ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ހެލްތް ޕްރޮތެކްޝަން އޭޖެންސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅު ކަމަށް ނައިބު ރައިސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ ބަންދު ދުވަސްތައް އައުމުގެ ކުރިން، ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްކުރާ އޮފިޝަލުންނާއި ބައްދަލުކުރައްވާ ކޮވިޑްގެ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދުމަށް މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގަ އެވެ. އެޗްއީއޯސީން ވަނީ ރާއްޖޭގައި ކޮވިޑް އާއި ގުޅޭ ގޮތުން ހުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ނައިބު ރައީސަށް ތަފްސީލުކޮށްދެއްވާފަ އެވެ.
ނައިބު ރައީސް ފައިސަލް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކޮވިޑް ގެ ބަލި މީހުންގެ އަދަދު މިހާރު ދަށްވެފައިވުމުން ބަލި ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަނގަޅުކަމުގައި ފާހަގަ ކުރައްވާފަ އެވެ.ނަމަވެސް އެ ފިޔަވަޅުތައް އަދިވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކުގެ އެންމެ ފަހުގެ މައުލޫމާތު ވެސް އޮޅުންފިލުވާފައެވެ. އެގޮތުން މިހާރު އެތަންތަން ހިންގަމުންދާ ގޮތުގެ މައުލޫމާތު ހޯއްދަވައި މިހާރު އޮތް ހާލަތަށް ބައްލަވާ ފެސިލިޓީތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވިދާޅުވެފައި ވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވަނީ ވެކްސިން ދޭ މީހުންގެ ނިސްބަތް އިތުރުކުރުމަށާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ބާރުއަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެޗްއީއޯސީއިން ވާހަކަދެއްކެވި ބޭފުޅުން ވަނީ މިހާރު ރައްޔިތުންނަށް ލުއި ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވާފައެވެ. ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްރަށުން އަނެއް ރަށަށް ނުދިއުމުގެ މުހިންމުކަމަށާއި، މޮނިޓަރިނަށް ލާފައިވާ ރަށްތަކަށް ނުދިއުމަށް އިލްތިމާޒް ކުރައްވާފައި ވެއެވެ.