އެޗްއީއޯސީއިން ވެސް މިއަދު ވަނީ އާ ވޭރިއަންޓްގެ މައްސަލަ އެ ސެންޓަރުގެ ސަމާލުކަަމަށް އައިސްފައިވާތީ އެކަމާ ގުޅޭ ގޮތުން އަޅާނެ ފަޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

އޮމްކްރޯން ވޭރިއަންޓަކީ ފަސޭހައިން ފެތުރޭ ވައްތަރެއް ކަަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް އިއްޔެ ވަނީ ކަނޑައަޅައިފަ އެވެ. އަދި މި ވައްތަރު ކޮންޓްރޯލް ކުރުމުގައި ބަޔޮންޓެކް ވެކްސިން ކުޅަދާނަ މިންވަރު އަދި ކަނޑައަޅަން ނޭންގޭ ކަމަށް ފައިޒާ- ބިއޯންޓެކް އިން ވަނީ ވެސް ވަނީ ބުނެފަ އެވެ.

ދުނިޔޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ދޭތެރެ ދޭތެރެއިން އާ ވައްތަރުތައް އަންނަނީ ފާޅުވަމުންނެވެ. އެންމެ ފަހުން އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ކޮވިޑްގެ ޑެލްޓާ ވޭރިއަންޓެވެ.

ކޮވިޑް ފެތުރުން މާލޭގައި މަޑުޖެހިފައި އޮތް ނަމަވެސް އަތޮޅުތެރޭގައި ކޮވިޑް އަދިވެސް ދަނީ ފެތުރެމުން ނެވެ. އެގޮތުން އިއްޔެ ވެސް މާލެއިން 22 މީހުން ޕޮޒިޓިވްވި އިރު އަތޮޅުތަކުން 112 މީހުން ޕޮޒިޓިވްވި އެވެ.