ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނުނިމި ލަސްވެ, ޓޫރިޒަމް ސިނާއަތަށް ދަތިތަކެއް ކުރިމަތި ސަބަބަކީ ވެރިކަން ބަދަލުވުމާއެކު ރާއްޖޭގެ "ނޭޝަނަލް ޕްލޭން" އާ ކުޅުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި އެވެ.
ވީޓީވީގެ ޕްރޮގްރާމެއްގައި ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ އެއާޕޯޓް ނުނިމި ލަސްވުމަކީ ޓޫރިޒަމް ދާއިރާއަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ. އަދި ކޮންމެ ކަންބޮޑުވުމަކީ ވެސް ހައްލު ހޯދޭނެ ކަމެއް ކަމަށާ "ކަމެއް ދިމާވުމުން ފާރުގައި ބޯތަޅަން ނުޖެހޭ" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް އެންމެ ބޭނުން ވަނީ ދަތުރު ފަތުރު ކަމަށާ، ހާއްސަކޮށް ވަކިވަކި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮންނައިރު ފުރަތަމަ ރާއްޖެއާ ހަމައަށް އަންނަން ޖެހޭ ކަމަށެވެ. އަދި މިދިޔަ ދެ މަސް ދުވަހު ބޯޓުތައް ނުޖެއްސި އޮންނަން ޖެހުނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
މައުސޫމް ވިދާޅުވީ ވީއައިއޭ މަތީގައި ބޯޓުތައް ނުޖެއްސި އެނބުރެން ޖެހޭ ސަބަބަކީ އެއާޕޯޓް ހެދުމުގައި އޮތް ލޮޅުންތަކަކާއި ލަސްވުމެއްގެ ސަބަބުން ކަމަށެވެ.
" [އެއާޕޯޓް] ހެދުމުގައި އައި ލޮޅުން ތަކަކީ ސަރުކާރެއްގެ މައި ނޭޝަނަލް ޕްލޭނާ ސަރުކާރު ބަދަލުވީމަ ކުޅުނީމަ ވާގޮތް. ނޭޝަނަލް ޕްލޭނާ ސަރުކާރު ބަދަލުވިއަސް ކުޅެގެން ނުވާނެ. އެ ޖެހޭނެ އެ އޮތް ގޮތަށް ކުރިއަށް ގެންދަން. ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވީމަ ނޭޝަނަލް ޕްލޭންއާ ކުޅެގަތީގެ އޭގެ ހުރިހާ ގެއްލުމެއް ފޯރާނީ ގައުމަށް، ރައްޔިތުންނަށް. ދެން އެ ވާހަކަ ބާއްވާ،" އެ ހިސާބުން މިނިސްޓަރު އެ ޓޮޕިކާ ދުރަށް ވަޑައި ގަތެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ އަޅަން ހިއްކަން ބޮޑު އެއް ބިލިއަން އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި މަޝްރޫއުގެ ދަށުން އާ ރަންވޭ އަކާއި ސީޕްލޭން ޓާމިނަލްއެއް ހަދައި ނިމިފައި އޮންނަތާ ދެ އަހަރު ވަނީ ވެފަ އެވެ. އަދި މި މަޝްރޫއު ދަށުން ވީއައިއޭގެ ފިއުލް ކެޕޭސިޓީ މަތިކޮށް އާ ފިއުލް ޓާމިނަލެއް ވެސް އެޅި އެވެ. އަދި އާ އިންޓަނޭޝަނަލް ފެސެންޖަރު ޓާމިނަލެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް މި މަސައްކަތް 2018 ގައި ވެރިކަން ބަދަލުވުމާއެކު ވަނީ ލަސްވެގެން ގޮސްފަ އެވެ. މީގެ މައިގަނޑު ސަބަބަކީ މި ބޮޑު މަޝްރޫއަށް މި ސަރުކާރުން ބައެއް ބަދަލުތައް ގެނައުމެވެ. އަދި މީގެ ސަބަބުން ބައެއް ލޯނުތައް ލިބުމުގައިވެސް ދަތިވެގެން ދިޔަ އެވެ.