ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

އެއް ފިޔަ ދީގެން އުދުހެވޭނެތަ؟

ދިވެހި ދިދަ ހިފައިގެން އުދުހޭނެ ގައުމީ އެއާލައިނެއް އުފެއްދުމުގައި ދިވެހިން ވަނީ ހިތި ތަޖުރިބާ ތަކެއް ކޮށްފަ އެވެ. ރާއްޖޭގެ ނަމާއެކު އެއާ މޯލްޑިވްސް އުދުއްސައިގެންތާ މާ ގިނަ ދުވަހެއް ނުވެ އެ ކުންފުނި ބަނގުރޫޓު ވެގެން ދިޔަ އެވެ. މެލޭޝިއާ ކުންފުންޏަކާއެކު ހެދި ޖޮއިންޓް ވެންޗާއެއްގެ ދަށުން އުފެއްދި ކުންފުނި ބަނގުރޫޓުވުންވީ ދިވެހިންގެ ހިތަށް ތަދުކުރި ބޮޑު ކަމަކަށެވެ. ސަރުކާރުގައި އޭރު ތިބި ބައެއްގެ އިހުމާލާއި ކޮރަޕްޝަންގެ ނަތީޖާއަކީ ކުންފުނި ބަނރޫޓުވެ ދިވެހިން ދިދަ ބިމަށް ވެއްޓުމެވެ. މިނިވަން ކަމަށް ބައި ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ މި ގައުމުގައި ދިވެހި ދިދައާއެކު އުދުހިލާނެ ދިވެހިންގެ ފަހުރުވެރި ބޮޑު އެއާލައިނެއް ނެތުމުގެ ހުސްކަން ފެންނަނީ އެހެންވެ އެވެ.

އެކަމަކު 2000 ވަނަ އަހަރު އުފެއްދި އައިލެންޑް އޭވިއޭޝަން މިހާރުގެ މޯލްޑިވިއަންއާއެކު ދިވެހިންގެ އުންމީދުތައް ވައިގެ ތެރެއަށް ގެންދިޔަ އެވެ. ނަމަވެސް ހަވާ ގެތެރެ އަށް އަރައިގެން ދިޔަ މި ދަތުރު 2018 އިން ފެށިގެން ދިޔައީ ބިރުވެރި ހުވަފެއްނެއްގެ ގޮތުގައި ތިރިވަމުންނެވެ. ގައުމީ އެއާލައިން ގެއްލުންވާ ފެށި އެވެ.

މި ވާހަކައަކީ ދޫދޫމަތިން ދައްކާ ފްލޯކް ވާހަކައަކަށް ވުރެ ބޮޑަށް ފެކްޓް ބޭސްކޮށް ހިސާބުން ފެންނަން އޮތް ހަގީގަތެކެވެ. މިހެން އޮއްވާ ކޮވިޑު ލައްވާލުމާއެކު މުޅި ދުނިޔޭގެ އެއާލައިން އިންޑަސްޓްރީ ފުނޑި، ކުންފުނި ސަރުކާރަށް ވާންޖެހޭ ބަރޯސާ ބޮޑުވެ ސަރުކާރުގެ ޖީބު ތެރޭގައި ބޯޓުތައް "ޕާކު ކުރަން" މަޖުބޫރުވި އެވެ.

މި ހިސާބުން ސަރުކާރުން ވިސްނަން ފެށީ މި ހަރަދުން "ބޯދަމައި ގަނެވޭނެ" ގޮތަކަށެވެ. އެއް ގޮތަކީ އެމްޑީޕީ ވެރިކަމުގައި ބޭނުންކުރާ ވިޔަފާރީގެ އެއް މޮޑެލް ކަމަށްވާ "ތިން ޕީ" ނުވަތަ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕަކަަށް ދިއުމެވެ. މިއަށްވުރެ ރީތި ބަހުންނަމަ ޖޮއިންޓް ވެންޗާއެއް ހަދާށެވެ. ނުވަތަ އެއާލައިންގެ "އެއް ފިޔަ" ބަޔަކަށް ދީގެން ހިންގޭނެ ގޮތެއް ހޯދުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ ގައުމީ އެއާލައިންއާއެކު ޖޮއިންޓް ވެންޗާ ހަދާނެ ބަޔަކު ވެއްޖެ ކަމަށެވެ.

ގައުމީ އެއާލައިންގެ އެއް ފިޔަ ބަޔަކަށް ނުދީ އެއާލައިން ނުހިންގޭނެ ހެއްޔެވެ؟ އެއް ފިޔަ ދީގެން އުދުހި ގަނެވޭނެ ހެއްޔެވެ؟ މި ނޫން މޮޑެލްއެއްގައި ގައުމީ އެއާލައިން ކޮޅަށް ޖެހިދާނެ ހެއްޔެވެ؟ މި ހާލަތަށް އެއާލައިން ދިއުމުގެ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟ ގައުމީ އެއާލައިން އޮތީ ވައިގެ ދަތުރުފަތުރުގެ ވާދަވެރި ކަމަށް ނުކުމެވޭނެ ހާލަތެއްގައި ހެއްޔެވެ؟ އެއް ފިޔަ ދީފިނަމަ ވަރަ ބިނދިދާނެ ހެއްޔެވެ؟

ގައުމީ އެއާލައިންގައި ގިނަ ދުވަސްތަކެއް ވަންނަން މަސައްކަތް ކުރެއްވިފަހުން ވަޒީފާ އިން ވަކިކޮށްފައިވާ ކުރީގެ ފްލައިޓް އޮޕަރޭޝަން ޑިރެކްޓަރު މުހައްމަދު އަމީން (ކެޕްޓަން އަމީން) ވިދާޅުވެފައިވާ ގޮތުގައި އެއާލައިނަށް މި މައްސަލަ ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ އެއާލައިން ހިންގަން ނޭނގޭ، އާއިލީ މީހުންނަށް ގައުމީ އެއާލައިންގެ ހުންގާނު ހަވާލު ކުރުމެވެ. މިވާހަކައަށް ބާރު ދެނީ ތިރީގައި އެވާ ކުރު މާލީ ހިސާބުތަކުންނެވެ.

2018 އިން ފެށިގެން ގެއްލުން ބޮޑުވާން ފެށި

ގައުމީ އެއާލައިންގެ ފައިނޭންޝަލް ރިޕޯޓުން ބޮޑު "ނެގެޓިވްއެއް" ދައްކަން ފަށާފައި ވަނީ 2018 ގެ ފަހުން ކަން އޮޑިޓް އޮފީހުން މިދިޔަ އަހަރު ނެރުނު 2018 ވަނަ އަހަރުގެ ރިޕޯޓުން އެނގެ އެެބައޮތެވެ. ސަރުކާރު ބަދަލުވުމަށް ފަހު މޯލްޑިވިއަންގެ މެނޭޖިން
ޑިރެކްޓަރުގެ މަގާމަށް ހަވާލުވީ ކުރިން މޯލްޑިވިއަން ހޮލީޑޭސް ހިންގުމުގައި އިސްކޮށް ހުންނެވި އަދި މިހާރު ރީޖަނަލް އެއާޕޯޓްސްތަކުގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ އޭރު އަމިއްލަފުޅަށް މުސާރަ ބޮޑު ކުރެއްވި މުހައްމަދު ރިޒުވީ އެވެ. ގައުމީ އެއާލައިން ހިންގަވަން ހުންނެވިއިރު ފިނޭންސުގެ ހުއްދަނެތި އޭނާ އަމިއްލަފުޅަށް މުސާރަ ބޮޑު ކުރެއްވި އެވެ. އަދި 2018 ގައި ރިޒުވީ މި ކުންފުންޏާ ހަވާލުވި ފަހުން ކުންފުނީގައި ތިބި ގާބިލު އެތައް ބަޔަކު ކަނޑާ "ބުރުވާލި" އެވެ. މި ދުވަސްވަރު އުފެއްދި ރާއްޖޭގެ ބައެއް އެއާލައިން ތަކަށް ގާބިލް އެތައް ބަޔަކު ބަދަލުވި އެވެ. އެހެންވެ ގައުމީ އެއާލައިންގެ ޓެކްނިކަލް ކެޕޭސިޓީ އާއި ކުންފުނީގެ އިންސްޓިޓިއުޝަނަލް މެމޮރީ ދިޔައީ ދައްވަމުންނެވެ.

އޮޑިޓަ ޖެނެރަލް އޮފީހުން ހަދާފައިވާ 2018 ވަނަ އަހަރުގެ އައިލެންޑް އޭވިއޭޝަންގެ އޮޑިޓް ރިޕޯޓް ދައްކާ ގޮތުން އެ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކުހަށް ކެނޑުމުގެ ކުރީގައި ފައިދާއަށް 114 މިލިއަން ލިބި ސާފު ފައިދާގެ ގޮތުގައި 98 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. ނަމަވެސް މިއަދާ ހަމައަށް މި ކުންފުނީގެ މާލީ ހާލަތު އޮތް ގޮތަށް ބަލާނަމަ ގެއްލުމުގެ އަދަދު 110 މިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންތައް ބަލަހައްޓާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރުނު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން އާމްދަނީ އެކަނި 76 ޕަސެންޓް ދަށްވި އެވެ. މި ގެއްލުންވުމުގެ މައިގަނޑު އެއް ސަބަބަކީ ކޮވިޑް-19 އެވެ. ނަމަވެސް ކޮވިޑުގައި މޯލްޑިވިއަން ބޯޓު ފަހަރު ބިމައްޗަށް ޖެހުމާ ހަމައަށް އާއިރު ވެސް ކުންފުނީގެ ހާލަތު އޮތީ ގޯހުން ގޯހަށް ގޮސް ބޮއްސުން ލާފަ އެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ގައުމީ އެއާލައިނަށް ބޮޑު ގެއްލުމެއްވާ އެއް ސަބަބަކީ އިސްރާފު އިންތިހާއަށް މަތިވުމެވެ. އަދި ސިޔާސީ ބޭނުންތަކަށް ކުންފުނި ބޭނުން ކުރުން ގިނަވުމެވެ.

"ކޮވިޑާ ހަމައަށް އައިއިރު މުޅި އޮޕަރޭޝަން މި އޮތީ އެއް ދިމާލަކަށް. ޗައިނާއަށް މުޅި އޮޕަރޭޝަން އޮތީ. އެހެން އޮއްވާ ޗައިނާ ބަންދު ކުރުމަކީ ލިބިގެން ދިޔަ ބޮޑު ގެއްލުމެއް. އެހެންވެ އިތުރު ގޮތެއް ނެތް އެއާލައިނަކަށް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

ކުންފުނި ބޮޑު ގެއްލުމެއްގައި އޮތްއިރު ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ގައުމީ އެއާލައިން ޕްރައިވެޓައިޒް ކުރުމެވެ. ނުވަތަ ޖޭވީ ހަދައިގެން ހިންގާ މޮޑެލް އަކަށް ދިއުމެވެ. ޖޭވީ ހަދަނީ ކޮން ބައެއް ހެއްޔެވެ؟

އަވަސް އަށް ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވި ގޮތުގައި އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޖޭވީއެއް ހެދުމަކީ ވަރަށް ރަނގަޅު ނިންމުމެކެވެ. ސުވާލަކީ ސަރުކާރުގައި އޮތް ހިއްސާ އެހެން ބަޔަކަށް ވިއްކާލުމުން ދެން ނުކުމެދާނެ މައްސަލަތަކަށް ބަލާފައި ވަނީ ކިހާ ވަރަކަށް ހެއްުޔެވެ؟ ސަރުކާރުގެ ހަމައެކަނި ވިސްނުމަކީ ބަޖެޓަށް ފައިސާ ހޯދުން ހެއްޔެވެ؟

މޯލްޑިވިއަނަށް އިތުރު ފުރުސަތެއް ނެތީތަ؟

މޯލްޑިވިއަން ޖޭވީއަކާ ދިމާލަށް ދަތުރު ކުރާއިރު އެންމެ ފަހުގެ މާލީ ރިޕޯޓް ދައްކާ ގޮތުން ޓޫރިޒަމް ހުޅުވުމާއެކު އެ ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވަމުންދާ ކަމަށް ދައްކަ އެވެ. ނަމަވެސް ކުންފުނި ކުރިއަށް ގެންދަން ސްޓްރެޓެޖިކް ޕްލޭނެއް ނެތެވެ. ގައުމީ އެއާލައިންގެ ދިވެހިންގެ ގައުމީ އެއާލައިނެއްގެ ގޮތުގައި ބޮޑު ކުރުމުގެ ވިސްނުމެއް އޮތް ކަމަށް ނުދައްކަ އެވެ.

ނަމަވެސް މިހާރު ޓޫރިޒަމްގެ މޫނުމައްޗާއި ދުނިޔެ އޮތް ގޮތުން ދިވެހިންގެ ބަސް ވިކޭ ދިވެހި ކުންފުންޏެއްގެ ގޮތުގައި ގައުމީ އެއާލައިން ބޭއްވުމުގެ މުހިންމުކަން ވަކިން ކުޑައެއް ނޫނެވެ. މިކަން އެނގިގެން ދިޔައީ ކޮވިޑް-19 ގެ ތެރޭގަ އެވެ. މި ބަލީގައި މުޅިރާއްޖެ ބަލިކޮށްލައި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމުން ރާއްޖެއަށް ބޭނުންވާ ބޭސް ގެނެސްދިނީ ސަރުކާރުން އިންޓަވިންކޮށްގެން މޯލްޑިވިއަންގަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހެދި ކަރަންޓީން ފެސިލިޓީ ތަކަށް ބަލި މީހުން ސީޕްލޭންގައި އުފުލައި ދިނީ ވެސް މި އެއާލައިނެވެ. ސުވާލަކީ ޖޭވީއެއް ހަދައި ގައުމީ އެއާލައިންގައި އޮތް ދިވެހިންގެ ހިއްސާގެ ކޮންޓްރޯލް އެހެން ބަޔަކަށް ދީފިނަމަ މިފަދަ ހާލަތްތަކުގައި މިކަން ކުރަން ފަސޭހަވާނެ ހެއްޔެވެ؟ އަނެއްކާ ރާއްޖޭގެ ޓޫރިޒަމް އޮތް ގޮތުން ދިވެހިންގެ ކޮންޓްރޯލް އޮތް އެއާލައިނެއް ޓޫރިޒަމް ހިފަހައްޓަން ވެސް ބޮޑު ކުރުން މުހިންމެވެ. މުޅި އިންޑަސްޓްރީ ބޭރުގެ އެއާލައިންތަކުގެ އަތްމަޗަށް ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ހެއްޔެވެ؟

މިހާރު ޓޫރިޒަމްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ސަރުކާރުން ބޭނުންވެއްޖެނަމަ ޕްރައިވެޓައިޒް ނުކޮށް ވެސް ގައުމީ އެއާލައިން ކޮޅަށް ޖެހިދާނެ ފުރުސަތުތައް ފެނެ އެވެ. އެކަމަކު އެކަން ކުރަން ޖެހެނީ ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިގެންނެވެ. އެކަމަށް ދިވެހިން ބައެއް ވިޔަފާރި ކުންފުނި ތަކުން ބޭނުން ވެސް ވެ އެވެ.

މިހާރު ދުނިޔެ ބަދަލުވެފައިވާ ގޮތުން ޗާޓަރު ފްލައިޓުތަކުގެ ޑިމާންޑް އިންތިހާއަށް މައްޗެވެ. އެހެންވެ މި ވަގުތުގެ ބޭނުންކޮށް އެއާބަސް މަރުކާގެ އިތުރު ދެ ބޯޓު ނުވަތަ އެއް ބޯޓު ގެނެސްގެން ނަމަވެސް މިކަން ފެށިއްޖެނަމަ ރާއްޖޭގެ ޓޫރިޒަމަށް ވެސް ފައިދާ ކުރާނެ އެވެ. އަނެއްކާ ދުނިޔޭގެ އެހެން ގައުމު ތަކުން އަންނަ ޑިމާންޑު ވެސް ދަށެއް ނުވާނެ އެވެ.

ރާއްޖެއަށް ރަޝިއާ ރީޖަނުން އެންމެ ގިނައިން ޓޫރިސްޓުން ގެންނަ އެއް ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި ޓޫރިޒަމް އިންޑަސްޓީގެ ދިވެހިންނާއެކު ގައުމީ އެއާލައިން ކޮޅަށް ޖެހިދާނެ އެވެ. އަދި އިގްތިސޯދު ގޯސް ދުވަސްވަރެއްގެ ކުއާޓަރެއްގައި ގައުމީ އެއާލައިނަކަށް 25 މިލިއަން ރުފިޔާވަރުގެ ގެއްލުމެއް ވެގެން އެ ވާހަކަ ދައްކާތީ ލަދުގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް އެދުނިން މޯލްޑިވިއަންގައި ޗާޓަރު ދަތުރުތަކެއް ފަށައި ދޭން. ޔޫކްރެއިނުން ރާއްޖެއަށް ފްލައިޓު ތަކެއް އަޅައިދޭން. އެކަމަކު ބުނިން މިކަން ކުރެވޭނީ މާކެޓް ރޭޓުގައޭ. ރާއްޖެއަށް އެ ފްލައިޓް ނޭޅުނީ ކީއްވެގެން ތޯ؟ ކީއްވެގެން ތޯ ބޯޓެއް ލީޒް ކޮށްގެން ނަމަވެސް ޓޫރިޒަމަށް މި ވަރުގެ ކަމެއް ކޮށްދޭން ގައުމީ އެއާލައިންއަށް ނުކެރުނީ؟ ގައުމީ ވިސްނުމެއް އެއްގޮތަކަށް ވެސް ނެތް. ދުނިޔޭގެ އެހެން އެއާލައިން ތަކުން ކުރާ އުސޫލުން ކޮންމެ ދެ ފްލައިޓްގެ އެޑްވާންސް ދީގެން އަޅުގަނޑުމެންނަށް ވެސް ދޭން އެދުނިން،" ވަލީދު ވިދާޅުވި އެވެ.

އަޅުގަނޑުމެން ވެސް އެދުނިން މޯލްޑިވިއަންގައި ޗާޓަރު ދަތުރުތަކެއް ފަށައިދޭން. ޔޫކްރެއިން އިން ރާއްޖެ އަށް ފްލައިޓު ތަކެއް އަޅައިދޭން. އެކަމަކު ބުނިން މިކަން ކުރެވޭނީ މާކެޓް ރޭޓުގައޭ. ރާއްޖެ އަށް އެ ފްލައިޓް ނޭޅުނީ ކީއްވެގެން ތޯ؟ ކީއްވެގެން ތޯ ބޯޓެއް ލީޒްކޮށްގެން ނަމަވެސް ޓޫރިޒަމަށް މި ވަރުގެ ކަމެއް ކޮށްދޭން ގައުމީ އެއާލައިންއަށް ނުކެރުނީ؟
ޝާޒް ވަލީދު | ރިސޯޓް ލައިފްގެ ވެރިޔާ

ރަޝިއާގައި އޮފީސް ހުޅުވައިގެން ހިންގާ ވަލީދު ވިދާޅުވި ގޮތުގައި ޔޫކްރެއިންގައި ރާއްޖެއަށް ޑައިރެކްޓް ފްލައިޓެއް ނެތްއިރު، ގައުމީ އެއާލައިން ބޭނުންނަމަ ތިން ހަފުތާތެރޭ އޭ320 ގައި ދަތުރުތައް ފެށިދާނެ އެވެ. މި ފަދަ ދަތުރުތަކެއްގެ ސަބަބުން ދަތުރު ފަށާ ހިސާބުން ހުރިހާ ފައިސާއެއް ވަންނާނީ ރާއްޖެއަށެވެ.

"މިއީ އިންޑިރެންޓް ޑައިރެކްޓް އެތައް ޓެކްސް ތަކެއް ވަންނާނެ ކަމެއް. މިފަދަ ދަތުރެއް ފަށައިފިނަމަ ދަތުރު ފަށާ ހިސާބުން ހުރިހާ ފައިސާއެއް އެ ވަންނަނީ ރާއްޖެއަށް. ދިވެހި އެޖެންސީން ޓިކެޓު ވިއްކާނީ، ދިވެހި ހޮޓާތަކުގައި ތިބޭނީ ދިވެހިން ބުކިން ހައްދާނީ. އެހެންވީމަ މި ހުރިހާ ފައިސާއެއް މި ވަންނަނީ ރާއްޖެ އަށް ނޫން ތޯ؟ ހަގީގަތަކީ ރާއްޖޭގެ ދިދަ ހިފައިގެން ދަތުރުކުރާ ބަޔަކު ތިބެ އެކަން ކޮށްދޭން ބޭނުންނަމަ ބޭރުގެ ބައެއްގެ އަތުން އެއާލައިން ނަގައިގެން ދަތުރު ކުރަން ބޭނުމެއް ނުވޭ،" ރަޝިއާ، ޔޫކްރެއިން އަދި ބަލްގޭރިއާ އިން ޗާޓަރު ގެންނަ، ވަލީދު ވިދާޅުވި އެވެ.

ރާއްޖޭގައި ފުރުސަތު ބައިވަރެވެ. ގައުމީ އެއާލައިން ކޮންމެހެން ޕްރައިވެޓްއިޒް ނުކޮށްގެން އުދުހެވިދާނެ އެވެ. އަނެއްކާ ޖޮއިންޓް ވެންޗާ ހަދައިގެން މިހާތަނަށް ރާއްޖެކުރި ތަޖުރިބާ އިން ވެސް ސާބިތު ވަނީ މި މޮޑެލް ވޯކްކޮށްފައި ނެތް ކަމެވެ. އެހެންވެ ސުވާލަކީ މިހާރު ސަރުކާރުން ބޭނުންވާ ގޮތަށް ގައުމީ އެއާލައިންގެ އެއް ފިޔަ ދީގެން އުދުހެވިދާނެ ހެއްޔެވެ؟