މިނިސްޓްރީ އޮފް ޓޫރިޒަމް

ރިސޯޓު ހަދަން ހުޅުވާލި ހަތަރު ރަށަށް ކުރިމަތިލީ އެންމެ ކުންފުންޏެއް

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރަށަކުން ބައެއް ހިމެނޭ ގޮތަށް ހަތަރު ރަށް ހުޅުވާލުމުން ބިޑު ހުށަހެޅީ އެންމެ ކުންފުންޏެކެވެ.

ޓޫރިޒަމް މިނިސްޓްރީން އަވަސް އަށް ބުނީ ރިސޯޓު ހަދަން ހުޅުވާލި ހަތަރު ޕްރޮޕަޓީ އަށް ހަތް ފަރާތަކުން ބިޑު ފޮތް ގަތް ނަމަވެސް، ބިޑު ހުށަހަޅާފައި ވަނީ އެންމެ ފަރާތަކުންނެވެ. އެއީ ބޭރުގެ ފަރާތެކެވެ. ނަމަވެސް އެ ފަރާތުންގެ މައުލޫމާތު އަދި އެ މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ސޯޓު ހަދަން ނެރެފައި ވަނީ ހއ. އަލިދުއްފަރު އާއި ހދ. ވައިކަރަމުރައިދޫގެ 15 ހެކްޓަރު ބިން އަދި ށ. ކުޑަޅައިމެންދޫ ނ. ކުންނަމެލައި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ރިސޯޓު ހަދަން ހުޅުވާލި ރަށްތަކުގެ ތެރެއިން ބިޑު ހުށަހަޅާފައިވަނީ ނ. ކުންނަމެލައި އަށް އެކަންޏެވެ.

ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނުއިރު، ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާއެކު މި ރަށްތަކަށް ޝައުގުވެރިކަން އިތުރުވެ މައުލޫމާތު ސާފު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

ރިސޯޓު ތަރައްގީ ކުރުމަށްޓަކައި 29 ރަށް މި ދައުރު ނިމޭއިރު ނެރޭނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. މި ރިސޯޓް ހަދަން ނެރޭ ރަށް ތަކުން 18،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ މި ރަށްތައް ފިޔަވަހި ތަކަށް ބަހާލައިގެން ބިޑަށް ހުޅުވާލާނެ ކަމަށެވެ.

މި އަހަރުގެ ބަޖެޓުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 10 ރަށެއް ނެރެން ނިންމާފައިވެ އެވެ. އަދި މި ރަށް ތަކުން ދައުލަތަށް 130 މިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.