ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މުޒާހަރާ

އެލަވަންސް ނުލިބޭތީ ފްރޮންޓުލައިން މަސައްކަތްތެރިން އިހުތިޖާޖުކުރަނީ

ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރުމަށް ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސް، އެޗްއީއޯސީގައި މަސައްކަތްކުރާ ވޮލެންޓިއަރުންނަށް ނުލިބޭތީ އިހްތިޖާޖަށް ނިކުމެއްޖެ އެވެ.

ފްރޮންޓްލައިން މަސައްކަތްތެރިން އިހްތިޖާޖު ކުރަމުން ދަނީ ހެލްތް މިނިސްޓްރީގެ މައި އޮފީސް ހުންނަ ރޯޝަނީ ބިލްޑިން ސަރަހައްދުގަ އެވެ.

މުޒާހަރާ އިންތިޒާމުކޮށްގެން ހިންގާ ފްރޮންޓްލައިން މުވައްޒަފަކު ބުނީ، އެ އެއްވުމަކީ އެޗްއީއޯސީގައި މިދިޔަ އަހަރު މާޗް މަހުން ފެށިގެން މިއަދާއި ހަމައަށް މަސައްކަތް ކުރަމުންދާ ބައެއް މީހުނަށް އެލަވެންސް ނުލިބޭތީ އެކަމާއި ގުޅުންހުރި ފަރާތް ޒިންމާދާރުކުރުވުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން އެޗްއީއޯސީ އަދި ހެލްތް މިނިސްޓްރީއަށް އީމެއިލް އިން އެތަކެއް ފަހަރެއްގެ މަތިން، މުއާމަލާތްކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އީމެއިލްތަކަށް ޖަވާބު ނުލިބި ނުވަތަ އެދެވޭ ޖަވާބެއް ނުލިބި، އެތަކެއް އާދޭހަކާއި ދެންނެވުންތަކެއް ދަންނަވައިގެންވެސް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އެލަވަންސް ނުލިބި ލަސްވާ ސަބަބު ބަޔާންކޮށްދިނުމަށް އެދުމުން ހެލްތް މިނިސްޓްރީން ބުނަނީ އެލަވަންސް ޝީޓްތަކުގައި މައްސަލަ އުޅޭކަމަށް. އެކަމަކު އުޅޭ މައްސަލައެއް ސާފުކޮށްދެވިފައެއް ނުވޭ،" އެލަވަންސް ނުލިބިފައިވާ ފްރޮންޓްލައިން މަސައްކަތްތެރިއަކު ބުންޏެވެ.

އެތަކެއް ދުވަހަކަށްފަހު އެލަވަންސްގެ ގޮތުގައި ކުޑަ ފައިސާކޮޅެއް ޖަމާކުރި ކަމަށާއި އެހެން ހެދުމުން އޭގެ ތަފްސީލް ބެލޭނެ ގޮތެއް ނޯންނަ ކަަމަށް މަސައްކަތްތެރިން ބުނެ އެވެ.

އެޗްއީއޯސީގައި މިހާތަނަށް މަސައްކަތްކޮށްފައިވާ މީހުންނަށް އެލަވަންސްތައް އިންސާފުވެރިކަމާއި އެކު ޖަމާވަންދެން، އިހްތިޖާޖު ކުރުމުގައި ދެމި ތިބޭނެ ކަމަށް މަސައްކަތްތެރިން ބުނެ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުން ތިން ކެޓަގަރީއަކަށް ބަހައި ސަރުކާރުން އަންނަނީ އެލަވަންސް ދެމުންނެވެ. ހައި ރިސްކް ކެޓަގަރީގެ މީހުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. ދޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. މީޑިއަމް ރިސްކް ކެޑަގަރީގެ މީހުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 250ރ. ވަނީ ކަނޑައަޅާފަ އެވެ. އަދި ލޯ ރިސްކު ކެޓަގަރީގައި މަސައްކަތްކުރާ ނަމަ ދުވާލަކު 200ރ. ދޭނެ ކަމަށް ބުނެފައިވެ އެވެ.