ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރަޝިއާ ސަރަހައްދުން މިއަދު ހާހަކަށްވުރެ ގިނަ ޓޫރިސްޓުން

ރަޝިއާ ހިމެނޭ ސަރަހައްދުގެ ގައުމު ތަކުން މިއަދު ހާހަކަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނާނެ އެވެ.

ރަޝިއާ ރީޖަން އިން ޓޫރިސްޓުން ގެންނަ އެންމެ ބޮޑު ކުންފުނި ކަމަށްވާ ރިސޯޓް ލައިފްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާޒް ވަލީދު ވިދާޅުވި ގޮތުގައި މިއަދު އެކަނި އެ ކުންފުނިން ތިން ފްލައިޓެއް ރާއްޖެ ގެންނާނެ ކަމަށެވެ. މީގެތެރޭގައި 777 ގެ ވައިޑް ބޮޑީ އެއާ ކްރާފްޓް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިން ފްލައިޓުން ހާހަކަށް ވުރެ ގިނަ މީހުން މިއަދު އެކަނި އަންނާނެ. މިއީ ދިވެހި ކުންފުންޏަކުން އެއް ދުވަހެއްގައި އެންމެ ގިނައިން ޓޫރިސްޓުން ގެންނަ ދުވަހަށްވާނެ،" ޝާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދު އަޒޫރް އެއާގެ ރަޝިއާއިން އަންނަ ފްލައިޓަކާއި ޔުކްރޭން އިން އަންނަ ފްލައިޓެއްވެސް ޖައްސާނެ ކަމަށެވެ. އަދި ކޮންމެ ހަފުލާއެއްގެ ހޮނިހިރު ދުވަހު އޮންނަ މި ދަތުރުތައް މާޗް މަހާ ހަމައަށް ދެމިގެންދާނެ ކަމަށް ވަލީދު ވިދާޅުވި އެވެ.

"އަޒޫރު ޔުކްރޭން އިން 311 މީހުން ހެނދުނު މިއައީ. އަދި އަޒޫރު ރަޝިއާ އިން 530 އަދި ޔުކްރޭން އިންޓަނޭޝަނަލް އިން 280 މީހުނާއެކު މެންދުރު ދެ ފްލައިޓް ޖައްސާނެ،" ވަލީދު ވިދާޅުވި އެވެ.

އަޒޫރު އެއާއިން ޔުކްރޭން އިން އައި ފްލައިޓަށް މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔާފަ އެވެ. އެ ފްލައިޓަށް މަރުހަބާ ކިއުމުގެ ގޮތުން ބޮޑު ބެރުގެ އައިޓަމެއް ބޭއްވުމާއި ބޯޓު ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ދީފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރަޝިއާއިން ބޯޑަރު ހުޅުވިފަހުން މިހާތަނަށް 26،555 މީހުން އައިސްފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް 46،065 މީހުން ވަނީ އައިސްފަ އެވެ. އަދި ޔުކްރެއިން އިން މިހާތަނަށް 4،181 މީހުން އައިސްފައިވެ އެވެ.